ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އާއި ކަލްޔާނީ ޕްރިޔަދަރްޝަން ލީޑު ރޯލުން ފެނިގެންދާ ޒޮމްބީ ތްރިލާ ފިލްމު "ޕްރަލޭ" ގެ ޝޫޓިން މުމްބާއީގައި ފަށައިފިއެވެ. ޕިންކްވިލާ އަދި ސްކްރީން ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕޯސްޓް-އެޕޯކަލިޕްޓިކް ސަވައިވަލް ތްރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމުގެ މަންޒަރުތައް މިހާރު ނަގަމުން އަންނަނީ މުމްބާއީގެ އެކި ސަރަހައްދުތަކުގައެވެ.
މިއީ ޑައިރެކްޓަރު ހަންސަލް މެހެތާގެ ދަރިފުޅު ޖައި މެހެތާ ޑައިރެކްޓުކުރާ ފުރަތަމަ ފީޗާ ފިލްމެވެ. މިއީ ރަންވީރު އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "މާ ކަސަމް ފިލްމްސް" ގެ ދަށުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމު ޕްރޮޑިއުސުކުރުމުގައި ހަންސަލް މެހެތާގެ "ޓްރޫ ސްޓޯރީ ފިލްމްސް" އާއި އަނަންޔާ ބިރްލާގެ "ބިރްލާ ސްޓޫޑިއޯސް" އިން ވެސް ބައިވެރިވެއެވެ. މީގެ އިތުރުން މިއީ މަލަޔާޅަމް ފިލްމުތަކުން ފެނިފައިވާ ކަލްޔާނީ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ހަންސަލް މެހެތާ ބުނި ގޮތުގައި، ޖައި މި ފިލްމުގެ ހިޔާލެއްގެ މައްޗަށް މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޖައިގެ މަސައްކަތްތައް ފެނިފައި އެ ފިލްމުގެ ހިޔާލާ ގުޅޭގޮތުން ޖައިއާ މަޝްވަރާކުރަން ފެށީ ހުދު ރަންވީރު ކަމަށް އޭނާ ބުންޏެވެ.
މި ފިލްމަކީ ގާތްގަނޑަކަށް 300 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށް މީޑިއާތަކުގައި އަޑުފެތުރިފައިވީ ނަމަވެސް، ޕްރޮޑިއުސަރުން މި އަދަދު އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން މި ފިލްމުގެ ޝޫޓިން އޮސްޓްރޭލިއާގައި ކުރިއަށްގެންދާނެ ކަމަށާއި، ބަތަލާ އާލިއާ ބަޓް އަށް ފިލްމު ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، މިހާރު ކަށަވަރުވެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން ކުރިއަށްދަނީ މުމްބާއީގައެވެ. އަދި ލީޑު ރޯލުން ފެންނާނީ ކަލްޔާނީއެވެ.
ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް ރަސްމީ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ކޮމެންޓް