މާލީ ހާލަތު ރަނގަޅުކުރަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާބެހޭ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއިދުކުރެއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

އެ ހުށަހެޅުމާ އެއްގޮތަށް މާލިއްޔަތު ކޮމިޓީގައި އޮންނަ ޕީއެންސީގެ މެޖޯރިޓީން ނިންމީ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށެވެ. އެ ވަގުތު ކޮމިޓީ އަޑުއެހުމަށްޓަކައި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ފަސް މެންބަރަކު ތިއްބެވިއެވެ. އެ ކޮމިޓީ ކުރިއަށްގެންދިޔައީ އެ މެންބަރުން ކޮމިޓީން ބޭރުކުރުމަށްފަހުއެވެ.

މާލީ ހާލަތު ރަނގަޅުކުރުމަސް އެމްއެމްއޭ އިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ފިޔަވަޅުތަކާއެކު އުނދަގޫތަކެއް ކުރިމަތިވާ ނަމަ، އެކަންކަމަށް ވެސް އެމްއެމްއޭ އިން އަންނަނީ ލުއިތަކެއް ދެމުންނެވެ. އެގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން ވަނީ ތިން ހަފުތާގެ މުއްދަތަކަށް 51 ޕަސަންޓު އިތުރުކޮށްފައެވެ.