ލޯކަލް ގަވާމަންޓް އޮތޯރިޓީ، (އެލްޖީއޭ)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެ ބޯޑުގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު ސެޕްޓެމްބަރު މަހަށް ހަމަވާތީ ކުރިމަތިލުމަށް އެ އޮފީހުން ހުޅުވައިލީ މިދިޔަ ޖުލައި މަހުއެވެ.

އެ ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން އެ ބޯޑަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވުމުން، މަޖިލިސް ތަޅުމައި އެބޭފުޅުންގެ ނަން އިއުލާން ކުރެއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން، ޖެންޑާ އީކުއެލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރުގެ ގޮތުގައި، އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައި ވަނީ ގދ. ގައްދޫ ތިބުރޯޒުގެ އާއިޝަތު އާރިފާއެވެ. ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރަން ފޮނުއްވާފައި ވަނީ ށ. ކަނޑިތީމު ރަތްވިލާގެ މުހައްމަދު އާރިފްއެވެ.

ނުވަ މެންބަރުން ހިމެނޭ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބު ކުރާ މެންބަރަކާއި މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.