ކިޔަވާ ކުދީންނަށާއި އަދުގެ ޒުވާނުންނަށް ދިވެހި ގައުމިއްޔަތާއި ތާރީހު ނޭނގޭނަމަ، ހަގީގީ ތަރައްގީ އާއި ހަގީގީ މިނިވަންކަމެއް މި ގައުމަށް ނުލިބޭނެ ކަމަށް މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ހއ. ބާރަށުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މިއަދުގެ ޖީލުގެ ދަރީން ދަސްކުރަންވީ މުހައްމަދު ތަަކުރުފާނު ހިންގެވި މަގުން ހިނގާނެ ގޮތް ކަމަށެވެ. އިއްޒަތާއި ލައްޒަތާއި އުފާވެރިކަން ދޫކުރައްވައި ދިވެހި ގައުމާއި އިސްލާމްދީނުގެ ހައްގުގައި ނުކުމެވަޑައިގެން ދެއްކެވި ހިތްވަރަކީ މިއަދުގެ ދަރީން ދަސްކުރަން ޖެހޭ ފިލާވަޅުތައް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ޖިހާދުން އަޅުގަނޑުމެން ނަގަންވީ ފިލާވަޅަކީ މިއީ، މުހައްމަދު ތަކުރުފާނު ގެންގުޅުއްވި ހަރުދަނާ އުސޫލުތައް ބަލައިގަންނަންވީ. އެމަނިކުފާނު ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ދެއްވި އިސްކަން. އަމިއްލަ މަސްލަހަތާއި އަމިއްލަ ކުރިއެރުމުގެ ބަދަލުގައި މުޅި ގައުމުގެ މަސްލަހަތާއި މުޅި ގައުމުގެ މަންފާ ކުރިއަށް ނެރުއްވި ނެރުއްވުން، އެއީ މިއަދުގެ ދަރީން މިކަމުން ލިބިގަންނަންވީ އިބުރަތަކީ،" އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ހަމައެކަނި ދައްކާލާ ވާހަކަޔަކުން ގައުމިއްޔަތު އާލާ ނުކުރެވޭނެ ކަމަށާއި ގައުމީ ބަތަލުންގެ ފަސްމަގު ނުވަތަ ތާރީހުތައް ވަރަށް ރަނގަޅަށް މިއަދުގެ ކުދީންނަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަޅުގަނޑުމެންގެ ދިވެހިއްޔަތާއި އަޅުގަނޑުމެންގެ ތާރީހު އަޅުގަނޑުމެންނަށް ނޭންގެންޏާ އަޅުގަނޑުމެންނަށް ހަގީގީ ތަރައްގީއެއް ނާންނާނެ. މިގައުމަށް ހަގީގީ މިނިވަންކަމެއްވެސް ނުލިބޭނެ. ހިތްހަމަޖެހުމާއި އޮމާންކަމާއި އަމާންކަންވެސް ނުލިބޭނެ،" އަބުދުއްރަހީމް ވިދާޅުވިއެވެ.
ދިވެހިރައްޔިތުންނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ގައުމިއްޔަތު ދިރުވުމަށް ދެއްވާ ހާއްސަ އިސްކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އެންމެ ހާއްސަ މަސައްކަތަކީ ރައީސް ހިންގަވާ ވަތަނީ ޕްރޮގްރާމް ކަމަށްވެސް އަބުދުއްރަހީމް ފާހަގަކުރެއްވިއެވެ.
"މިއީ މާދަމާގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް. އޭގެ ސަބަބުން ގައުމީ ލޭ ހިނގާ، ގައުމީ ޖޯޝުހުރި ދިވެހިންތަކެއް އުފެދިގެންދާނެކަމާމެދު ޝައްކެއްވެސް ނެތް، އެފަދަ މަޝްރޫއުތައް ސްކޫލުތަކުގައިވެސް ހިންގަންވީ. އަޅުގަނޑުމެން ތުއްތު ސިކުނޑިތަކަށް މިދެންނެވި ކަންތައްތައް ވައްދައިގެން ނޫނިއްޔާ މުހައްމަދު ތަކުރުފާނުމެން އެއުޅުއްވި ކަހަލަ ދިރިއުޅުމެއް އުޅުއްވާނެ، އެފަދަ ގައުމީ ލޯއްބެއް އެފަދަ ގައުމީ ޖޯޝެއް ހުރި ބަޔަކު އުފެދޭނެހެން ހިޔެއް ނުވޭ،" އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް އިތުރަށް ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވީ ވަރަށްވެސް މުހިންމު ވާހަކަތަކެއް ކަމަށެވެ. މިއަދުގެ ޒުވާނުންނާއި ކުޑަކުދިންވެސް އެ ވާހަކަތައް އަޑުއަހައި އަމަލު ކުރަން ޖެހޭ ކަމަށެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް