މަޝްހޫރު ޓެކް ޔޫޓިއުބަރު "ޖެރީރިގްއެވްރީތިންގް" (ޒެކް ނެލްސަން) ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 8 އަށް އަމާޒުކޮށް ކުރިއަށްގެންދިޔަ އެންމެ އުނދަގޫ ސްޓްރެސް ޓެސްޓުން އެ ފޯނު ސަލާމަތްވެއްޖެއެވެ.

މި ޓެސްޓުގައި ޒެކް ވަނީ ފޯނުގެ ސްކްރީނުގައި ވަޅިއަކުން ކަހައި، ލައިޓަރަކުން އަންދައި، އަދި ފޯނު ފަތްޖެހޭ މިސްރާބާ އިދިކޮޅަށް ބާރަށް ލަނބައިފައެވެ. މި ޓެސްޓުގެ ނަތީޖާއިން ކަށަވަރުވި ގޮތުގައި، އިދިކޮޅަށް ލެނބުމުގެ ސަބަބުން ފޯނުގެ ހިންޖަށް (ފަތްޖެހޭ ހުޅަށް) ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ފޯނު ދެބައިވެ ބިނދިފައެއް ނުވެއެވެ. އަދި ޓެސްޓަށްފަހު ވެސް ފޯނުގެ ޑިސްޕްލޭ މަސައްކަތްކުރާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އެހެން ފޯލްޑަބަލް ފޯނުތަކެކޭ އެއްފަދައިން، މީގެ އެތެރޭ ސްކްރީނުގައި ވަރަށް ފަސޭހައިން (ލެވެލް 2 ގައި) ރޫފަޅައިގެންދާ ކަން ޒެކް ވަނީ ފާހަގަކޮށްފައެވެ.

މި ޓެސްޓާ ގުޅިގެން ރިވިއުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ސެމްސަންގުން އަލަށް ތައާރަފުކުރި "ފްލެކްސް ޓައިޓޭނިއަމް" ޑިއުއަލް ލޭޔާ އޮނިގަނޑުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. ސެމްސަންގުން ރަސްމީކޮށް ބުނެފައިވާ ގޮތުގައި ޒީ ފޯލްޑް 8 ގެ ހިންޖަކީ 5 ލައްކަ ފަހަރު ފަތްޖަހައި ހުޅުވުމުގެ ގާބިލުކަން ލިބިގެންވާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

އިންޑަސްޓްރީގެ ފަރާތްތަކާ ހަވާލާދީ ބިގްގޯ ފައިނޭންސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޯނުގެ ބޯމިނުގައި އެންމެ 4.5 މިލިމީޓަރު ހުރި ނަމަވެސް، މި ޓެސްޓުން ފެނިގެންދިޔަ ވަރުގަދަކަމަކީ ފޯލްޑަބަލް ފޯނުތަކުގެ މާކެޓު ފުޅާވުމަށް ލިބުނު ހެޔޮ ފާލެކެވެ. މީގެ އިތުރުން، ޒެކްގެ މި ވީޑިއޯއަށް އެއް ދުވަސް ތެރޭގައި އެއް މިލިއަނެއްހާ ވިއުސް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މޭޝަބަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެންމެ ފޯނެއް ބޭނުންކޮށްގެން ކުރި ޓެސްޓަކަށް ވުމުން މިއީ އެންމެ ފުރިހަމަ ޓެސްޓަށް ނުވެދާނެއެވެ. ނަމަވެސް މިއީ ފޯލްޑަބަލް ފޯނުތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަށް އުފެއްދުމުގައި ސެމްސަންގުން ހޯދާފައިވާ ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.