ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލައިގެ ތަހުގީގަށް ކުއްޖާގެ މަންމައާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބައްދަލުކޮށް މައުލޫމާތު ހޯދައިފިއެވެ.

އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކޮމިޝަން ބަލައި ފާސްކުރުމުގެ އަމުރަކާއެކު އެޗްއާރުސީއެމުން މިއަދު ވަނީ ޖެންޑާ މިނިސްޓްރީއަށް ވަދެފައެވެ. އެޗްއާރުސީއެމްގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 21 އަދި 22 ވަނަ މާއްދާގެ ދަށުން ނެރުނު އެ ކޮމިޝަންގެ އަމުރުގައި މިއަދުގެ ހެނދުނު 9:00 އިން މާދަމާ ރޭ 11:59 އާ ހަމައަށް ބާރު ދީފައިވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލައިގެ ތަހުގީގަށް ކުއްޖާގެ މަންމައާ އެޗްއާރުސީއެމްގެ ޓީމެއް މިއަދު ވަނީ ބައްދަލުކޮށްފައެވެ. ކުއްޖާގެ މަންމަ ދިރިއުޅޭ ރަށަށް ޒިޔާރަތްކޮށް، އޭނާއާ ބައްދަލުކުރި ކޮމިޝަންގެ ޓީމުގައި އެޗްއާރުސީއެމްގެ ރައީސް ޑރ. އާއިޝަތު ރަމީލާ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެޗްއާރުސީއެމުން މިރޭ ބުނީ މައްސަލައާ ގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ހައްގު ގެއްލުނު ކަމަށް ބުނާ ފަރާތުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ފަރުދުންގެ ފަރާތުން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ތަހުގީގުގެ ތެރެއިން އެޗްއާރުސީއެމްގެ އިސް ޓީމެއް އެކި ތަންތަނަށް ޒިޔާރަތްކޮށް، މައްސަލައާ ގުޅޭ މުއައްސަސާތަކާއި ވަކިވަކި ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށްވެސް އެޗްއާރުސީއެމުން މައުލޫމާތުދެއެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި މައްސަލައިގެ ތަހުގީގަށް އެ ކޮމިޝަނުގެ އިސް ޓީމުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ވަނީ މައްސަލައިގައި ހިމެނޭ ކުއްޖާއާއި ކުއްޖާގެ މަންމަގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެޗްއާރުސީއެމްގެ ޓީމެއް އަދިވެސް ގެންދަނީ ޖެންޑާ މިނިސްޓްރީ ތެރޭގައި މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްކުރަމުންނެވެ.

މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުން އަތުލައި ދައުލަތަށް ގެންދިޔަ ކަމަށްބުނެ، އުމުރުން 25 އަހަރުގެ މަންމަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަކަށާއި ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފައެވެ.

ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާއަށް ފޮނުވި ސިޓީގައިވާ ގޮތުން، ކައިވެނިން ބޭރުގައި ލިބުނު މި ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކުގެ ތެރޭގައި މަންމަގެ ދިރިއުޅުމުގެ މާހައުލާއި، ނަފުސާނީ ހާލަތުގެ އިތުރުން އަތުގެ ނުކުޅެދުންތެރިކަން ހިމެނެއެވެ. އަދި އާއިލާގެ ފަރާތުން ކުއްޖާއަށް އަޅާލާނެ އިތުރު ބަޔަކު ނެތުމަކީވެސް ކުއްޖާގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނު ކަމެއް ކަމަށެވެ.