ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން ތަންފީޒުކުރުމުގެ މަގުޗާޓަށް އިސްރާއީލުން ދެކޮޅު ހެދުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ 2803 ވަނަ ގަރާރުން ތާއީދުކޮށްފައިވާ މި މަގުޗާޓަށް އިސްރާއީލުން އިންކާރުކުރުމުގެ އިތުރުން، މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތު ވެސް ރާއްޖެއިން ވަނީ ބަލައިނުގަންނަ ކަމަށް ބުނެފައެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ މި ނިންމުމަކީ ސުލްހައިގެ ޕްލޭންގެ މަގުސަދުތަކާ ހިލާފު އަދި މައްސަލަ ހައްލުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ހުރަހެކެވެ. ފަލަސްތީނުން މި މަގުޗާޓު ގަބޫލުކުރުމާ ހަމައަށް ގެންދިއުމުގައި ސައުދީ އަރަބިއްޔާއާއި، ގަތަރާއި، މިސްރާއި، ތުރުކީވިލާތުގެ އިތުރުން ބައިނަލްއަގުވާމީ އެހެނިހެން ފަރާތްތަކުން ކުރި މުހިންމު ޑިޕްލޮމެޓިކް މަސައްކަތްތައް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ގާޒާގައި އުފެދިފައިވާ ނުރައްކާތެރި އިންސާނީ ހާލަތު ލުއިކުރުމަށާއި، ސަލާމަތާއި ހަމަޖެހުން އަލުން ގާއިމުކުރުމަށާއި، އާރާސްތުކުރުމުގެ މަސައްކަތްތައް ފަހިކުރުމަށްޓަކައި ލަސްނުކޮށް މި ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ބޭނުންވާ މާހައުލު އުފެއްދުމުގެ މުހިންމުކަން ވެސް ސަރުކާރުން ފާހަގަކުރިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އެ މީހުންގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދު ބަދަލެއް ނައިސް ދެމިއޮންނާނެކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް