ރާއްޖޭގެ ރަށްރަށުގެ ތެރެއިން ގުދުރަތީގޮތުން އެންމެ ބިޔަކޮށް އުފެދިފައިވާ ރަށަކީ ހައްދުންމަތީ ގަމެވެ. ރާއްޖޭގެ ހަޟާރަތުގެ އެންމެ ދޮށީ އެއްރަށަކީވެސް ގަމެވެ. ގަމުގެ މާނަޔަކީ ބޮޑުރަށެވެ. ގަމުގައިވާ އެންމެ އާދަޔާ ޚިލާފު ތަނަކީ ފެންގަނޑެކެވެ. އެއީ ރަށް އުފެދުނުއިރުގެ ކަމެކެވެ. އެއީ ރާއްޖޭގައިވާ އެންމެ ފުން ފެންގަނޑެވެ. ގަމަށް ޒިޔާރަތްކުރާ މީހުން އެންމެ ހިތާވާ ތަނަކީ އެއީއެވެ. އެންމެ ގިނަބައެއްގެ ކެމެރާތަކަށް އަރާތަނަކީވެސް އެއީއެވެ. މީސްމީޑިއާއަށް އެންމެ ގިނައިން ދޫކުރެވޭ ޕޯސްޓުތައް ގުޅިފައިވަނީވެސް އެތަނާއެވެ. އާއްމު ނަމަކީ ޕަރީފެންގަނޑެވެ. މިފެންގަނޑުގެ ވާހަކަ ކޮންމެވެސް އެއްގޮތަކަށް އަޑުނާހާ ދިވެއްސަކު ނުހުންނާނެއެވެ. އަޅުގަނޑު ދާދިކުޑައިރު މިފެންގަނޑުގެ ވާހަކަ އެހީ ކާށިދޫކަނޑާ ގުޅިފައިވާ ފެންގަނޑެއްކަމުގައެވެ. މިޒަމާނުގައި މިފެންގަނޑުގެ ސިފަތަކާއި ޚާއްސަކަމާމެދު އަދަދެއްނެތްހައި ގިނަ ރިޕޯޓުތަކާއި ޑޮކިއުމެންޓްރީތައް ހެދިފައިވެއެވެ. މި ލިސްޓަށް އަޅުގަނޑުވެސް އެއްޗެއް އިތުރުކޮށްލުމުގެ ޝައުގު އުފެދުނީ ދާދިފަހުން ގަމަށް ކުރި ދަތުރަށްފަހުގައެވެ.
ޕަރީފެންގަނޑުގެ ބޮޑުމިނާއި ހިމާޔަތް ކުރެވިފައިވާ އޭރިއާ
ޕަރީފެންގަނޑާއި އެފެންގަނޑުގެ ވަށައިގެންވާ އޭރިޔާއަކީ ހިމާޔަތް ކުރެވިފައިވާ އޭރިއާއެއް ކަމުގައި ސަރުކާރުން ހަމަޖައްސަވަައި އިއުލާނު ކުރެެއްވީ 23 ޑިސެމްބަރު 2021 ގައެވެ. މިގޮތަށް ހިމާޔަތް ކުރެވިފައިވާ އޭރިއާގެ ބޮޑުމިނަކީ ފަނަރަ ހެކްޓަރެވެ. ހިމާޔަތް ކުރެވިފަައިވާ އޭރިއާގެ ސައިޒުގެ މިސާލެއް ދަންނަވަންޏާ ދަންނަވަން ޖެހެނީ އެއީ މާލެއަތޮޅުގެ މީހުން ދިރިއުޅޭ ރަށެއް ކަމަށްވާ ގުޅީގެ ސައިޒު ކަމުގައެވެ. މިދެންނެވި ފަނަރަ ހެކްޓަރަކީ ޕަރީފެންގަޑުގެ ބޮޑުމިނެއް ނޫނެވެ. ހިމާޔަތް ކުރެވިފައިވާ އޭރިއާގެ ތެރޭގައި އެދިމާލުން މޫދުގެ ބަޔަކާއި ފަރުގެ ބައެއްވެސް ހިމެނެއެވެ. އަސްލު ފެންގަނޑުގެ ބޮޑުމިނަކީ 2011 ވަނަ އަހަރު މިންއަޅައިގެން ބެލިއިރު ނަވާރަހާސް އަކަފޫޓެވެ. އެއީ ގާތްގަނޑަކަށް ފުޓްސަލް ދެދަނޑުގެ ބޮޑުމިނެވެ. މިހާރު އެތަނަށްގޮސް ބަލާ މީހަކަށް ފެންގަނޑުގެ ބޮޑުމިން އަދި އެއަށްވުރެވެސް ކުޑަކަމަށް ފެނިދާނެއެވެ. މައިގަނޑު ސަބަބަކީ ރަނޑޫގަސްތަކާއި ބޮޑުވަކިގަސްތަކުގެ މޫތައް ގުޅެމުން ގެތެމުން ފެންގަނޑުގެ މައްޗަށް ފެތުރެމުން ދިއުމެވެ.
ކުރީ ޒަމާނުގައި ފެންގަނޑު އެކަށީގެންވާ ގޮތެއްގައި ސާފުކޮށް ބެލެހެއްޓިފައި ނުވުމަކީވެސް ސަބަބެކެވެ. ރުއްރުކުން ވެއްޓޭ ކާށި، ކޮވި، ފަނާއި އަދި ގަސްގަހުން ވެރޭ ފަތާއި ވެއްޓޭ ގަސްތައް ނަގައި ސާފުކޮށް ބެލެހެއްޓިފައި ނުވުމަކީ ސަބަބެކެވެ. އިހުގައި މިތަނުން ބޮޑެތި ބޮޑަވަކިގަސް ކަނޑައިއުޅުނީ އޮޑިދޯނިފަހަރުގެ ފަށަނަށެވެ. އެއީ މިހާރު ކުރާކަމެއް ނޫނެވެ. މީހުން ގޮސް ކުނި ނޭޅިޔަސް ގުދުރަތީ ނިޒާމުގެ ތެރެއިން އުފެދޭ ކުނިބުނި ހުންނާނެއެވެ. މީހުން އުޅޭ ސަރަހައްދާ ދުރުގައި އޮންނަ ތަނަކަަށްވެފައި އިހުގައި މާބޮޑު ބޭނުމެއް ހިފާތަނަކަށް ނުވާތީ ސާފުކޮށް ބެލެހެއްޓުމަކީ ސަމާލުކަން ދޭ ކަމަކަށްވެފައި ނުވަނީއެވެ. މިތަނުގެ ފެނުގެ ކުލަޔަކީ މުށިރަތް ކުލައެކެވެ. އެކުލަ ހުރުމަކީ ފެންގަނޑު ކޮންމެހެން ބިރުވެރިވާން ޖެހޭ ސަބަބެއް ނޫނެވެ. އެކުލަ ހުންނަނީ ފެން ދައުރު ނުވާތީ އާއި ވަށައިގެންވާ ތަފާތު ގަސްގަހުގެ ފަތްތަކާއި މޫތައް ފެންގަނޑަށް ގިރިގެންގޮސް އެޔާއެކުވެގެންނެވެ. މިކުލަ ހުންނަ އެހެން ބައެއް ފެންފެންގަނޑު ރާއްޖޭގެ އެކިރަށްރަށުންވެސް ފެނެއެވެ.
ޕަރީފެންގަޑުގެ އާދަޔާޚިލާފު ފުންމިން
ޕަރީފެންގަނޑަކީ މުޅިރާއްޖޭގައިވާ މިޒާތުގެ އެންމެ ފުން ފެންގަނޑެވެ. ބޮޑުތަނުންނެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ކަށަވަރުވަނީ ފުންމިނުގައި ތިރީސް މީޓަރު ހުރިކަމެވެ. ބައެއް ދިމަދިމާލުގައެވެ. މިތަނުގެ ފުންމިނާމެދު ތަފާތު އެހެން ރިވާތައްވެސް އެބަހުއްޓެވެ. ބައެއް ޑައިވަރުން ސާޅީސް މީޓަރުކަމަށް ބުނެފައިވެއެވެ. ސޯޅަ މީޓަރުކަމަށްވެސް އެއްބަޔަކު ބުރަވެއެވެ. އަނެއްބަޔަކު ސާޅީސް ފޫޓުކަމަށްވެސް ބުނެފައިވެއެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ތޯހާ އަބޫބަކުރު 2011 ވަނަ އަހަރު ބެއްލެވި ބެއްލެވުމާއި ހެއްދެވި ދިރާސާތަކަށްފަހު ވިދާޅުވެފައިވަނީ ފެންގަނޑުގެ ފުންމިނަކީ 36 ފޫޓާއި 40 ފޫޓާ ދެމެދު ކަމުގައެވެ. ކޮންމެއަކަސް އެތައް ޑައިވަރުންނެއް ފީނައިގެން ބަލައިފިއެވެ. ވާޖަހަައިގެން ބަރުފައްތައިގެންވެސް ބަލައިފިއެވެ. އެންމެ ގިނަބަޔަކު ބުނެގެން އެންމެ ބޮޑަށް ކިޔަމުންދަނީ ތިރީސް މީޓަރު ކަމުގަވެ. ފޫޓުން ބަލަންޏާ 30 މީޓަރަކީ 98 ފޫޓެވެ. އެއީ އިމާރާތަކުން މިސާލުޖަހަންޏާ ދިހަބުރީގެ އިމާރާތެއްގެ އުސްމިނެވެ. ރާއްޖޭގެ ބައެއް އަތޮޅުއަތޮޅުގެ އެތެރެވަރީގެ އެވަރެޖް ފުންމިނަކީވެސް އެއީއެވެ.
ދިވެހިރާއްޖޭގައި ރަސްމީކޮށް ފީނުން ހުއްދަ އެންމެ ފުންމިނަކީވެސް ތިރީސް މީޓަރެވެ. މި ފެންގަނޑުގެ ފުންމިނާމެދު ތަފާތު ރިވާތަކެއް ހުއްޓަސް އަޑީގައިހުރި އެއްޗަކާމެދު ޚިލާފުތައް ކުޑައެވެ. ފެންގަނޑުގެ އަޑީގައި ބޯކޮށް ކުނިބުނި އެބަހުއްޓެވެ. ގަސްގަހުގެ ބައިތަކާއި ކިސަޑެވެ. ރާއްޖޭގައި އޮންނަ އެންމެ ފުން ކުޅިއެއްކަމަށް ބެލެވެނީ ފުވައްމުލަކުގައި އޮންނަ ބަންޑާރަ ކުޅިއެވެ. އެއީ ފަނަރަ ފޫޓެވެ. އެހެންވީމާ ބަންޑާރަކުޅިއަށްވުރެވެސް ޕަރީފެންގަނޑުގެ ފުންމިން ހަތްގުނަ އިތުރެވެ. ރާއްޖޭގެ އެހެން ކުޅިތަކުގެ ތެރެއިން އައްޑޫ ހިތަދޫގައި އޮންނަ މަޝްހޫރު އީދިގަލި ކުޅީގެ ފުންމިނަކީ ހަތަރު ފޫޓެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުންނަ އާރިކުޅި އަދިއެއަށްވުރެވެސް ތިލައެވެ. ރާއްޖޭގެ އެހެން ކުޅިތަކުގެވެސް ފުންމިނަކީ އެވްރެޖް ގޮތެެއްގައި އެއީކަމަށް ބުނެވެއެވެ. އެހެންވީމާ މިހުރިހާ ތަނަކަށްވުރެ ގަމުގެ ޕަރީފެންގަނޑު މާބޮޑަށްވެސް ފުނެވެ. އެތަނުގެ ފުންމިނާމެދު ޚިލާފުތަކެއް ހުރިކަމަށް ވިޔަސްމެއެވެ.
އެންމެމަތީގައި މީރުފެން، އަޑީގައި ލޮނު
ޕަރީފެންގަނޑަކީ އަދި އެހެންގޮތަކުންވެސް ރާއްޖޭގެ އެހެންތަނެއްގައި ނޯންނަ ކަހަލަ އާދަޔާޚިލާފު ފެންގަޑެކެވެ. މިއީ ސައިންޓިފިކް ނަމަކުން ދަންނަވަންޏާ މެރޯމިކްޓިކް ފެންގަނޑެކެވެ. އެއީ ފެން ދައުރު ނުވެ ހިފެހެއްޓިފައިވާ ފެންފެންގަނޑުގެ ތެރެއިން ދެވައްތަރެއްގެ ދެފަށަލައެއްގެ ފެން އެކުލެވޭ ތަންތަނަށް ކިޔާ ނަމެކެވެ. ޕަރީފެންގަނޑުގެ އެންމެމަތީ ފަށަލައިގައި ހުންނަނީ މީރުފެނެވެ. އެފަށަލައިގެ ބޯމިނަކީ ގާތްގަޑަކަށް ތިންފޫޓެވެ. އެއަށްވުރެ އަޑީގައި ލޮނެވެ. ލޮނުފެނެވެ. މިދެބައި އެކުވުމެއް ގަޑުބަޑުވުމެއް ނުވެއެވެ. އޭގެ ސިއްރަކީ މީރުފެނަށްވުރެ ލޮނުފެން ބަރުވުމެވެ. އެގޮތުން ފެންގަނޑުގެ އެންމެމަތީ ފަށަލައިގައި މީރުފެނެވެ. އެއަށްވުރެ އަޑީގައި ލޮނެވެ. ޕަރީފެންގަނޑަށް ފީނާ ބައެއް މީހުން ފުޅިހިފައިގެން ހައެއްކަ ފޫޓު އަޑިއަށްގޮސްފައި އެއަށް ފެންއަޅައިގެން މަތިޖަހައި ބާރުކޮށްގެން އާދެއެވެ. ރަހަބަލައިފައި ބުނަނީ ކަނޑުގައި ހުންނަ ލޮނަށްވުރެވެސް ލޮނުކަން ގަދަކަމުގައެވެ.
ލޮނުގަދައީ ކިހާވަރަކަށް ކަމާއި މިދެފަށަލަ މަސްހުނިވިޔަ ނުދިނުމަށްޓަކައި ގުދުރަތީ ގޮތުން އެދޭތެރޭގައި އަދި އެހެންފަށަލައެއް ވޭތޯ ބެލުމަށް އެއްވެސް ބާވަތެެއްގެ ސައިންޓިފިކް ދިރާސާއެއް އަދިމިހާތަނަށް ހެދިފައެއް ނެތެވެ. މެރޯމިކްޓިކް ފެންފެންގަނޑުގައި އާދަވެގެން ތިންފަށަލައެއް ހިމެނޭތީ ޕަރީފެންގަނޑު ވަކިން އިސްތިސްނާވާން ޖެހޭ ސަބަބެއް ނެތެވެ. މުޅިން ޔަގީންވާނީ ޒަމާނީ ދިރާސާތަކެއް ހެދިގެންނެވެ. ފެންގަނޑަށް ފީނި ބައެއް ޑައިވަރުން ބުނާގޮތުގައި ފެންގަނޑުގެ އަޑީގައި ހޮހޮޅަޒާތަށް ބިންގަޑު ނުވަތަ ގާތަކުގެ އަޑިއަށް ދެމިގެންގޮސްފައިވާ ހުސްތަންތަން އެބަހުއްޓެވެ. އެހެން އިބާރާތަކުން ދަންނަވަންޏާ ކޭވް ސިސްޓަމްތަކެއް އެބަހުއްޓެވެ. އެކަންކަންވެސް ޔަގީންކުރެވި އެއީ ކިހާ އެތެރެއަކަށް ދެމިގެންދާ ސިސްޓަމެއްކަން އެނގޭނީ މިޒަމާނުގެ އާލާތްތައް ބޭނުންކޮށްގެން ފުރިހަމަ ދިރާސާތަކެއް ހެދިގެންނެވެ. ފަހަރުގައި މި ސިސްޓަމްތައް ކަނޑާވެސް ގުޅިފައި ހުރެދާނެއެވެ.
ދެވިފައިވާ ތަފާތު ނަންނަމާއި ފޯކްލޯރު
ޕަރީފެންގަނޑު އޮންނަނީ ގަމުގެ ތިން އަވަށުގެ ތެރެއިން އެންމެ ދެކުނުގައި އޮންނަ މުކުރިމަގު އަވަށުގެ އިރުދެކުނުގައެވެ. މީހުން ދިރިނޫޅޭ ޖަންގަލި އޭރިޔާއެއްގައެވެ. އެއީ މިހާރު މީހުން ދިރިނޫޅޭ އޭރިޔާއެއް ކަމުގައިވިޔަސް ކުރީޒަމާނުގައި މީހުން އުޅެފައިވާ ކަމުގެ އަސަރުތައް އެބަހުއްޓެވެ. ބޯދާ މިސްކިތެއްގެ ތަރާގަނޑު އެހިސާބުން ފެނިފައިވެއެވެ. މީހުން ވަޅުލާފައިވާ ކަމުގެ ނިޝާންތައްވެސް އެހިސާބުން ފެނިފައިވެއެވެ. އެބަފެނެއެވެ. އެންމެ އެވޭލާ ޒަމާނުން ފެށިގެން ޕަރީފެންގަނޑާއި ގުޅުވައިގެން ތުންތުންމަތިން ދެކެވޭ ވާހަކަތަކެއް ހުރެއެވެ. ފޯކްލޯރުތައް ހުރެއެވެ. ހަނދުވަރު އެންމެ ފުރިހަމަވާ ރޭރޭގައި އުދުހިފައިދާ ޕަރީންތައް ފެންގަނޑުގެ މަތިން ފެންނަ ވާހަކައެވެ. ގަބޫލުކުރެވޭ ގޮތުން ޕަރީފެންގަނޑޭ ކިޔުނީ އެހެންވެއެވެ. އެތަނަށް ކިޔަނީ އެނަން އެކަންޏެއް ނޫނެވެ. ނަރަކަ ފެންގަނޑޭވެސް ކިޔައެވެ. ދިވެހިރާއްޖޭގައި ނޫޅޭ ކަހަލަ ބިރުވެރި ޖަނަވާރުންނާއި މަސްމަހާމެހި ފެންގަނޑުގެ އަޑިން މައްޗަށް ބޯހިއްލައިލާ ވާހަކައެވެ.
ބޮޑެތި ބިޔަގަސްގަސް ފެންގަނޑުގެ ތެރެއަށް ދަމައިގަންނަ ވާހަކަވެސް ކިޔައެވެ. އެނޫންތަކެތި ގެއްލޭ ވާހަކަވެސް ކިޔައެވެ. ނަރަކަ ފެންގަނޑޭ ކިޔުނީ އެހެންވެގެން ކަމަށް ވެދާނެއެވެ. މިފެންގަނޑަށް ބޮޑުފެންގަނޑޭވެސް ކިޔައެވެ. އެހެން ކިޔަނީ ތަނުގެ ފުންމިނާއި ބޮޑުމިނަށް ނިސްބަތްކޮށްގެން ކަމަށް ގަބޫލު ކުރެވެއެވެ. މިތަނާބެހޭ ގޮތުން ބައެއް ކަހަލަ ވާހަކަ ވާހަކަ އުފަންވެފައިވަނީ އަޑި އެނގުމެއްނުވާ ފެންގަނޑަކަށްވެފައި ބިޔަ ބޯގަސްތަކެއްގެ މެދުން ޖަންގަލިތެރޭގައިވާ ތަނަކަށްވާތީ ކުޑަކުދިންނާއި ޒުވާނުން އެތަނަށް ނޭރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ގަބޫލު ކުރެވެއެވެ. މިޒަމާނުގައި މިކަންއޮތީ މުޅިން ތަފާތު ގޮތަކަށެވެ.
މިޒަމާނުގެ ޒުވާނުންނާއި ޕަރީފެންގަނޑު
މިޒަމާނުގައި ޕަރީފެންގަނޑާމެދު މީހުން ބިރުވެރިކަމުގެ ނަޒަރަކުން ނުބަލައެވެ. ގަސްގަހުގެ ގޮފިތަކަށް އަރައިތިބެ އެތަނަށް ފުންމުން އޮވެއެވެ. ހަމުގެ ކުލަ އަލިވާކަމަށް ގަބޫލުކޮށް އަންހެންކުދިން އެފެންގަނޑަށް އެރުން ގިނައެވެ. ހަމުގެ ބަލިތަކާއި ހުޅުހުޅުގެ ބަލިތަކަށް ޝިފާލިބޭ ތާސީރެއް މިފެންގަނޑުގައި އެކުލެވޭ ކަމަށް ގަބޫލުކޮށް ފަރުވާ ލިބިގަތުމުގެ ނިޔަތުގައި މިފެންގަނޑަށް އެރޭ މީހުންވެސް މިހާރު މަދެއް ނޫނެވެ. ފަހަރުގައި އެކަހަލަ ތާސީރެއް ހުންނަނީ ކަމަށްވެސް ވެދާނެއެވެ. ގަސްގަހުގެ މޫތަކާއި ފަތްތައް ގިރިގެންގޮސް އެޒާތުގެ މާއްދާތަކެއް ފެންގަޑުގެ މަށީގަޔާއި ފެނުގައި ހުންނަނީ ކަމަށްވެސް ވެދާނެއެވެ. އެކަންކަން ޔަގީންކުރުމަށް ޒަމާނީ އިލްމީ ދިރާސާތަކެއް ބޭނުންވެއެވެ. ރަށު މީހުންނާއި ރަށަށް ޒިޔާރަތްކުރާ މީހުންގެ ތެރެެއިން ވަރަށް ގިނަބަޔަކު މިފެންގަނޑު ބެލުމަށް އެއްވާތީ ފަސޭހައިން އުސްތަނެއްގައި ހަމަޖެހިގެން ރައްކާތެރިކަމާއެކު ތިބެވޭނެ އަދި މީހުންގެ ހަރަކާތްތަކުން މާހައުލީ ނިޒާމަށް ލިބޭ ގެއްލުން ކުޑަވާނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން އިސްނަގައިގެން 2025 ވަނަ އަހަރު އެތަނުގައި ލަކުޑީގެ ރީތި ޕްލެޓްފޯމެއް ވަނީ ގާއިމުކޮށްފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.
އިމާދު ލަތީފު
ޕަރީ ފެންގަނޑު
ކޮމެންޓް