ރާއްޖޭގެ އާބާދީ އެންމެ ކުޑަ ވ. އަތޮޅުގެ އެއްވެސް ރަށެއްގައި ކުއްޖަކު އުފަންވެފައި ނުވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯ ގުޅިގެން މިއަދު ނެރުނު "ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުން ދައްކާ ގޮތުގައި، ރާއްޖޭގައި ވިހާ އަންހެނުންގެ ބޮޑު ޕަސަންޓެއް ވިހެއުމުގެ ހިދުމަތް ހޯދަނީ އެމީހުން ދިރިއުޅޭ ރަށް ނޫން އެހެން ރަށްރަށުންނެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި އުފަންވި 5،625 ކުދިންގެ ތެރެއިން 3،927 ކުދިން އުފަންވީ މާލޭގައެވެ. މިއީ މުޅި ރާއްޖޭގެ އުފަންވި ކުދިންގެ 69.8 ޕަސަންޓެވެ. އަތޮޅުތެރޭގެ ރަށްރަށުގައި އުފަންވެފައިވަނީ އެންމެ 1،698 ކުދިންނެވެ. މާލެ ފިޔަވައި އެންމެ ގިނަ ކުދިން އުފަންވީ ހދ. އަތޮޅު (385 ކުދިން) އަދި އައްޑޫ ސިޓީ (241 ކުދިން) ގައެވެ.

ރިޕޯޓުގައިވާ ގޮތުން ވ. އަތޮޅުގެ އެއްވެސް ރަށެއްގައި މިދިޔަ އަހަރު ކުއްޖަކު އުފަންވެފައި ނުވެއެވެ. އަދި ކ. އަތޮޅުގެ ރަށްތަކުގައިވެސް (މާލެ ނުހިމަނައި) އުފަންވެފައިވަނީ އެންމެ ކުއްޖެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އެ ރަށްރަށުގެ އަންހެނުން ވިހެއުމުގެ ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ސިއްހީ ވަސީލަތްތައް ރަނގަޅު އެހެން ސަރަހައްދުތަކަށް ދަތުރުކުރުންކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ވިހޭ އަންހެނުންގެ ތެރެއިން 2,501 މީހުން (44.5 ޕަސަންޓް) ވިހާފައިވަނީ އެމީހުން އާންމުކޮށް ދިރިއުޅޭ ރަށް ނޫން އެހެން ތަނެއްގައެވެ. އަދި މާލޭގައި ވިހޭ މީހުންގެ ތެރެއިން 1,476 މީހުންނަކީ އާންމުކޮށް މާލޭގައި ދިރިއުޅޭ މީހުން ނޫންކަމަށް ރިޕޯޓުގައި ބުންޏެވެ.