އެސްއެމްއީ ޑިޖިޓަލުން ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ނުދައްކާ ކަސްޓަމަރުންގެ ބޭންކިން ހިދުމަތްތައް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްއެމްއީ ޑިޖިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ފިޔަވަޅަކީ އެ ކުންފުނިން ދޫކޮށްފައިވާ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓުތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

އެހެންކަމުން، އެއްވެސް ހުރަހެއް ނެތި ބޭންކިން ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށްޓަކައި، ކަނޑައަޅާފައިވާ ތާރީހުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ހަލާސްކުރުމަށް އެސްއެމްއީ ޑިޖިޓަލުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑޭ ހާލަތެއް މެދުވެރިވި ނަމަވެސް، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ހަލާސްކުރުމުން އެއް ދުވަހުގެ ތެރޭގައި އަލުން ހިދުމަތް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުނެއެވެ.

މީގެ އިތުރުން، ކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް ވާނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ހިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލެއްގެ މަތިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަން ހޯދުމަށް، އެސްއެމްއީ ޑިޖިޓަލްގެ ހޮޓްލައިން 1613 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.