ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކެނެޑާގެ ޑި ހެވިލަންޑް ކުންފުނީގެ އާ ދެ ބޯޓު ގަތުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ "ޑީ.އެޗް.ސީ-6 ޓްވިން އޮޓާ ކްލަސިކް 300-ޖީ" މަރުކާގެ ބޯޓުތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސްއެވެ. ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑްލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާގްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޮގޭޝް ގާގް ވިދާޅުވީ މި އާ ބޯޓުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ މާހައުލާއި އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ލަފަޔާއި އިރުޝާދު އެ ބޯޓުތައް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއެކު އުފައްދާ އެ ބޯޓުތަކަކީ މަރާމާތުކުރުމަށް ފަސޭހަ އަދި ހިންގުމުގެ ހަރަދު ކުޑަ ބޯޓުތަކެކެވެ.

އިޔާސް ވިދާޅުވީ އެ ބޯޓުތަކުގެ ބަރުދަން ލުއިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި މުދާ އުފުލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އޭގެ ސަބަބުން ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި، އާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

ޓްވިން އޮޓާ ބޯޓުތަކަކީ ދުނިޔޭގެ އެންމެ ގިނަ ގަޑިއިރު ދަތުރުކޮށްފައިވާ، އިތުބާރު ހުރި އުޅަނދުތަކެކެވެ.