"މޯލްޑިވްސް ޕްރިމިއާ ބޭންކު" ރަސްމީކޮށް އިފުތިތާހުކޮށް، އެ ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކު އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ރާއްޖޭގައި ބޭންކިން ލައިސެންސް ލިބިގެން ހިންގަން ފެށި 9 ވަނަ ބޭންކުގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަން މި ބޭންކުގެ ފުރަތަމަ ބްރާންޗު މިހާރު ވަނީ ހުޅުވާފައެވެ. މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭންކިން މުއާމަލާތްތައް ހިންގޭނެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޕޯޓަލް ވެސް ރައީސް ވަނީ މި ރަސްމިއްޔާތުގައި ލޯންޗުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ފައުންޑާ އަދި ޝެއާހޯލްޑާ މުހައްމަދު އަލީ ޖަނާހު ވަނީ ރައީސްއަށް ހާއްސަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ދާއިރާ އިތުރަށް ފުޅާކުރުމަށް ފަހި ފުރުސަތުތަކެއް އެބައޮތް ކަމަށެވެ. އަދި މި ދާއިރާއަށް ދިވެހި ވިޔަފާރިވެރިންނާއި އިންވެސްޓަރުން ނެރުމަށްޓަކައި އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް މަރުކަޒީ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް މުނައްވަރު ވިދާޅުވިއެވެ.

ބޭންކުގެ ޗެއާޕާސަން އާއިޝާ ނޫރްއައިން ޖަނާހް ވިދާޅުވީ، މޯލްޑިވްސް ޕްރިމިއާ ބޭންކުގެ އަމާޒަކީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ބާރުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.

އަދި މިއީ ބޭންކުގެ ދަތުރުގެ ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޒަމާނީ ބަދަލުތަކާއި ކުރިއެރުންތައް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ނޫރްއައިން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މޭ މަހު އެމްއެމްއޭއިން ހުއްދަދީގެން އުފެއްދި މޯލްޑިވްސް ޕްރިމިއާ ބޭންކުން ވަކިވަކި ފަރުދުންނަށާއި، ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެންމެހައި ހިދުމަތްތައް ފުރިހަމަކަމާއެކު ފޯރުކޮށްދޭނެކަމަށް ބުންޏެވެ.