ހދ. ނޭކުރެންދޫގައި ގާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

ނޭކުރެންދޫގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން، އިންފްރާސްޓްރަކްޗާ ހައުސިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ލިމިޓެޑްގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ބުނީ އެ މަސައްކަތުގެ ޓެސްޓް މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. ކުރިޔަށް ރޭވިފައިވަނީ އެ ނިޒާމު އޮޕަރޭޓް ކުރުމުގެ ގޮތުން އޮޕްރޭޓަރާ ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން، ފެން ޓެސްޓުކުރެވޭ އިކްއިޕްމެންޓްތަކާ އެކު، ލެބޯޓަރީއަކާއި، އޮފީސް ޖާގަ ހިމެނޭނެހެން، 30 ކިލޯވޯލްޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށެވެ. އަދި އާރުއޯ ޕްލާންޓުގެ އިމާރާތެއް ގާއިމުކޮށް، ދެ ބޯހޯލް ތޮރުފައި، 30 ޓަނުގެ ދެ އާރުއޯ ޕްލާންޓާއި 135 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކާއި 200 ޓަނުގެ ވާރޭފެން ރައްކާކުރާ އެއް ޓޭންކާއި ތިން ނަރުދަމާ ޕަންޕިން ސްޓޭޝަނާ އެކު ސްވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އަޅައި، ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ޗެކްޕިޓް ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތްތައް ނިންމާލާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ.