ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުންދާ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތްތަކުގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ވީމާ، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން، އެފަރާތުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކައި ހަލާސްކުރުމަށް އެދި ދެންނެވީމެވެ" އެ އިއުލާނުގައިވެއެވެ.

ޓޫރިޒަމްގެ ގާނޫނުގައިވާ ގޮތުން، ކުލި ނުދައްކާ ރިސޯޓުތައް ޖޫރިމަނާކުރުމުގެ އިތުރުން، އެ ހާލަތުގައި ކުލީ އެއްބަސްވުން ބާތިލުކޮށް ދައުލަތަށް އެ ރިސޯޓެއް ނެގޭނެއެވެ.

މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ރިސޯޓު ކުލީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ނުލިބިވެއެވެ.