ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތާ މެދު އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައެވެ.

އެޗްޕީއޭއިން މިރޭކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މަދުވެގެން 12 މަސްދުވަހުގެ ކުރިން ޖަމިއްޔާތަކުގެ ގާނޫނު ނުވަތަ ކުޅިވަރު ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ތަންތަނަށްކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އެ ޕްރޮގްރާމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ޕަބްލިކް ހެލްތު ފަންޑުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އެހީ ދޫކުރުމުގައި ޖިއޮގްރަފީ އަދި މަސައްކަތުގެ ނިސްބަތަށް ބަލައި ތިން ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެގޮތުން ވަކި ރަށަކަށް އަމާޒުކުރާ މަޝްރޫއުތަކަށް 75،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދޭއިރު، މުޅި ރާއްޖެއަށް އަމާޒުކުރާ ގައުމީ ފެންވަރުގެ ހަރަކާތްތަކަށް 100،000 އާއި 300،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދެވޭނެއެވެ.

އަދި އެކި ސަރަހައްދުތަކަށް ނުވަތަ ގިނަ އަތޮޅުތަކަށް އަމާޒުކޮށް ހިންގާ ބޮޑެތި ޕްރޮގްރާމްތަކަށް 300،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެ އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތައް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އުސޫލުތަކާ އެއްގޮތް ވާންޖެހޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ. މައިގަނޑު ގޮތެއްގައި އެ އެހީ އަމާޒުކުރަނީ ދުންފަތާއި ނިކޮޓިން އެކުލެވޭ ތަކެތިން ލިބޭ ސިއްހީ ގެއްލުންތަކަށް ހޭލުންތެރިކުރުވުމަށާއި، ކުޑަކުދިންނާއި ޒުވާނުން ދުންފަތް ބޭނުންކުރަން ފެށުން ހުއްޓުވުމަށްކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުތައް ތަންފީޒު ކުރުމަށް އެހީތެރިވުންވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ.

ނަތީޖާގެ ދެފުށް ފެންނަކަން ކަށަވަރު ކުރުމަށްޓަކައި، ކޮންމެ ޕްރޮޕޯސަލެއްގެ އިދާރީ ހަރަދުތަކަށް ހޭދަކުރާނީ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 20 އަށްވުރެ އިތުރުނުވާ މިންވަރެއްކަމަށް އެޗްޕީއޭއިން ބުންޏެވެ. އެ އެހީގެ ދަށުން ހިންގާ ހުރިހާ މަޝްރޫއުތަކެއްވެސް ގިނަވެގެން 10 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. އެއީ މަޝްރޫއު ފެށުމުން 30 ޕަސަންޓް، މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމުމުން 35 ޕަސަންޓް، އަދި މަޝްރޫއު މުޅިން ނިންމައި ފައިނަލް ރިޕޯޓު ފާސްވުމުން ބާކީ 35 ޕަސަންޓުކަމަށް އެޗްޕީއޭއިން ބުންޏެވެ.