ޔަމަނުގެ މާރިބް އަދި ހަޟްރަމައުތު ޕްރޮވިންސްގައި ތިބޭ ސައުދީ އަރަބިއްޔާއަށް ތާއީދުކުރާ ޔަމަނު ސަރުކާރުގެ ސިފައިންނަށް އަމާޒުކޮށް ހޫސީން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އަލްޖަޒީރާ އަދި ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި އަދި ހުކުރު ދުވަހު ޑްރޯން އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި ޔަމަނު ސަރުކާރުގެ 58 ސިފައިން ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މާރިބްގެ އައްރުވައިކް ސަރަހައްދާއި ހަޟްރަމައުތުގެ އަލްއަބްރު އަދި އައްސަނިއްޔާ ސަރަހައްދުގައި ހުރި އަސްކަރީ ކޭމްޕުތަކަށެވެ.

ހޫސީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މިއީ ސައުދީން އެ ސަރަހައްދުތަކަށް ސިފައިން ޖަމާކުރަމުންދާތީ ދިން ހަމަލާތަކެކެވެ. އަދި ޔަމަނުގެ ބިމުގައި ތިބި ސައުދީގެ ބައިވެރިންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ހޫސީންގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މި ހަމަލާތަކާ ގުޅިގެން ޔަމަނުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ހަމަލާތައް ކުށްވެރިކުރައްވައި، ޒަހަމްވި މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލުތައް ތައްޔާރީ ހާލަތަށް ގެނައުމަށް އަންގަވާފައެވެ. މީގެ އިތުރުން، ޔަމަނުގައި ހުންނަ އެމެރިކާގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ހޫސީން ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. ޔަމަނުގެ ސަރުކާރުން ބުނާ ގޮތުގައި، މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ހޫސީން އެ މީހުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ދޫކޮށްލުމެވެ.