ރަންވީރު ސިންގްގެ ފިލްމު 'ދުރަންދަރް' ގެ ދެވަނަ ބައި، އަންނަ އަހަރުގެ މާޗް 19 ގައި ނެރޭނެކަން އިއުލާނުކޮށްފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ފުރަތަމަ ބައިގެ ނިމޭ ތަނުގެ ކްރެޑިޓްގައެވެ.

ޑައިރެކްޓަރު އަދިއްތިޔާދަރް ވަނީ މިއީ ދެ ބަޔަށް ބަހާލެވިފައިވާ ފިލްމެއް ކަމަށް ކުރީންވެސް ބުނެފައެވެ. ނަމަވެސް، ދުރަންދަރް 2 ނެރޭ ދުވަހު، ޔަޝްގެ ޕެން-އިންޑިއާ ފިލްމު 'ޓޮކްސިކް' ވެސް ނެރޭނެތީ، ދެ ފިލްމަށް ސްކްރީން ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ބޮކްސް އޮފީހުގައި 'ދުރަންދަރް' ގެ ފުރަތަމަ ބައި އެޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދުވަހު އިންޑިއާއިން 27 ކްރޯޑް ރުޕީސް ހޯދައި، ރަންވީރުގެ ކެރިއަރުގައި އެންމެ ބޮޑު އޯޕަނިންއެއް ހޯދި ފިލްމަކަށް މި ފިލްމު ވެފައިވެއެވެ.

ފިލްމުގެ ކާސްޓުގައި ރަންވީރު ސިންގްގެ އިތުރުން ސަންޖޭ ދަތު، އަރްޖުން ރާމްޕާލް، އަކްޝޭ ކަންނާ އަދި އާރް. މާދަވަން ހިމެނެ އެވެ. ފިލްމަށް މިކްސްޑް ރިވިއުތަކެއް ލިބިފައިވީ ނަމަވެސް، ރަންވީރު އާއި އަކްޝޭގެ އެކްޓިންއަށް އަދި ޝަޝްވަތު ސަޗްދޭވްގެ ބެކްގްރައުންޑް ސްކޯރަށް ވަނީ ތައުރީފު ލިބިފައެވެ.

'ދުރަންދަރް' އަކީ 2000 ގެ އަހަރުތަކުގައި ޕާކިސްތާނުގައި ހިނގި ކަމެއްގެ މައްޗަށް ބިނާކޮށް، ރަންވީރު އިންޑިއާގެ ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެނިގެންދާ ފިލްމެކެވެ. ދެވަނަ ބައިން މިކަމުގެ ނިމުން ފެނިގެންދާނެ އެވެ. މި ފިލްމަކީ ޖިއޯ ސްޓޫޑިއޯސް އާއި ބީ62 ސްޓޫޑިއޯސް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.