ކުރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 1،600 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިމިނަލް ކޯޓުގައި ނުނިމި 1،626 މައްސަލައެއް އެބައޮތް ކަމަށެވެ.

ހުސްނީ ވިދާޅުވީ ކުރިމިނަލް ކޯޓުގެ މަސައްކަތުގެ ބުރަދަނަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އަލަށް 1،098 މައްސަލަ ވަނީ ހުށަހަޅާފައި ކަމަށެވެ. އަލަށް އައްޔަންކުރި ތިން ގާޒީންގެ ކުރިން އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ނިސްބަތަށް ބަލާއިރު، ކޮންމެ ފަނޑިޔާރަކު އެވްރެޖްކޮށް 84 މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށާއި، ކޮންމެ މަހަކު އަލަށް 15 މައްސަލަ ކޮންމެ ފަނޑިޔާރަކާ ހަވާލުކުރާ ކަމަށް ހުސްނީ ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީން ނިންމީ، މައްސަލަތައް ނިންމުން ލަސްވެ، ބެކްލޮގް ބޮޑުވަމުންދާތީ ކަމަށް ހުސްނީ ވިދާޅުވިއެވެ. މައްސަލަތައް ލަސްވާ މައިގަނޑު ސަބަބަކީ ގާޒީންގެ އަދަދާ ބަލާއިރު ބަލަންޖެހޭ މައްސަލަތައް ގިނަވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ސިވިލް ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 2،000 އެއްހާ މައްސަލަ ނިންމާފައިވާ ކަމަށް ހުސްނީ ވިދާޅުވިއެވެ.