ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުވެރިންނަށް އިތުރު އިހުތިޔާރުތަކާއި ފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން އިތުރު ހިދުމަތްތަކެއް ހިމެނޭ "މޯލްޑިވިއަން ޖާނީޕްލަސް" ތައާރަފުކޮށްފިއެވެ.

މިއީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައި ދަތުރުގެ ތަޖުރިބާ އަމިއްލައަށް ބައްޓަންކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ. މީގެ ފުރަތަމަ ފޭސްގެ ދަށުން ފަސް އިހުތިޔާރީ ހިދުމަތެއް ވަނީ ހުޅުވާލައިފައެވެ.

މި ފޭސްގައި ހިމެނޭ ހިދުމަތްތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް ޗެކްއިންއާއި ބެގެޖް ހެންޑްލިން އިސްކަންދީގެން ކުރިއަށްގެންދިއުމުގެ އިތުރުން، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް އިސްކަންދީގެން ބޯޑިންގް ދިނުން ހިމެނޭ "ޖާނީޕްލަސް ޕްރިމިއާ" ހިމެނެއެވެ. އަދި ހެޔޮ އަގެއްގައި އިތުރު ބެގެޖް ކުރިއާލައި ގަތުމުގެ ފުރުސަތު ދޭ "ޖާނީޕްލަސް ބޭގްސް" އާއި، މޯލްޑިވިއަންގެ ލައުންޖުތައް ބޭނުންކުރުމުގެ ފުރުސަތު ދޭ "ޖާނީޕްލަސް ރިލެކްސް" ވެސް މީގެ ތެރޭގައި ހިމެނެއެވެ.

16 އޯގަސްޓް 2026، މޯލްޑިވިއަނުން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކާއެކު "ޖާނީޕްލަސް" ހިދުމަތް ތައާރަފުކުރުން -- ފޮޓޯ/ މޯލްޑިވިއަން

މީގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ކެބިން ކްލާސް މަތީ ފަންތިއަކަށް ބަދަލުކުރުމުގެ ފުރުސަތު ދޭ "ޖާނީޕްލަސް އަޕްގްރޭޑް" އާއި، އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް ފްލައިޓު މަތީގައި ބޭނުންކުރުމަށް ކާބޯތަކެތި ކުރިއާލައި އޯޑަރުކުރެވޭ "ޖާނީޕްލަސް ބައިޓްސް" ހިދުމަތް ހިމެނެއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ދަތުރުވެރިންގެ ބޭނުންތަކާއި ރިކުއެސްޓްތަކަށް ބަލައި ތަރައްގީކުރި ހިދުމަތެއް ކަމަށެވެ. އަދި މިއީ ފުރަތަމަ ފޭސް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް "ޖާނީޕްލަސް" ގެ ދަށުން ތައާރަފުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހިދުމަތްތައް މޯލްޑިވިއަންގެ ކޯލް ސެންޓަރު، ވައިބާ، ވަޓްސްއެޕް، ޓިކެޓިން އޮފީސްތައް އަދި ސޭލްސް އޭޖެންޓުން މެދުވެރިކޮށް ދަތުރުފެށުމުގެ 24 ގަޑިއިރު ކުރިއާ ހަމައަށް ގަނެވޭނެއެވެ.

ދެވަނަ ފޭސްގެ ދަށުން ސީޓު އިހުތިޔާރުކުރުން ފަދަ އިތުރު ހިދުމަތްތައް ތައާރަފުކުރުމަށް ވެސް މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ.