ފްރާންސްގައި މިހާރު ކުރިއަށްދާ 79 ވަނަ ކާންސް ފިލްމު ފެސްޓިވަލްގެ ރަސްމީ ބިއުޓީ ޕާޓްނަރު ކަމަށްވާ ލޮރެއާލް ޕެރިސްގެ މައި ކެމްޕެއިނުން، އެ ބްރޭންޑްގެ އެންމެ ދުވަސްވީ އެއް އެމްބެސެޑަރު ކަމަށްވާ އައިޝްވާރިޔާ ރާއީ ބައްޗަން ނުފެނުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ.
މި މަހުގެ 12 އިން 23 އަށް ކުރިއަށްދާ މި ފެސްޓިވަލާ ދިމާކޮށް ލޮރެއާލް އިން އާންމުކުރި ޕްރޮމޯޝަނަލް ވީޑިއޯއެއްގައި، ކާންސްގެ މަޝްހޫރު ހޮޓެލް މާޓިނޭޒްގެ ބޭރުގައި އެ ބްރޭންޑްގެ ގްލޯބަލް އެމްބެސެޑަރުންގެ ބޮޑެތި ޕޯސްޓަރުތައް ދަމާފައިވާ މަންޒަރު ފެނެއެވެ. މި ޕޯސްޓަރުތަކުން އީވާ ލޮންގޯރިއާ އާއި ވަޔޯލާ ޑޭވިސް ފަދަ ތަރިންގެ އިތުރުން، 2024 ވަނަ އަހަރު ލޮރެއާލްގެ އެމްބެސެޑަރަކަށް ހަމަޖެއްސި އިންޑިއާގެ ތަރި އާލިއާ ބަޓް ފެނިފައިވެއެވެ. ނަމަވެސް، 2003 ވަނަ އަހަރުން ފެށިގެން ލޮރެއާލް ތަމްސީލުކުރަމުން އަންނަ އައިޝްވާރިޔާގެ ޕޯސްޓަރެއް މި ކެމްޕެއިނަކުން ނުފެނެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އައިޝްވާރިޔާގެ ސަޕޯޓަރުން ވަނީ ލޮރެއާލް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ގިނަ ބަޔަކު ބުނެފައިވަނީ އޭޝިއާގައި ލޮރެއާލް އެންމެ ބޮޑަށް މަޝްހޫރުކޮށްދިން ތަރި ބާކީކޮށް، އާ ތަރިންނަށް އިސްކަންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާލިއާ ބަޓް ފަދަ އާ އެމްބެސެޑަރުންނަށް ވުރެ އައިޝްވާރިޔާގެ ތަޖުރިބާއާއި މަގުބޫލުކަން މާ ބޮޑުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ލޮރެއާލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި އިންޑިއާ ތަމްސީލުކުރާނީ އައިޝްވާރިޔާ ރާއީ އާއި އާލިއާ ބަޓްގެ އިތުރުން އަދިތީ ރާއޯ ހައިދަރީ ކަމަށެވެ. އަދި މި ތިން ތަރިންނަކީވެސް އަންހެނުންގެ ބާރުވެރިކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ނަމޫނާއެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އިންޑަސްޓްރީގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ލޮރެއާލްގެ މިހާރުގެ މާކެޓިން މިސްރާބު ހުރީ ޒުވާން ޖީލުތަކުގެ މެދުގައި މަގުބޫލު ތަރިންނަށް އިސްކަންދީގެން ބްރޭންޑްގެ ތަސައްވުރު އާކުރުމަށެވެ.
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް