އާންމުކޮށް ކަސްޓަމަރުން އޮންލައިންކޮށް އެއްޗެއް ގަންނައިރު ނުވަތަ ހޮޓަލެއް ބުކްކުރާ އިރު، އެ ހިދުމަތުން ނަގާ ޓެކްސް ދަނީ ކޮން ގައުމަކަށްތޯ ކަމެއް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް، ހިދުމަތް ދޭ ފަރާތް ހުރި ތަނެއްގެ ސަބަބުން، ރާއްޖެއަށް ލިބެންޖެހޭ ޖީއެސްޓީ (މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް) ނުލިބި ދިއުމުގެ ފުރުސަތު އޮވެއެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ޓެކްސް ނެގުމުގެ އުސޫލަކީ މުދާ ވިއްކާ ފަރާތް ހުރި ތަނުގެ ބަދަލުގައި، އެ މުދަލެއް ނުވަތަ ހިދުމަތެއް ބޭނުންކުރާ ތަނަކާ ޖީއެސްޓީ ގުޅުވައިދޭ އުސޫލެކެވެ. މުދަލެއް ނުވަތަ ހިދުމަތެއް ބޭނުންކުރަނީ ރާއްޖޭގައި ނަމަ، އެ ވިއްކި ކުންފުންޏަކީ ރާއްޖޭން ބޭރުގެ ކުންފުންޏަކަށްވީ ނަމަވެސް، އެއިން ރާއްޖޭގެ ޖީއެސްޓީ ނަގަންޖެހޭނެއެވެ. ހަމައެފަދައިން، ރާއްޖޭގެ ކުންފުންޏަކުން ރާއްޖޭން ބޭރުގެ ބޭނުންތަކަށް މުދަލެއް އެކްސްޕޯޓްކުރާ ނަމަ، އާންމު އުސޫލުން އެ މުދަލުން ރާއްޖޭގެ ޖީއެސްޓީއެއް ނުނަގާނެއެވެ. ކުރުކޮށް ބުނާނަމަ، ޓެކްސް ނެގުން ބިނާވަނީ ކަސްޓަމަރު ހުރި ތަނަކަށާއި މުދާ ގެންދާ މަންޒިލަށެވެ.
ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ ފޮނުވާ އިރު، އާންމުކޮށް އެ ގައުމެއްގެ ޖީއެސްޓީއެއް ނުނަގާނެއެވެ. އެއީ އެ މުދަލަކީ އެ ގައުމުގައި ބޭނުންކުރާނެ އެއްޗަކަށް ނުވާތީއެވެ. ނަމަވެސް، އެ މުދާ ރާއްޖެއަށް އެތެރެވާއިރު ނުވަތަ ވިއްކާއިރު ރާއްޖޭގެ ޖީއެސްޓީ ނުނެގިއްޖެނަމަ، އެ މުދަލުން އެއްވެސް ގައުމަކަށް ޓެކްސްއެއް ނުލިބި ދެއެވެ.
މިސާލަކަށް ފޯނު ކަވަރަކަށް ބަލާލަމާ ހިނގާށެވެ. މަޖީދީމަގުގައި ހުރި ފިހާރައަކުން 162 ރުފިޔާއަށް ވިއްކާ ފޯނު ކަވަރެއްގެ އަގުގައި 12 ރުފިޔާގެ ޖީއެސްޓީ ހިމެނެއެވެ. އެ ފިހާރައިން އެ ޓެކްސް ދައުލަތަށް ދައްކަންޖެހެއެވެ. އެކަމަކު ހަމަ އެ ކަވަރު ޓީމޫ ނުވަތަ އަލީއެކްސްޕްރެސް ފަދަ ބޭރުގެ ޕްލެޓްފޯމަކުން އޯޑަރުކޮށްގެން ގެންނައިރު ޖީއެސްޓީ ނުނަގާނަމަ، ބޭރުން ގަންނަ ތަކެތީގެ އަގު ރާއްޖޭގެ ފިހާރަތަކަށްވުރެ ކުޑަވެ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ވާދަކުރަން ދަތިވެއެވެ.
މުދަލަކީ އެކައްޗެކެވެ، ކަސްޓަމަރު ހުރީ ހަމަ އެއް ގައުމެއްގައެވެ، ނަމަވެސް ޓެކްސް ނެގޭ ގޮތް ތަފާތެވެ. ޑެސްޓިނޭޝަން ޕްރިންސިޕްލް ޓެކްސް ނެގުމުގެ އުސޫލު ފަރުމާކޮށްފައިވަނީ މިފަދަ ބޭއިންސާފު ތަފާތުތައް ނައްތާލުމަށެވެ.
