ކާންސް ފިލްމް ފެސްޓިވަލް 2026 ގައި ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީ ބައްޗަން ބައިވެރިވުމުން، އޭނާގެ ސިފައަށާއި ހެދުމަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފާޑުކިޔުންތަކާ ދެކޮޅަށް، މަޝްހޫރު ބަތަލާ މަދޫރީ ޑިކްޝިޓް ނުކުމެެއްޖެއެވެ. މާދުރީ ވަނީ އައިޝްވާރިޔާގެ ދިފާއުގައި ވާހަކަދައްކައި، މީހުންގެ ސިފަޔަށް ފާޑުކިޔުމުގެ ސަގާފަތަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

މި އަހަރުގެ ކާންސް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި އައިޝްވާރިޔާ ފެނިގެން ދިއުމާއެކު، އޭނާގެ އުމުރަށާއި ހަށިގަނޑުގެ ސައިޒަށް ނިސްބަތްކޮށް ގިނަ ބަޔަކު ވަނީ މަލާމާތްކޮށްފައެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި މަދޫރީ ބުނި ގޮތުގައި، އައިޝްވާރިޔާއަކީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ކާންސް ފެސްޓިވަލްގައި އިންޑިއާ ތަމްސީލުކޮށްދީ، މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ބައިނަލްއަގުވާމީ ތަރިއެކެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިސް ވޯލްޑްގެ މަގާމު ހޯދުމަށްފަހު އައިޝްވާރިޔާ ވަނީ ގައުމަށް ރީތި ނަންތަކެއް ހޯދައިދީފައެވެ.

“އޭނާއަކީ ހަމައެކަނި ކިރާލާ ކައްޓާއަކުން ދައްކާ އަދަދަކުން، ނުވަތަ ލައިގެން ހުންނަ ހެދުމުގެ ސައިޒަކުން، ނުވަތަ އުމުރުން މިންކުރެވޭނެ މީހެއް ނޫން،” އައިޝްވަރްޔާއާ ގުޅޭ ގޮތުން މަދޫރީ ބުންޏެވެ. އަދި އައިޝްވާރިޔާއަކީ ބޭރުފުށުންނާއި އެތެރެފުށުން ވެސް ރީތި މީހެއް ކަމަށް މަދޫރީ ފާހަގަކުރިއެވެ.

މަދޫރީއާއި އައިޝްވާރިޔާ ވަނީ 2002 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު “ދޭވްދާސް” ގައި އެކުގައި މަސައްކަތްކޮށްފައެވެ.

ސޯޝަލް މީޑިއާގެ ސަބަބުން މީހުންނަށް ފާޑުކިޔުން އާންމުވެފައިވާ މިންވަރާ ގުޅޭގޮތުން ވާހަކަދައްކަމުން މަދޫރީ ބުނީ، ކުރިން ވެސް މީހުންނަށް ފާޑުކިޔާ މީހުން އުޅުނު ކަމަށާއި، ނަމަވެސް އޭރު އެކަން ކުރާނެ މަންސައެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިއަދު ސޯޝަލް މީޑިއާގެ ސަބަބުން ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު އެހެން މީހުންނަށް ފާޑުކިޔުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، މީހުންގެ ސިފަޔަށް ފާޑުކިޔުމަކީ ޒުވާން ޖީލުތަކަށް ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށް މަދޫރީ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި، މީހެއްގެ އަގު ވަޒަންކުރަންވާނީ އެ މީހަކު ހޯދާފައިވާ ކާމިޔާބީތަކުން ކަމަށާއި، ހަމައެކަނި ބޭރުފުށުގެ ސިފަޔަކުން ނޫނެވެ. ޒުވާނުންނަށް މިފަދަ ނުރަނގަޅު މެސެޖުތައް ދިނުމަކީ މުޖުތަމައުގެ ވިސްނުން ގޯސް މިސްރާބަކަށް ދާނެ ކަމެއް ކަމަށް މަދޫރީ ބުންޏެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އައިޝްވާރިޔާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.