މީގެ 70 އަހަރަށްވުރެ ކުރިއެވެ. 1952ގެ މާރިޗު މަހުން ފެށިގެން ހިނގި ދެތިންމަހުގެ މުއްދަތެވެ. ދުވަސްވަރަކީ އިނގިރޭސި ރަސްކަމުގެ އެންމެ މަތީ ވެރިޔާ ކަމުގައި ރާނީއަކު ކަމުގައި (ފެބުރުވަރީ 1952ގައި) އިސްކުރެވުނު ދުވަސްވަރެވެ. މިހެންވުމުން ދިވެހި ސަރުކާރުން (ސަރުކާރުގެ ވެރިޔާ ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު) ގަސްދުކުރެއްވީ (އިނގިރޭސިވިލާތެކޭ އެއްފަދައިން) ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ނުވަތަ ދައުލަތުގެ ވެރިޔާ ކަމުގައި ރާނީއަކު އިސްކުރައްވާށެވެ. (ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތަސް މިއީ ހަގީގަތެކެވެ.)
ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާ، ދިވެހި ދައުލަތުގެ ވެރިޔާ ރާނީ ކަމުގައި އިސްކުރަން ގަސްދުކުރެވުނީ ސުލްޠާން ޙާޖީ ޢިމާދުއްދީންގެ ކާފަދަރިކަނބަލުން ތުއްތުގޮމާ (އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ) އެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން 1ގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 1ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 (މުސްކުޅި ބަންޑާރައިން)ގެ، އަލްއަމީރު ޙަސަން ޢިއްޒުއްދީން (މާންދޫގެ ބޮޑުދޮށީ މަނިއްޕުޅު)ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 6 (ސުލްޠާން ޙާޖީ މުޙައްމަދު ޢިމާދުއްދީން)ގެ، އަލްއަމީރާ ޤުލިސްތާން ޢިމާދުއްދީންގެ ދަރިކަނބަލުން އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ (ތުއްތުގޮމާ) އެވެ.
މިކަން ނުވި، ސަބަބަކީ އެއިރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލްއިސްލާމް މިކަމާ ރުހިވަޑައިނުގަތުމެވެ.
"އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިޔަކަށް އަންހެނަކު އެންމެ ރަނގަޅު ނޫން ކަމުގައި ވިދާޅުވުމެވެ." އެހާހިސާބުން ރާއްޖޭގެ ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރުމުގެ ވިސްނުން އައީއެވެ. އެމަސައްކަތް ފެށުނީއެވެ. ދިވެހިރާައްޖެ ޖުމުހޫރިއްޔަތަކަށް ބަދަލުވީ (ފުރަތަމަ ޖުމުހޫރިއްޔަތު ގާއިމުވީ) 1953ގައެވެ.
އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ (ތުއްތުގޮމާ) އަކީ، ފުރަތަމަ ޖުމުހޫރިއްޔަތުގެ މަޖިލިސްގެ މަތިގެ ސެނެޓުގެ ރައީސާއެވެ. އަދި ދައުލަތުގެ ވަޒީރާއެކެވެ. ވީމާ، އެކަމަނާފާނު މިވަނީ މިރޮނގުންވެސް ރެކޯޑު ކަމަނާފާނެއް ކަމުގައެވެ.
އަދިވެސް އެތައް ރެކޯޑެއް އެކަމަނާފާނަށް ވެއެވެ. ސުލްޠާން ރަސްކަލެއްގެ (ސުލްޠާން ޙާޖީ މުޙައްމަދު ޢިމާދުއްދީންގެ) ކާފަ (މާފަ) ދަރިކަނބަލެކެވެ. އަމީރާ ރަސްދަރިކަނބަލެއްގެ (އަމީރާ ޤުލިސްތާން ޢިމާދުއްދީންގެ) ދަރިކަނބަލެކެވެ. ސުމުއްވުލްއަމީރު ކިލެގެ ބޭފުޅެއް ބޮޑުވަޒީރެއްގެ (ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ) ދަރިކަނބަލެކެވެ. ރާއްޖޭގެ އެންމެފަހުގެ ބޮޑުވަޒީރުގެ (އޮނަރަބްލް އަޙްމަދު ޒަކީގެ) އަނބިކަނބަލުންނެވެ. އެންމެ ގިނަ ވުޒާރާގެ ވަޒީރުކަން ކުރެެއްވި ވަޒީރެއްގެ (އޮނަރަބްލް އިސްމާޢީލް ޝަފީޢުގެ) މަންމާފުޅެވެ.
ވީމާ، މިއީ ދިވެހި ތާރީޚުގެ މުހިންމު ސަފުހާއެކެވެ. އާންމުވެފައިނުވާ "ޚާއްޞަ" އަދި "ސިއްރު" ސަފުހާއެއްވެސް މެއެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް