ވަކި ވަކި ފަރުދުންނަށް ވެސް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ވަރަށް ގިނަ ގޮތްގޮތް ސަރުކާރުން އިންތިޒާމު ކޮށްފައިވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އެތައް ހިދުމަތްތަކެއް ތައާރަފުކޮށްފައިވާނެ ކަމަށެވެ.

"މިއަދު ސަރުކާރުން ވަކި ވަކި ފަރުދުންނަށް ތައާރަފުކޮށްދީފަ މިހިރަ ހިދުމަތްތަކުން ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ވަރަށް ގިނަ ގޮތްގޮތުން ހުންނާނެ، އުމްރާއަށްދާ މީހަކަށް 1000 ޑޮލަރު ލިބޭނެ، ހައްޖަށްދާ މީހަކަށް 1000 ޑޮލަރު ލިބޭނެ، އާސަންދަ ހިދުމަތް ލިބޭ ބޭފުޅަކަށް ބޭސް ފަރުވާއަށްދާން 2000 ޑޮލަރު ލިބޭނެ މިހެންއައިސް ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދަންޏާމު ހޮޓަލަށް ފައިސާ ދައްކަން 1000 ޑޮލަރު ލިބޭނެ މިހެން އައިސް ގާތްގަނޑަކަށް އާއްމު ފަރުދަކު ބޭނުންވާ އަދަދަށް ބޭންކު ރޭޓުން ޑޮލަރު އެބަ ލިބޭ،" ފަލާހު ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރު އަގު އުފުލެމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ޑޮލަރުގެ އަގު ހަމަ ރޭޓަށް ގެނެވޭނީ އެބޭފުޅުންނަށް ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވަމުން އަންނަ ކަމަށެވެ.

"އަދިވެސް މި ބޭފުޅުން މި ބުނަނީ އެމީހުންނަށޭ ޑޮލަރުގެ އަގު ހަމަ ރޭޓަށް ގެނެވޭނީ، ކޮންބައެއްތޯ، ބާރަ ހަތްދިހަ ފަހަކަށް ޑޮލަރު ހުއްޓާ ފަނަރަ ސާޅީސްދޭކަށް ޑޮލަރު މަތިކުރީ، އެމްޑީޕީ ވެރިކަމުގަ، އެމްޑީޕީ ވެރިކަމުގަ ކުރިކަމެއް މިވެސް ކޮންބައެއްތޯ ބުނީ ޑޮލަރުގެ އަގު ހަމަ މަގަށް ގެނައުމަށްޓަކައި ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓާނަމޭ ގައިމުވެސް އެއީ މި ސަރުކާރުން ދެއްކި ވާހަކައެެއްނޫން،" ފަލާހު ވިދާޅުވިއެވެ.