ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، މި އަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގުސަދުގައި ބީއެމްއެލުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.

މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތަކަކީ:

  • ދިއްދޫ ކުރިމަގު: ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާ އެކު މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތައުލީމާއި އާ އީޖާދުތަކާއި އިޖުތިމާއީ އެކި ހަރަކާތްތަކަށް ހާއްސަ މަރުކަޒެއް.
  • ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަހައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްގީކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމައުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް.
  • ލާމު ފާމާސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިން ހަބް' ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް.
  • ބްލޫ ގިލްޑް ފައުންޑޭޝަން: ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް 'މޭކާ ސްޕޭސް' އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް.
  • ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުން. މިތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި ފާހާނާ އާއި ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައި.

'ބޭންކް ފަންޑް' އަކީ ބީއެމްއެލްއަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުން ކަމަށެވެ.

ބީއެމްއެލުން އަންނަނީ މުޖުތަމަޢުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތުކަމެއް ދެމުންނެވެ. އެގޮތުން މިހާތަނަށް ބޭންކް ފަންޑްގެ ދަށުން ވަނީ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބީއެމްއެލުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.