ފްރާންސްގައި ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓަށް، މަޝްހޫރު ފިލްމީ ތަރި އައިޝްވާރްޔާ ރާއީ ބައްޗަން، އޭނާގެ ދަރިފުޅު އާރަދްޔާ ބައްޗަންއާ އެކު ނުކުމެއްޖެއެވެ.

ރޭ އޮތް "ލޮރެއާލް ޕެރިސް ލައިޓްސް އޮން ވިމެންސް ވޯތު" އެވޯޑު ހަފުލާގައި މި ދެމައިން ބައިވެރިވެފައިވާ އިރު، މިއީ އުމުރުން 14 އަހަރުގެ އާރަދްޔާ ރަސްމީކޮށް މި ފެސްޓިވަލްގެ ރެޑް ކާޕެޓުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި ހަފުލާގައި އައިޝްވާރްޔާ ފެނިގެން ދިޔައީ ސޯފީ ކޯޗާ ފަރުމާކޮށްފައިވާ މަޑު ފިޔާތޮށި ކުލައިގެ ހެދުމެއްގައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާރަދްޔާ ލައިގެން ހުރީ ގަދަ ރަތް ކުލައިގެ ސެޓިން ހެދުމެކެވެ.

ކުޑައިރުއްސުރެ މަންމައާއެކު ކާންސް ފެސްޓިވަލަށް އާރަދްޔާ ދިޔަ ނަމަވެސް، މިއީ މީޑިއާތަކަށް ރަސްމީކޮށް ފޮޓޯއަށް ހުއްޓި، ރެޑް ކާޕެޓުގައި އޭނާ ހިނގި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަފުލާއަށް ދިއުމުގެ ކުރިން، ހޮޓެލް މާޓިނޭޒް އިން ނުކުމެގެން ކާރަށް އެރި އިރު އައިޝްވާރްޔާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ހުރި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

މި ހަރަކާތާ އެކު މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި ދެމައިންނަށް ވަނީ ލިބިފައެވެ. އެގޮތުން، އާންމުންގެ ގިނަ ބަޔަކު ވަނީ އާރަދްޔާގެ ފުރަތަމަ ފެނިލުމަށް ތައުރީފުކޮށްފައެވެ. ބައެއް މީހުން މީސްމީޑިއާގައި ހިޔާލުފާޅުކުރަމުން ބުނެފައިވާ ގޮތުގައި، އެއީ ރާނީއަކާއި އަމީރާއެއް ފަދަ ރީތި މަންޒަރެކެވެ. އަދި އައިޝްވާރްޔާ އޭނާގެ ދަރިފުޅު ބަލައިބޮޑުކުރަމުންދާ ގޮތަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތައުރީފުކޮށްފައެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރު ކާންސް ފިލްމު ފެސްޓިވަލްގައި އައިޝްވާރްޔާ ބައިވެރިވެފައިވާ އިރު، އޭނާއަކީ އެ ފެސްޓިވަލްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް ފަރާތެވެ. މިއަހަރުގެ ފެސްޓިވަލަށް އައިޝްވާރްޔާ ނުދާނެ ކަމަށް ކުރިން އަޑުފެތުރިފައި އޮތް ނަމަވެސް، އޭނާ ވަނީ ބުރާސްފަތި ދުވަހު ފްރާންސަށް ގޮސްފައެވެ.