މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ)ގެ މައްޗަށް މީހަކު މެރުގެ ހުކުމް ސާބިތުވެގެން އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލައަކީ ކުރިމިނަލް ކޯޓުން ޝަނޫންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް 10 އޮކްޓޫބަރު 2023 ގައި ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ 20 މާޗް 2015 ވީ ދުވަހުގެ ރޭގަނޑު 10:30 އެހައިކަންހާއިރު މުންޑޫގައެވެ.

ދައުލަތުން ހުށަހެޅި ދައުވާގައިވާ ގޮތުން، މުންޑޫ، ވަގުތީހިޔާ ގޭގެ ކައިރިން މަގުމަތީގައި އަލީ ސިފާމްއާއި ޒިޔަދަމް މާރާމާރީ ހިންގަމުން ދަނިކޮށް، ޝަނޫން އެތަނަށް ގޮސް ތިލައިގައި 8 އިންޗި ހުންނަވަރުގެ ވަޅިއެއް ނަގައި ޒިޔަދަމްގެ ވާތު ފައިގެ ފަލަމަސްގަނޑަށް ހަރާލާފައިވެއެވެ. އެއަށްފަހު ޒިޔަދަމް ސަލާމަތްވާން ދުވެފައި ގޮސް ވަގުތީހިޔާ ގެއަށް ވަނުމުން، ޝަނޫންއާއި ސިފާމް އޭނާގެ ފަހަތުން ގޮސް އެ ގޭގެ ތެރޭގައިވެސް ޒިޔަދަމްއަށް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅީ 10 މެއި 2015 ގައެވެ. މި މައްސަލަ ބެލުމަށްފަހު އެ ކޯޓުން 27 ފެބުރުވަރީ 2023 ގައި ކުރި ހުކުމުގައި ވަނީ ޝަނޫންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށެވެ. ކުރިމިނަލް ކޯޓުން ޝަނޫން މެރުމަށް ހުކުމްކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ ކޯޓުގެ ނިންމުމުގައި އިސްލާމީ ޝަރީއަތުގައި ގަސްދު މަރު ސާބިތުވުމަށް ބޭނުންވާ ތިން ރުކުން ފުރިހަމަވާކަން ފާހަގަކޮށްފައިވެއެވެ.

އެއީ މަރުވި ޒިޔަދަމްއަކީ ލޭގެ ރައްކާތެރިކަން ލިބިފައިވާ އިންސާނަކަށްވުމާއި، ޝަނޫންގެ އަމަލުގެ ސަބަބުން ޒިޔަދަމް މަރުވެފައިވުމާއި، އަދި އެ އަމަލު ހިންގާފައިވަނީ މެރުމުގެ ގަސްދު އޮވެގެން ކަމުގައިވާތީއެވެ.

ހައިކޯޓުގައި ކުރިއަށްދިޔަ ކުރިމިނަލް ކޯޓުގެ އެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތަކުގައި ދައުލަތުން ވަނީ ހަތަރު މުހިންމު ނުކުތާއެއް ފާހަގަކޮށްފައެވެ. ފުރަތަމަ ނުކުތާއަކީ ދަށު ކޯޓަށް ހުށަހެޅި ހެކި ގަރީނާތަކުން ޝަނޫންގެ މައްޗަށް ކުށް ސާބިތުވާކަން ކަށަވަރުކުރުމެވެ. މިގޮތުން ޒިޔަދަމްގެ ކަރަށާއި ބުރަކައްޓަށް ލިބިފައިވާ ޒަހަމްތަކުން ގިނަ އަދަދަކަށް ލޭ ބޭރުވެފައިވާކަން މެޑިކަލް ރިޕޯޓުތަކުންނާއި، ހާދިސާ ހިނގި ސީންއިން ފެނުނު ލޭގެ ޑީއެންއޭ ތަހުލީލުތަކުންނާއި، މަންޒަރު ފެނުނު ހެކިވެރިންގެ ބަހުން އެނގެން އޮތްކަން ދައުލަތުން ފާހަގަކުރިއެވެ.

ދެވަނަ ނުކުތާއަކީ ގާނޫނުއަސާސީން ޝަނޫންއަށް ލިބިދޭ އެންމެހާ ހައްގުތައް ދަށު ކޯޓުގައި ކަށަވަރުކޮށްދީފައިވާކަން ޔަގީންކުރުމެވެ. ތިންވަނަ ނުކުތާއަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުން މަނާކުރާ އެއްވެސް ސަބަބެއް ޝަނޫންގެ ކިބައިގައި ނެތްކަން ކަށަވަރުކުރުމެވެ. އަދި ހަތަރުވަނަ ނުކުތާއަކީ ވާރިސުންގެ ބަސް ނަގާފައިވަނީ ޝަރުއީ ހަމަތަކުންކަން ކަށަވަރުކުރުމެވެ.

ޒިޔަދަމް މަރުވިއިރު އޭނާގެ ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ ބައްޕަ މުހައްމަދު ނިޒާރުގެ އިތުރުން 8 އާއިލީ މެންބަރުންނާއި އޭނާގެ ހަމައެކަނި ދަރިފުޅު މުހައްމަދު އަޔޫބް ބިން ޒިޔަދަމްއެވެ. ދަށު ކޯޓުގައި ބޮޑެތިވެފައި ތިބި ހުރިހާ ވާރިސުންވެސް ބުނެފައިވަނީ ގިސާސް ހިފަން ބޭނުންވާ ކަމަށެވެ. ނަމަވެސް ޒިޔަދަމްގެ ދަރިފުޅު އަޔޫބްގެ އުފަން ތާރީހަކީ 26 މާޗް 2012 ކަމަށްވާތީ، ދަށު ކޯޓުން ހުކުމްކުރިއިރު އޭނާގެ އުމުރުން 15 އަހަރު ނުފުރޭތީ އޭނާގެ ބަސް ހޯދާފައެއް ނުވެއެވެ.

