މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްގީކޮށް، ނިންމުމަށްފަހު ބިމާއި އިމާރާތް އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަންޖެހޭ ގޮތަށް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއާ ބިން ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

އެ ގަރާރު ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކުއްލި ޖަލްސާގައެވެ.

މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ އެ ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވައިފައެވެ.

ގަރާރަށް ވޯޓު ދެއްވާފައި ނުވާ ކައުންސިލަރުން:

  • މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ
  • ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ
  • މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން
  • މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ހަދީޖާ މުހައްމަދު
  • މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ

އެ ޖަލްސާގައި ބައިވެރި ނުވަނީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބެވެ.

އެ ޖަލްސާގައި ގަރާރު އިއްވަވައިދެއްވީ މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. އެ ގަރާރުގައި ބިން ހަވާލުކުރުމަށް ޝަރުތެއްގެ ގޮތުގައި ވަނީ، މަޝްރޫއު ނިންމުމަށްފަހު ބިމާއި އިމާރާތް އަނބުރާ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ޖެހުމެވެ.

އެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. ވެޓް މާކެޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން ޑިސެމްބަރު 2025 ގައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

"އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް،" މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސލުން ބުނީ އެ ގަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި އޮތް 17,558.54 އަކަފޫޓުގެ ބިމުގައެވެ. އެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ގަރާރުގައި ޝަރުތުކޮށްފައިވެއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަންވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ގަރާރުގައި ވަނީ ނިންމާފައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި އާ މަސްމާރުކޭޓެއް އެޅުމަށް މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްދޭން އެ ކުންފުނިން އަމިއްލައަށް އެދިފައިވީ ނަމަވެސް، ކައުންސިލުން އެކަން ނުކޮށް އޮތް ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން މިދިޔަ ޖޫން މަހުގެ 21 ގައި ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް، އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް ކައުންސިލުން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވަނީ، މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައިވާތީ ކަމަށާއި، ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލުކުރުމަށް ފަހުގައިކަމަށްވެސް ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވީ، މިކަމުގައި މިހާތަނަށް ކައުންސިލުން ނުދޭ އެއްބާރުލުމެއް ނޯންނާނެ ކަމަށެވެ.