މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަ މޭންޑީ ޓީފީގެ އިތުރުން ޑެނިއެލާ ޕިއާސަންގެ މައްޗަށް، އޮޅުވާލައިގެން އިންވެސްޓަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެ އެމެރިކާގެ ޑެލަވެއާގެ ފެޑެރަލް ކޯޓަށް ދައުވާއެއް ހުށަހަޅައިފިއެވެ.
މި ދައުވާ ހުށަހަޅާފައިވަނީ ސެލީނާގެ މެންޓަލް ހެލްތު ސްޓާޓްއަޕް ކަމަށްވާ "ވޮންޑަމައިންޑް" އަށް 1.2 މިލިއަން ޑޮލަރު އިންވެސްޓުކުރި ދެ ކުންފުންޏެއް ކަމަށްވާ ވޮންޑަމައިންޑް އެސްއާރްއެސް 44 އާއި ބެސްޕޯކް ވޮންޑަމައިންޑް އިންނެވެ.
އިންވެސްޓަރުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، އެ މީހުން އިންވެސްޓުކުރީ ކުންފުނީގެ އޮނިގަނޑާއި، ލީޑަޝިޕް އަދި ލިބެން ހުރި ވަސީލަތްތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިނުމުންނެވެ. ކުންފުނީގެ ހެޑް އޮފް މާކެޓިންގެ ގޮތުގައި ސެލީނާ ހަރަކާތްތެރިވާނެ ކަމަށާއި އޭނާގެ މަޝްހޫރުކަން ބޭނުންކޮށްގެން ކުންފުނި ކުރިއަރުވާނެ ކަމަށް ބުނި ނަމަވެސް، ފައިސާ ހޯދުމަށްފަހު އޭނާ ކުންފުންޏާ ދުރުވެފައިވާ ކަމަށް އިންވެސްޓަރުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު "ދަ ކަޓް" އިން ޝާއިއުކުރި ރިޕޯޓަކާ ހަވާލާދީ، ސެލީނާގެ މަންމަ ޓީފީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި ކުންފުނި ހިންގުމުގައި އިހުމާލުވެފައިވާ ކަމަށް ދައުވާގައި ތުހުމަތުކޮށްފައިވެއެވެ. އަދި ކޯ ފައުންޑަރު ޕިއާސަން އޭނާގެ ވިޔަފާރީގެ ކާމިޔާބީތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި، ކުންފުނި އިނދަޖެހެމުން ދިޔައިރު ވެސް އެކަން އިންވެސްޓަރުންނަށް ސިއްރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިއީ އަދި ކޯޓުން ސާބިތުވެފައިވާ ކަންކަމެއް ނޫނެވެ.
މި މައްސަލައިގައި އިންވެސްޓަރުން އެދިފައިވަނީ އެ މީހުން އިންވެސްޓުކުރި ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. މި ދައުވާއާ ގުޅިގެން ސެލީނާ، އޭނާގެ މަންމަ، ނުވަތަ އެ މީހުންގެ ގާނޫނީ ވަކީލުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ކޮމެންޓް