އަންނަ 2027 ވަނަ އަހަރަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ނިމިގެންދާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މިއަދު ވިދާޅުވީ އެކި ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްދާ ނިސްބަތް ތަފާތު އިރު، ބައެއް މައި މަޝްރޫއުތައް އަވަސް މިންވަރެއްގައި ނުގޮސް މަޑުޖެހެން ދިމާވި މައްސަލަތަކަށް މިހާރު ހައްލު ހޯދެމުންދާ ކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ވައުދުތަކާއި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ރަނގަޅު ނަތީޖާއެއް ނެރެދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޝްރޫއުތައް ކުރިއަށްގެންދާނެ ސާފު ޕްލޭނަކާއި ޝެޑިއުލެއް އެކުލަވާލައި، އެ ތާވަލާ އެއްގޮތަށް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ އިތުރުން މިސްކިތްތަކާއި، ބަނދަރު ހެދުމާއި، މަގުހެދުން ފަދަ އުމްރާނީ ތަރައްގީގެ އެކި ދާއިރާތައް ވަނީ އަމަލީގޮތުން ހާސިލުކުރެވޭނެ ތާވަލުތަކަކަށް ބަހާލެވިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ފަދަ ތަކެތި ހޯދުމުގެ މަސައްކަތްތައްވެސް ވަކި ޝެޑިއުލްތަކަކަށް ރޭވިގެން ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައިވެސް ބައެއް މަޝްރޫއުތައް ނިންމާލެވޭނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ރޭވިފައިވާ ތާވަލަށް ބަލާއިރު 2027 ވަނަ އަހަރަކީ ޖުމްލަކޮށް އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ނިމިގެންދާނެ އަހަރު ކަމަށެވެ. އަދި އިތުރު މަޝްރޫއުތަކުގެ ސާވޭތައް ނިންމައި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެ މަސައްކަތްތައްވެސް އަމަލީގޮތުން ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް