އީރާނުގެ ބަނދަރަކަށް ދަތުރުކުރަމުންދިޔަ ޕެނަމާގެ ދިދަ ނަގާފައިވާ ކާގޯ ބޯޓަކަށް އަންގާރަ ދުވަހު އޮމާން ކަނޑުގެ ސަރަހައްދުން އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ އެ ބޯޓު ހުއްޓުވައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، "ވެލާ ނޯވާ" ނަމަކަށް ކިޔާ މި ބޯޓަށް ހަމަލާދިނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެމްއެޗް-60 މަރުކާގެ ހެލިކޮޕްޓަރަކުންނެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓު ހުއްޓުމަށް އެމެރިކާގެ ސިފައިން ތަކުރާރުކޮށް ދިން އިންޒާރުތަކަށް ބޯޓުގެ ފަޅުވެރިން ތަބާ ނުވުމުން، ބޯޓުގެ އިންޖީނު ރޫމަށް ދެ ހެލްފަޔަރ މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ބޯޓުގެ ދުވެލި ކޮންޓްރޯލްކުރާ ނިޒާމު ވަނީ ހަލާކުވެފައެވެ.

ސެންޓްކޮމް އިން ބުނި ގޮތުގައި، މި ބޯޓަށް ހަމަލާދިނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުމަގުގެ ހުރަސްތަކާ ހިލާފަށް އީރާނުގެ ބަނދަރަކަށް ދިއުމަށް މަސައްކަތްކުރުމުންނެވެ.

“އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އެ ބޯޓު މިހާރު އީރާނަށް ދަތުރެއް ނުކުރޭ،” ސެންޓްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އޮގަސްޓް 11 ވަނަ ދުވަހާ ހަމައަށް، އެމެރިކާގެ ހުރަސްތަކާ ހިލާފުވާން މަސައްކަތްކުރި 55 ބޯޓެއްގެ މިސްރާބު ބަދަލުކުރުވައި، އަމުރަށް ތަބާ ނުވި 3 ބޯޓެއް ހުއްޓުވައި، އަދި 2 ބޯޓަކަށް ސިފައިން އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން މަނާކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ޖޫން މަހު ވެވުނު ވަގުތީ އެއްބަސްވުމަކާ ގުޅިގެން އެ ފިޔަވަޅުތައް އުވާލުމަށްފަހު، ޖުލައި މަހުގެ މެދުތެރޭގައި އަލުން ވަނީ އެ ހުރަސްތައް ތަންފީޒުކުރަން ފަށައިފައެވެ. އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅީގެ ބާރު އޮންނާނީ އެ ގައުމަށެވެ. ނަމަވެސް އެމެރިކާއިން އެކަން ގަބޫލު ނުކޮށް ބުނަމުންދަނީ އެއީ ބައިނަލްއަގުވާމީ ގޮތުން ހުޅުވާލެވިފައިވާ ކަނޑުމަގެއް ކަމަށެވެ.

މި ހަމަލާގައި ބޯޓުގެ އެއްވެސް ފަޅުވެރިޔަކަށް އަނިޔާވި ކަމެއް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައެއް ނުވެއެވެ. ކަނޑުމަގުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ ވެންގާޑުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސައިލް ހަމަލާގެ ސަބަބުން ބޯޓުގައި ރޯވި އަލިފާންގަނޑު ފަހުން ވަނީ ނިއްވާލާފައެވެ. އަދި ބޯޓުގައި ތިބި 17 ފަޅުވެރިން ތިބީ ސަލާމަތުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.