ދައުލަތުގެ މާލީ ހާލަތު މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ބޮޑުތަނުން ރަނގަޅުވެ، ބަޖެޓުން 1.9 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރިކޯޑުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް އޭސް އޮފް 26 ފެބްރުއަރީ 2026" ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި، ހިލޭ އެހީގެ ގޮތުގައި ޖުމުލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ޖުމުލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 98.2 މިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އާމްދަނީއަށް ލިބުނު ކުރިއެރުންތައް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު އާމްދަނީ ވަނީ 29.3 ޕަސަންޓަށް ވަނީ އިތުރުވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ 83 ޕަސަންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 6.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރަށްވުރެ 30.6 ޕަސަންޓުގެ ކުރިއެރުމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީން ކަމަށާއި، އެއީ 2.3 ބިލިއަން ރުފިޔާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރަށްވުރެ 39.4 ޕަސަންޓުގެ އިތުރުވުމެއްކަމަށް ރިޕޯޓުގައިވެއެވެ. ޖީއެސްޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އަދި ވިޔަފާރިއާއި، މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.
ދައުލަތުގެ ހަރަދުތަކާއި، ސޮވެރިން ފަންޑު، މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަ ހަރަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މުވައްޒަފުންގެ މުސާރައާއި، އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 9.6 ޕަސަންޓަށް އިތުރުވެފައިކަމަށް ރިޕޯޓުގައި ބުންޏެވެ. ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރައާއި، ޕެންޝަނަށް 2.64 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ މާލީ ހާލަތު ވަރުގަދަވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރި އަދަދުވެސް ވަނީ 287.1 މިލިއަން ރުފިޔާއަށް އަރާފައިކަމަށް ރިޕޯޓުގައި ބުންޏެވެ. ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ހަފްތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓު ޝާއިއުކުރުން ލަސްވީ ދައުލަތުގެ އެކައުންޓިން ނިޒާމުގެ އޮނިގަނޑަށް ގެނެވުނު މުހިންމު ބަދަލުތަކަކާ ގުޅިގެން ކަމަށެވެ.
އެ ބަދަލުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ދެވޭ "ސެކްޓޯރަލް ގްރާންޓް" ނިޒާމު ތައާރަފުކުރުމާއި، ޒަކާތު ފަންޑަށް ހާއްސަ ލެޖާ އެކައުންޓެއް ގާއިމުކުރުން ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިސްލާހުތަކާއެކު، ދައުލަތުގެ އެކައުންޓިން ސިސްޓަމް އަލުން ތަރުތީބުކުރުމާއި، ބައެއް މާލީ ހިސާބުތައް ރިކައުންސިލްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވުމަކީވެސް ރިޕޯޓު ނެރުން ލަސްވި ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް