ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގަން "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރާނީ ޓޫރިޒަމް ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ބައެއް މެންބަރުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ، އެ ބިލަށް ހުށަހަަޅާފައިވާ އިސްލާހު ތަކަކީ މިއަދު ކޮންމެން ގެންނާން ޖެހޭ އިސްލާހުތަކެއް ކަމަށެވެ.
"ބޭރުގެ ފަރާތްތަކުން ރާއްޖޭގައި މިހިރަ ރީތި ރިސޯޓްތަކާއި ރޫމްތައް އެ ވިއްކަނީ އެބޭފުޅުން މި ދައުލަތަށް އެއްވެސް އެއްޗެއް ނުދީ، ރާއްޖޭގައި ތިބި ރައްޖޭގެ ވިޔަފާރިވެރިން އެ ދައްކާ މިންވަރު އެބޭފުޅުންވެސް ޖެހޭނެ ދައްކަން، އެ ރޫމުތަކަށް ގެސްޓުން ފޮނުވާ ބޭފުޅުން އެ ގައުމަށްވެސް މި ގައުމަށްވެސް އެއްޗެއް ނުދައްކާ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެބިލާބެހޭގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސްއްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ގާނޫނަށް އެ އިސްލާހު ގެންނާނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެއްވެސް ލޮޅުމެއް ނާންނާނެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
"އެބޭފުުންގެ ލަފަޔާއި އިރުޝާދު ހޯދާނަން، އެ ބޭފުޅުން ދޭ ހެޔޮ ލަފާ މި ސަރުކާރުން ގަބޫލު ކުރާނެ. މިދާއިރާއަށް އެއްވެސް ލޮޅުމެއް ނާންނާނެ ގޮތަށް، ރައްޔިތުންނަށް ފައިދާވާގޮތަށް މި އިސްލާހުތައް ފާސްކުރާނީ،" ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއްްކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާން ކުރުން ކަމަށެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނަށް ގެންނާން ޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލުގައި ބުނެފައިވަނީ ބިލު ފާސްކޮށް އެ އިސްލާހުތަކާ އެއްގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްދާ 1،309.2 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1،608.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.
މި ބިލުގައި ޖީއެސްޓީ ނަގަން ހިމަނާފައިވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޯވަސީސް ޓްރެވަލް އެޖެންޓުތަކެވެ.
މީގެ އިތުރުން، މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ވަނީ ހިމަނާފައެތަ×ވެ.
މި ބިލުގައި ބުނާގޮތަށް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ އެކަކުން ފެށިގެންނެވެ.
އިބްރާހިމް ޒަކީ
ޓެކްސްގެ މައްސަލަތައް
ކޮމެންޓް