ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އެ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފެށީ މިދިޔަ މަހުގެ އެކަކުން ފެށިގެންނެވެ.
ނަމަވެސް އެ ޓެކްސް ކަނޑާލަން، އަނެއްކާވެސް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން އެ ބިލް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ 26 ގައެވެ.
މި ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެމުން، ބިލަށް ބަހުސް ކުރުމަށްފަހު، ބިލު ފާސްކުރަން މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން، ބިލް ފާސްކުރީ، ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީ މެންބަރުންނާއެކު 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލުގައި ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މި ބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ލިބިފައިވުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ މުއާމަލާތުގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކުރީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހިކުރުމަށް ކަމަށް ބެލެވޭ ހާލަތުގައި އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ކަމަށް ބެލެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ޖީއެސްޓީ ދެއްކުމުން އެއް ފަރާތް ވާން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޝަނާ ޖެނެރަލަށް ވަނީ ލިބިދީފައެވެ.
ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތަކަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކާން ޖެހޭ އަދަދު ކުޑަވުމާއި ޖީއެސްޓީ ދައްކާން ޖެހޭ ތާރީހު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓް ކުރާ ހިސާބުންނެވެ.
ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރުމާއެކު އިންބައުންޑް ޓުއަރިޒަމުން ކުރިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދައުލަތަށް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުން، އޮފް ޝޯ ބުކިން ޕްލެޓްފޯމާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާއެކު 1608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް