ގޯލްމާލް 5 ނެރޭނެ ތާރީހާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރޯހިތު ޝެޓީ ޕިކްޗާޒްއިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ، މިއަހަރުގެ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބުނެ މީޑިއާތަކާއި މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ރަސްމީ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ރޯހިތު ޝެޓީ ޕިކްޗާޒްގެ ތަރުޖަމާނަކު ބުނެފައިވަނީ، “ގޯލްމާލް 5 ނެރޭނެ ތާރީހާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް،” ކަމަށެވެ.

ފިލްމުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ ބެލުންތެރިންނަށް ކަމުދާނެ ފަދަ ފިލްމެއް އުފެއްދުމަށް ކަމަށާއި، ފިލްމު ނެރޭނެ ތާރީހު ހިމެނޭހެން ފިލްމާ ގުޅޭ ހުރިހާ މައުލޫމާތެއްވެސް ހާމަކުރާނީ ރަސްމީކޮށް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން، ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް ވަނީ ގޮވާލާފައެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީއާއި އެކްޓަރު އަޖޭ ދޭވްގަން ގުޅިގެން އުފައްދާ ގޯލްމާލް ފްރެންޗައިޒްގެ 5 ވަނަ ފިލްމު ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރި ރޯހިތު ޝެޓީގެ 52 ވަނަ އުފަންދުވަހުގައެވެ. މި ފިލްމުގައި އަޖޭ ދޭވްގަންގެ އިތުރުން އަރުޝަދު ވާރްސީ، ޝްރެޔާސް ތަލްޕަޑޭ، ކުނާލް ކޭމޫ، ޝަރްމަން ޖޯޝީ އަދި ތުޝާރު ކަޕޫރު ހަރަކާތްތެރިވާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ. މި ފަހަރުގެ ފިލްމުން ވެސް އަކްޝޭ ކުމާރު ފެނިގެންދާނެކަން އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާންކޮށްފައެވެ.

ގޯލްމާލް ސީރީޒްގެ ފުރަތަމަ ފިލްމު 2006 ވަނަ އަހަރު ނެރެފައިވާއިރު، އޭގެ ފަހުން 2008، 2010 އަދި 2017 ގައި ވަނީ މި ފްރެންޗައިޒްގެ ފިލްމުތައް ނެރެފައެވެ.