ދުނިޔޭގެ އެންމެ ފުރަތަމަ އަންހެން ދަރިވަރުންގެ ހަނދުގެ ސެޓްލައިޓް މިޝަން ކަމަށްވާ "މިޝަން ޝާކްތީސެޓް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ.

ވިމެން އިން މެނޭޖްމަންޓުން (ވިމް) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ފުރުސަތު ލިބިފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލްއަށް ކިޔަވަމުން އަންނަ އާމިނަތު ނޯޔާ ސަމީހު އަށެވެ. ނޯޔާ ވަނީ އެންމެ ފަހުން ބޭއްވި އޯ ލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެއްވަނަ ހޯދައިފައެވެ.

ވިމް އިން ބުނީ ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީއަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ނޯޔާގެ އުންމީދަކީ މުސްތަގުބަލުގައި ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ކުރިއަށްދިއުން ކަމަށެވެ.

"މިޝަން ޝަކްތީސެޓް" ގެ ދިވެހިރާއްޖޭގެ އެމްބެސެޑަރަކީ، މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ އަދި އަންހެނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މިންހާ ފާއިޒު ރަޝާދު (މިންނު) އެވެ. އަދި "މިޝަން ޝާކްތީސެޓް" ގައި ބައިވެރިވާ ދަރިވަރު ގެންދިއުމުގެ ހަރަކާތްތެރިވާނީ މިންނުއެވެ.

ވިމް އިން ބުނީ "މިޝަން ޝާކްތީސެޓް" ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވި ކުދިން ވަނީ އޯބިޓަލް މެކޭނިކްސް އަދި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ ސްޕޭސް އިންޖިނިއަރިންގެ މުހިންމު ބައިތައް އޮންލައިންކޮށް ދަސްކޮށްފައެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން ކޮންމެ ގައުމަކުން ހޮވާލެވޭ ކުއްޖަކަށް އިންޑިއާގައި ހުންނަ މަރުކަޒެއްގައި ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދުނިޔޭގެ 108 ގައުމަކުން 12،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި މިޝަންގައި އުފައްދާ ސެޓެލައިޓް ލޯންޗުކުރަން ހަމަޖައްސާފައި ވަނީ އަންނަ އޮކްޓޯބަރު 11 ގައެވެ.

މީގެ އިތުރުން އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކިއުބްސެޓެއް އުފެއްދުމުގެ މަސައްކަތުގައިވެސް މި ދަރިވަރުން ބައިވެރިވާނެއެވެ.