ޔަމަނުގެ މާރިބް އަދި ހަޟްރަމައުތު ޕްރޮވިންސްގައި ހުރި ސަރުކާރުގެ އަސްކަރީ ކޭމްޕުތަކަކަށް ހޫތީން ދިން ހަމަލާތަކެއްގައި މަދުވެގެން 30 ސިފައިން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޔަމަނުގެ ސަރުކާރުގެ އޮފިޝަލުން ބުނެފިއެވެ.

ނަން ހާމަނުކުރުމަށް އެދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި ރޮއިޓާސްއަށް މައުލޫމާތު ދިން އޮފިޝަލުން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު ދިން މި ހަމަލާތަކަކީ 2022 ވަނަ އަހަރުގެ އެޕްރީލް މަހު ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު، ހޫތީން ދިން އެންމެ ވަރުގަދަ އަސްކަރީ ހަމަލާތަކެވެ. ޔަމަނުގެ އަސްކަރިއްޔާއިން ވެސް ވަނީ ކޭމްޕުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދެއް އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާތަކުގެ ޒިންމާ ނަގައި ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ބުނީ، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދިނީ ސައުދީ އަރަބިއްޔާއިން މަދަދުދޭ ސިފައިންނަށް ކަމަށެވެ. އަދި މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ އަދި ޒަހަމްވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޔަމަނުގައި ހުންނަ އެމެރިކާގެ މިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މަރުވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ކިޔައިފައެވެ. އަދި އެމެރިކާއިން ބުނި ގޮތުގައި މިއީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ހޫތީން ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރެއިން އަމަލެކެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށިފައިވަނީ 2014 ވަނަ އަހަރު ހޫތީން ވެރިރަށް ސަންއާ ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ހޫތީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތަކެއް ފަށައިފައެވެ.