ހައިކޯޓުގައި ޝަނޫންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށު ކޯޓުން ހުކުމްކުރި ފަހުން މިހާރު ދެ އަހަރު ފާއިތުވެފައިވާތީ، ޒިޔަދަމްގެ ދަރިފުޅުގެ އުމުރުން މިހާރު 15 އަހަރު ފުރިފައިވޭތޯ ބަލައި، އޭނާގެ ބަސް ހައިކޯޓުން ނަގައިދިނުމަށެވެ. ޝަނޫންގެ ފަރާތުން ދައުލަތުގެ އެހެން ނުކުތާތަކަށް އިއުތިރާޒެއް ކޮށްފައިނުވި ނަމަވެސް، މި ނުކުތާގައި ކޯޓުން ގޮތެއް ނިންމައިދިނުމަށް ވަނީ އެދިފައެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމުގެ ރައުޔުގައި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި ހަތަރު މުހިންމު ނުކުތާއަކަށް ރިއާޔަތްކުރައްވާފައެވެ. ފުރަތަމަ ކަމަކީ ހެކި ގަރީނާ ވަޒަންކުރުމެވެ. ދަށު ކޯޓުން ވަނީ ސިއްރު ހެކިވެރިންގެ ބަހާއި، ޑީއެންއޭ ތަހުލީލުތަކާއި، މެޑިކަލް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ޝަނޫންގެ މައްޗަށް ކުށް ސާބިތުވާކަން ކަނޑައަޅާފައެވެ. ޝަނޫން ދިރިއުޅޭ ކޮޓަރީގެ ދޮރުމަތިންނާއި އޭނާގެ ފައިގެ އިނގިލިތަކުން ލޭ ފެނިފައިވުމާއި، ޒިޔަދަމްގެ ހަށިގަނޑުން ޝަނޫންގެ ލޭ ފެނިފައިވުމަކީ ކުށް ސާބިތުކުރުމަށް ލިބުނު ވަރުގަދަ ގަރީނާތަކެއްކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ފަނޑިޔާރު ހުޒައިފާ ބައްލަވާފައިވަނީ ޝަނޫންއަށް ލިބިދޭންޖެހޭ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދީފައިވޭތޯއެވެ. ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތަށް ލިބިދޭ އެންމެހާ ހައްގުތައް، އޭގެ ތެރޭގައި ވަކީލަކު އައްޔަންކުރުމާއި ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދަށު ކޯޓުން ދީފައިވާކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ތިންވަނަ ކަމަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުން މަނާކުރާ އެއްވެސް ސަބަބެއް އޮތްތޯ ބެލުމެވެ. ޝަނޫންއަކީ ބާލިއުވެ، ބުއްދި ސަލާމަތުން ހުރި މީހެއްކަމާއި، މަރުވި ޒިޔަދަމްއާ ދެމެދު ގިސާސް ހިފުން ހުއްދަނުވާ ފަދަ ގާތްތިމާގެ ކަމެއް ނެތްކަން ސާބިތުވާކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

މި މައްސަލައިގެ އެންމެ ބޮޑު ބަހުސަކަށްވީ ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާއެވެ. ޒިޔަދަމްގެ ބޮޑެތިވެފައި ތިބި ހުރިހާ ވާރިސުން ގިސާސް ހިފަން ބޭނުންވާކަމަށް ބުނެފައިވާއިރު، އޭނާގެ ކުޑަ ދަރިފުޅު މުހައްމަދު އަޔޫބް ބިން ޒިޔަދަމްގެ އުމުރުން 15 އަހަރު ނުވާތީ ދަށު ކޯޓުން އޭނާގެ ބަސް ހޯދާފައެއް ނުވެއެވެ. ޝަނޫންގެ ފަރާތުން އެދުނީ މިހާރު އެ ކުއްޖާގެ އުމުރު ހަމަވެފައިވާ ނަމަ، ހައިކޯޓުން އެ ކުއްޖާގެ ބަސް ނަގައިދިނުމަށެވެ. ދައުލަތުންވެސް ވަނީ އެކަމަށް ރިއާޔަތް ކޮށްދިނުމަށް އިއުތިރާޒު ނުކުރާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ކުރިމިނަލް ކޯޓުން ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގެ 42 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ ވަގުތު ކުއްޖާގެ ބަސް ނުހޯދައި ހުކުމްކުރުމަކީ އިޖުރާއީ ގޮތުން ސައްހަ ގޮތުގައި ކަމަށެވެ.

އެކަންތައްތައް ފާހަގަކުރައްވައި ފަނޑިޔާރު ހުޒައިފާ ރައުޔު ކަނޑައެޅުއްވީ ޝަނޫން މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ފަނޑިޔާރު ހުޒައިފާގެ އެ ރައުޔަށް މި މައްސަލައިގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރު ވަނީ ތާއީދު ކުރައްވައިފައެވެ. އެހެންވެ، މި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ހުޒައިފާ ކުރެއްވި ހުކުމުގައި ވިދާޅުވީ ޝަނޫން މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.