ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަދައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކޮންމެ ޕެޓިޝަނެއްގައި ހަމަވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުން ޝަރުތެއް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވެސް ފާސްކޮށްފިއެވެ.
ޕެޓިޝަން ހުށަހެޅުމަށް މަޖިލީހުގައި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރެއިން ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) ގައިވާ ޝަރުތު އުނިކުރަން މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
މަޖިލިސް ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި އޮވެގެންނުވާނެ ކަމަށެވެ.
މެންބަރު މަމްދޫހު ހުށަހެޅުއްވީ އެ މާއްދާ ގަވާއިދުން އުނި ކުރުމަށެވެ. އެ މައްސަލް މަޖިލިސް ތަޅުމުގައި އއިްޔެ އިއުލާން ކުރެއްވުމަށްފަހު އިތުރަށް ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވިއެވެ.
އެކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ބައި އުނިކުރަން ފާސްކުރީ، އެ މާއްދާ އުނިކޮށް، ދެން ހުރި މާއްދާގެ އެހެން އަކުރުތައް ތަރުތީބު ކުރުމަށް، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި އިސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ޝަފީއު ތާއީދު ކުރައްވައިގެންނެވެ.
މި ގޮތަށް ފާސްކުރުމަށްފަހު އެ ނިންމުމާ މެދު މަޖިލީސް ތަޅުމުން ގޮތެއް ނިންމުމަށް އާއްމު ކޮމިޓީގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައި މަޖިލީހުންވެސް ފާސްކުރީ ކޮމިޓީން ނިންމާފައި އޮތް ގޮތަށެވެ.
އެއީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެެރެއިން ޕިއެންސީގެ 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވީ އެގޮތަށް ފާސް ނުކުރުމަށެވެ.
މަޖިލިސް ގަވާދުގައި ހިމެނޭ ޕެޓިޝަނާބެހޭ މާއްދާއިން އަކުރެއް އުނިކޮށް ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފައި މިވަނީ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ގޮވާލާ ހުށަހެޅި ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރަންޖެހޭ ވަރަށް ސޮއި ހަމަވެފައި ވަނިކޮށް، އެ ބިލު އޮތްގޮތަށް މަޖިލީހުން ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރަން ފަށާފައި ވަނިކޮށެވެ.
މި އިސްލާހު މަޖިލިސް ގަވާއިދަށް ނުގެނައިނަމަ، އެ ބިލް ފާސްކުރަން ގޮވާލި ޕެޓިޝަނަށް ސޮއި ހަަމަވިއަސް މަޖިލީހަކަށް ނުވެއްދުނީހެވެ. އެއީ އެ ދެ ޕެޓިޝަނަކީ އެއް މައްސަލައަކާ ގުޅޭ ދެ ޕެޓީޝަނަށް ވުމުންނެވެ.
ނަމަވެސް މަޖިލިސް ގަވާއިދަށް މި ގެނައި އިސްލާހާ ގުޅިގެން ބިލް ފާސްކުރަން ގޮވާލާ ހުށަހެޅި ޕެޓީޝަން ވެސް ސޮއި ހަމަވުމުން މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެ ބިލު އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި ޕެޓިޝަނަށް ބޭނުންވާ ވަރަށް ސޮއި ލިބިފައިވުމުން އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހު ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެޖެންޑާ ކުރުމަށް މަޖިލިސް ރައީސްގެ ސަމާލު ކަމަށް ގެންނަން ޕެޓިޝަން ކޮމިޓީން ވަނީ ފާސްކޮށްފިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް