ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން އެކި ރަށްރަށުގެ އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށް އެހީތެރިވުމުގެ ގޮތުން "ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓު" ގެ ދަށުން ހިންގި ހަތް މަޝްރޫއެއް ވަނީ ނިންމާލައިފައެވެ.

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި 2025 ވަނަ އަހަރު ތައާރަފުކުރި ގްރާންޓެކެވެ. މި އިނިޝިއަޓިވްގެ ދަށުން ބީއެމްއެލްގެ މުވައްޒަފުން ވަނީ ރަށްރަށުގެ ސުކޫލުތަކާއި، ކައުންސިލްތަކާއި، އިޖުތިމާއީ ޖަމްއިއްޔާތަކުގެ އިތުރުން ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެއްޓަށް ހާއްސަ މަޝްރޫއުތަކެއް ހިންގައިފައެވެ.

ނިންމާލެވުނު މަޝްރޫއުތަކުގެ ތެރޭގައި ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ފޮތް ކިޔުމަށާއި ކިޔެވުމަށް ހާއްސަ އެކްސްޓާނަލް ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ. ބީއެމްއެލް މީދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސުކޫލު ގޯތިތެރޭގައި ފޮތްކިޔުމަށާއި ގްރޫޕް ސްޓަޑީ ހެދުމަށް ހާއްސަކޮށް، ހިޔާކޮށްފައިވާ ބެންޗާއި މޭޒު ވަނީ ބަހައްޓައިފައެވެ. މީގެ އިތުރުން ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ. ބީއެމްއެލް ގުރައިދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގައި، ކުދިންނަށް ރައްކާތެރިކަމާއެކު، ކުޅެވޭނެ ވަސީލަތްތަކާއެކު ކުޅޭ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.

11 އޯގަސްޓް 2026، ބީއެމްއެލްގެ "ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓު" ގެ ދަށުން ހިންގި މަޝްރޫއެއް -- ފޮޓޯ/ ބީއެމްއެލް

ގދ. އަތޮޅު ސުކޫލުގައި ބެންޗަކާއެކު މަޑުކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަޝްރޫއު ހިންގާފައިވަނީ ބީއެމްއެލް ގައްދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެންނެވެ. މި މަޝްރޫއުގެ ދަށުން، ދަރިވަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިން އަދި ސުކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިށީންނާނެ ބެންޗުތައް ސުކޫލު ގޯތިތެރޭގައި ވަނީ ބަހައްޓައިފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި "ސްޓޫޑެންޓް ރިސޯސް ހަބް" އެއް ގާއިމުކުރުމުގެ މަޝްރޫއު ހިންގާފައިވަނީ ބީއެމްއެލްގެ މުވައްޒަފު ހުސައިން އަލީ އިސްނަގައިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެންނެވެ. މި މަޝްރޫއުގައި، މެޑިކަލް ދަރިވަރުންނަށް ހާއްސަކޮށް މެޑިކަލް ފޮތްތަކާއި، ޑިޖިޓަލް އުނގެނުމުގެ ވަސީލަތްތަކާއި، މައިކްރޯސްކޯޕް އަދި އެހެނިހެން ރިސޯސްތައް ހިމެނޭ ހަބެއް ވަނީ ގާއިމުކޮށްފައެވެ.

ހއ. މުރައިދޫ ސުކޫލުގެ ވޯކްވޭ މަޝްރޫއު ހިންގާފައިވަނީ ބީއެމްއެލްގެ މުވައްޒަފު މަރިޔަމް ހާނީ އިސްނަގައިގެން، މުރައިދޫ ސުކޫލުގެ ޕީޓީއޭއާ ގުޅިގެންނެވެ. މި މަޝްރޫއުގެ ދަށުން، ސުކޫލުގެ މުހިންމު ސަރަހައްދުތަކަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ދެވޭނެ ގޮތަށް ހިނގާ މަގެއް ވަނީ ގާއިމުކޮށްފައެވެ. "މުރަކަ މުރާސިލް ސިޓިޒަން ސައިންޓިސްޓްސް" މަޝްރޫއު ހިންގާފައިވަނީ ބީއެމްއެލްގެ މުވައްޒަފު އަހުމަދު މާއިދް މޫސާ، މުހައްމަދު ލޫތު ހުޝާމް އަދި އާމިނަތު އިސްރާ ޖައުފަރު އިސްނަގައިގެންނެވެ. މި މަޝްރޫއުގައި، މުރަކަ ފަރުތައް ދިރާސާކުރުމަށް ބޭނުންކުރާ 60 ޓޫލްކިޓާއި އޮންލައިން ޑޭޓާ ޕްލެޓްފޯމެއް އުފައްދައި، މައުލޫމާތު އެއްކުރުމަށް މަދުވެގެން 20 ސިޓިޒަން ސައިންޓިސްޓުން ވަނީ ތަމްރީނުކޮށްފައެވެ.

11 އޯގަސްޓް 2026، ބީއެމްއެލްގެ "ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓު" ގެ ދަށުން ހިންގި މަޝްރޫއެއް -- ފޮޓޯ/ ބީއެމްއެލް

ދ. ކުޑަހުވަދޫގައި ކުނި މަދުކުރުމުގެ އިނިޝިއަޓިވްގެ މަޝްރޫއު ހިންގާފައިވަނީ ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން، ދ. ކުޑަހުވަދޫ ކައުންސިލާ ގުޅިގެންނެވެ. މި މަޝްރޫއުގެ ދަށުން، ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ދަގަނޑު ދަޅު ފިއްތާ މެޝިނެއް (ކޭން ކްރަޝާ) ބަހައްޓައި، ކުނީގެ މިންވަރު މަދުކޮށް ރީސައިކަލް ކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ.

ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން، މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ، މުޖުތަމައަށާއި ތިމާވެއްޓަށް ފައިދާހުރި ކުދި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ބީއެމްއެލުން އަދިވެސް އަންނަނީ ފަހިކޮށްދެމުންނެވެ.