ހޮރުމުޒް ކަނޑުއޮޅިއަށް އެޅުނު ތެޔޮގަނޑެއް އީރާނުގެ ގޭޝްމް ރަށާ ހަމައަށް ފޯރާފައިވާތީ، އެކަމުގެ ބަދަލު ހޯދަން އެ ގައުމުން ގޮވާލައިފިއެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، މި ތެޔޮގަނޑުގެ ސަބަބުން ގަލްފާއި އޮމާން ކަނޑުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ އެބައޮތެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި، މި ތެޔޮގަނޑަކީ ބޭރު ގައުމެއްގެ ބަލްކް ކެރިއަރަކުން ލީކުވެފައިވާ ތެޔޮގަނޑެކެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށާއި، އޭގެ ބަދަލު އެ ފަރާތުން ދޭން ޖެހޭނެ ކަމަށް ބަގާއީ ވިދާޅުވިއެވެ.

ނަމަވެސް، ކަނޑުބޯޓުތަކުގެ ހަރަކާތްތައް ދިރާސާކުރާ “ޓޭންކަރޓްރެކަރސް” އިން ބުނާ ގޮތުގައި، މި ތެޔޮގަނޑަކީ އީރާނުން ދިން ހަމަލާއެއްގެ ސަބަބުން އުފެދިފައިވާ ތެޔޮގަނޑެކެވެ.

އެ ފަރާތުން ބުނި ގޮތުގައި، މި ތެޔޮގަނޑު އޮޔާ ގޮސްފައިވަނީ، އޮގަސްޓު 3 ވަނަ ދުވަހު އޮމާންގެ ކަނޑުގެ ސަރަހައްދުގައި އޮތް “މިނޯއަން ޕައިނިއަރ” ނަމަކަށް ކިޔާ ބޯޓަކަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެންނެވެ.