އަބީޝެކް ބައްޗަން އަދި އައިޝްވާރްޔާ ރާއީ ބައްޗަންގެ ދަރިފުޅު އާރަދްޔާ ބައްޗަންގެ ސިއްހަތާ ގުޅޭގޮތުން ދޮގު ހަބަރު ފެތުރި މައްސަލައިގައި، މަޝްހޫރު އާއިލާއެއްގެ ނަމާ ގުޅިފައިވާ އަގާއި އިހުތިރާމު އަންނާން އޮތް ޖީލުތަކަށް ދެމިގެންދާނެ މިންވަރަކާ މެދު ދިއްލީ ހައިކޯޓުން ސުވާލު އުފައްދައިފިއެވެ. މި މައްސަލައަކީ އާރަދްޔާގެ ޕާސަނަލިޓީ ރައިޓްސް ނުވަތަ ޝަހުސީ ހައްގުތައް ހިމާޔަތްކުރުމަށް އެދި 2023 ވަނަ އަހަރު އަބީޝެކް ބައްޗަން ހުށަހެޅި މައްސަލައެކެވެ.
އިއްޔެ އޮތް އަޑުއެހުމުގައި ފަނޑިޔާރު އަނޫޕް ޖައިރާމް ބަމްބާނީ ވިދާޅުވި ގޮތުގައި، ޓްރޭޑްމާކެއްގެ އަގު ގުޅިފައި އޮންނަނީ އުފެއްދުމަކާ ނުވަތަ ހިދުމަތަކާ ކަމަށް ވިޔަސް، މީހަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ހާލަތު ތަފާތެވެ. އެގޮތުން، އާއިލާއެއްގެ ކާމިޔާބީތަކުގެ ސަބަބުން އެ އާއިލާގެ ނަމަށް ލިބިފައިވާ އިހުތިރާމަކީ ޓްރޭޑްމާކެއް ފަދައިން ޖީލުތަކަށް ދެމިގެންދާނެ އެއްޗެއްތޯއާއި، އެހެންކަމަށްވާނަމަ އެކަން ދެމިގެންދާނީ ކިހާ ހިސާބަކަށްތޯ ފަނޑިޔާރު ސުވާލުކުރެއްވިއެވެ. މީގެ އިތުރުން، ދޮގު ހަބަރު ފެތުރުމަކީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ނުވަތަ ފިކުރީ މުދަލުގެ ހައްގުތަކާ ހިލާފުވުން ކަމުގައި ބެލިދާނެތޯ ވެސް ކޯޓުން ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލައިގައި އާރަދްޔާގެ ފަރާތުން ވަކާލާތުކުރި ވަކީލު ޕްރަވީން އާނަންދު ބުނި ގޮތުގައި، ޔޫޓިއުބް ޗެނަލްތަކުން ވަނީ ބައްޗަން އާއިލާގެ ނަމާއި މުޅި އާއިލާގެ ފޮޓޯތައް ބޭނުންކޮށްގެން އާރަދްޔާގެ ސިއްހަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާފައެވެ. އޭގެ ތެރޭގައި އޭނާގެ ހާލު ވަރަށް ބޮޑަށް ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، އަދި ބައެއް ވީޑިއޯތަކުގައި އޭނާ ނިޔާވެފައިވާ ކަމަށް ވެސް ދައުވާކޮށްފައިވާ ކަމަށް ވަކީލު ފާހަގަކުރިއެވެ. މިއީ އާއިލާގެ އަގު ވައްޓާލުމުގެ އަމަލެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ދިއްލީ ހައިކޯޓުގެ ފަނޑިޔާރު ސީ. ހަރީ ޝަންކަރު ވަނީ އާރަދްޔާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ޔޫޓިއުބް ޗެނަލްތަކަށް އަންގައި ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ފަނޑިޔާރު ވިދާޅުވެފައިވަނީ، ކުޑަކުއްޖެއްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އޮޅޭފަދަ މައުލޫމާތު ފެތުރުމަކީ ގާނޫނީ ގޮތުން އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ކުޑަކުއްޖަކީ ވެސް، އެއީ މަޝްހޫރު މީހެއްގެ ދަރިއަކަށް ވިޔަސް ނުވަތަ އާދައިގެ މީހެއްގެ ދަރިއަކަށް ވިޔަސް، އިހުތިރާމާއި ގަދަރު ލިބިގެންވާ ކުއްޖެއްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ ސެޕްޓެންބަރު މަހުގައެވެ.
އައިޝްވާރިޔާ
އައިޝްވާރިޔާ
އައިޝްވާރިޔާ
އައިޝްވާރިޔާ
ކޮމެންޓް