ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އައި ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަން މާލެ ސިޓީ ކައުންސިލުން މި އަހަރު 1.1 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމުންނެވެ.
ނޫސްތަކާއި ސޯޝަލް މީޑިއާގައި އެ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ކަމަށް ބުނެ މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ދެ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
"2023 ގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ހަރަދު ކޮށްފައިވޭ، ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު މި ހަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމަށް ހަރަދުވީ 567,839.34 ރުފިޔާ ކަމަށާއި ޖުލައި މަހުގެ ބައްދަލުވުމަށް ހަރަދުވީ 585,137.34 ރުފިޔާ ކަމަށެވެ.
"މި ދެ ބައްދަލުވުމުގެ ހަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި، ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުހީ އަޅާފައިވަނީ މުޅި އަހަރުގެ ހަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ހަރަދުކަމަށް ދޭހަވާ ގޮތަށް." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ހަބަރު ފެތުރުމުގައި ޒިންމާދާރުވެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.
އަލީ ޔާމިން
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
ކޮމެންޓް