ގައުމުތަކުން މި އުސޫލު ތަންފީޒުކުރާ ގޮތް
ކޮންމެ މުއާމަލާތަކުން ޓެކްސް ނެގުމަށް ވަކި ހާއްސަ އެއް ގޮތެއް އޮންނާކަށް ނުޖެހެއެވެ. އާންމު މުދަލެއް ނަމަ ރާއްޖެއަށް އެތެރެކުރާ ވަގުތު ޓެކްސް ނެގިދާނެއެވެ. ރާއްޖޭގެ ކަސްޓަމަރުންނަށް ތަކުރާރުކޮށް ހިދުމަތްދޭ ބޭރުގެ ކުންފުނިތައް ރާއްޖޭގައި ޓެކްސްއަށް ރަޖިސްޓްރީވެ، ޖީއެސްޓީ ދައްކަން ލާޒިމުކުރެވިދާނެއެވެ. ބައެއް ވިޔަފާރި މުއާމަލާތްތަކުގައި 'ރިވާސް ޗާޖް' މެކޭނިޒަމް މެދުވެރިކޮށް، ހިދުމަތް ލިބިގަންނަ ފަރާތުން ޓެކްސް ދައްކަން ޒިންމާދާރު ކުރެވިދާނެއެވެ.
އަމަލުކުރާނެ ގޮތް ކަނޑައަޅާނީ ދޭ ހިދުމަތުގެ ބާވަތަށާއި އެކަން ހިންގުމަށް އެންމެ ފަސޭހަ ގޮތަކަށް ބަލައިފައެވެ. މައިގަނޑު މަގުސަދަކީ އެއް މާކެޓެއްގައި ހިދުމަތްދޭ ބޭރުގެ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކަށް ޓެކްސްގެ ނިޒާމުގެ ތެރެއިން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ މައިގަނޑު އަމާޒަކީ ބޭރުގެ ކުންފުނިތަކުން ވިއްކާ ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކެވެ. އޮންލައިން ވިޔަފާރިތަކުގެ މިސާލަކީ ޑެސްޓިނޭޝަން ޕްރިންސިޕަލް ޓެކްސް ނެގުމުގެ އުސޫލު ތަފްސީލުކޮށްދިނުމަށް ބޭނުންކޮށްފައިވާ މިސާލުތަކެކެވެ. ނަމަވެސް 1 އޮކްޓޯބަރު 2026 އިން ފެށިގެން އަމަލުކުރަން ނިންމާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތައް ބޭރުގެ ކުންފުނިތަކުން ވިއްކާއިރު ޖީއެސްޓީ ނެގުމަށެވެ.
ހަމަހަމަކަން މުހިންމުވާ ސަބަބު
ޖީއެސްޓީގެ މަގުސަދަކީ ވަކި ވިޔަފާރިވެރިއަކަށް ކުރިއެރުން ދިނުމުގެ ބަދަލުގައި، މުދާ ބޭނުންކުރާ މިންވަރަށް ޓެކްސް ނެގުމެވެ. ރާއްޖޭގެ ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ޖެހިފައި، ބޭރުގެ ވާދަވެރި ކުންފުނިތަކަށް ޓެކްސްއާ ނުލައި ވިއްކޭނަމަ، އެ ނިޒާމުގައި ހަމަހަމަކަމެއް ނެތެވެ. މިހެންވުމުން، ގައުމުގެ ގާނޫނަށް ބޯލަނބާ ރާއްޖޭގެ ކުންފުނިތަކުގެ އަގުބޮޑު ކަމަށް ދައްކައެވެ.
ފުރިހަމަ ގޮތެއްގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ޓެކްސް ނަގަން ފެށުމުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ހަމައެކަނި ރާއްޖޭގައި ހުރި ވިޔަފާރިތަކަށް ބަރޯސާވުމުގެ ބަދަލުގައި، މީގެ ކުރިން ޓެކްސް ނުނެގި ހުރި ދާއިރާތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް ވެދެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.
އެހެންކަމުން، މި އިސްލާހަކީ އުސޫލީ ހަމަހަމަކަމެއް ގާއިމުކުރުމަށް އަޅާ ފިޔަވަޅެކެވެ. އެއީ މުދާ ވިއްކާ ފަރާތް ކޮންމެ ތަނެއްގައި ހުރިނަމަވެސް، އެއްފަދަ މުދަލާއި ހިދުމަތުން އެއް އުސޫލަކުން ޖީއެސްޓީ ނެގުމެވެ.
ޖީއެސްޓީ
ޖީއެސްޓީ
ޖީއެސްޓީ
ކޮމެންޓް