ދައްޔާން ބުނި މަގަށް އެޅުމާއެކު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ދައްޔާންގެ ކާރު ފެނިއްޖެއެވެ. އެދިމާއަށް މަޑުކޮށްލުމަށްފަހު ޒަރާރް އަވަސްއަވަހަށް ކާރުން ފޭބީ ދައްޔާން ފެންނަން ނެތުމުންނެވެ. ޑްރައިވަރުގެ ސީޓު ލޫވާރގައި މޫނު ޖައްސާލަމުން އެތެރެ ބަލައިލެވުނެވެ. ނަމަވެސް ދައްޔާންގެ ހިލަމެއް ނުވިއެވެ. ލިބުނު ހައިރާންކަމުގައި ޒަރާރްއަށް ވަށައިގެން ހޯދާލެވުނެވެ. މާހައުލަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. މީހުން އާބާދުނުވާ ފަޅު ހިސާބެކެވެ. ވަށައިގެން ފެންނަމުން ދިޔައީ ހަދަމުންދާ އިމާރާތްތަކެވެ. ބައެއް އިމާރާތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ އިރު، އަނެއްބައި އިމާރާތްތަކުން ފެންނަނީ ވީރާނާ ކަމެވެ. ވަކި ހިސާބަކުން ކުރިއަށް ނުގޮސް މަސައްކަތް ހުއްޓިފައިވާ ކަހަލައެވެ. ކާރު ޕާކްކޮށްފައި އޮތް ހިސާބާއި އެންމެ ކައިރީގައި ހުރި ބައު އިމާރާތުގައި މީހުން ހޭލަމޭލަވަމުންދާކަމުގެ ހިލަން ވުމާއެކު އެދިމާއަށް ބަލައިލެވުނެވެ.

އަނދިރީގެ ތެރޭގައި ހަރަކާތްކުރާ ހިޔަނިތަކަށް ބަލަން ހުރެވުނީ ފުން ވިސްމެއްގައެވެ. ދައްޔާންގެ ފޯނު ހަލާކުވި ވާހަކަ ބުނެފައި އޮތުމުން ގުޅޭނެ ގޮތެއް ނެތެވެ. ތަންކޮޅެއް ކުރިން ގުޅި ނަންބަރުން ޖަވާބެއް ނުލިބުނެވެ. ހިނދަށްހިނދަކަށް ކަންބޮޑުވުން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން ޒަރާރް ކުރިއަށް ހިނގައިގަތެވެ. ދިރޭފުރާނައެއްގެ ހިލާންވާ ހިސާބަކަށް ދިއުމަށެވެ. ފަހަރެއްގައި އެތަނުގައި ތިބި ބައެއްގެ ފަރާތުން މަޢުލޫމާތު ލިބިދާނެއެވެ. ކުރެވެން މިއުޅެނީ ރަނގަޅުކަމެއް ބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ. ދަންވަރު ގަޑީގައި އެފަދަ ހަމަހިމޭން އަދި އަނދިރި ހިސާބެއްގައި ސަހަލުކަމެއް ކުރަން އުޅޭ ބަޔަކު ނުތިބޭނެކަމުގެ އިންޒާރު އޭނަގެ ޒަމީރު ދިނެވެ. މީސްމީޑިޔާގައި ދައުރުވާ ވީޑިއޯތަކުން އެކަނި ވެސް މުޖުތަމައު ހަލާކުވެފައިވާ މިންވަރު ފެނެއެވެ. އެފަދަ މީހުންގެ ފަރާތުން އާންމުންނަށް ކުރިމަތިވާ ފުރައްސާރައާއި އުނދަގޫތައް މަދެއް ނޫނެވެ. ހިތުގައި އުފެދުނު ހާސްކަމާ ކުރިމަތިލާން ބޭނުންވީ އެހެންވެގެންނެވެ. ދައްޔާންގެ ޚަބަރު އޮޅުން ނުފިލަނީސް ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނުވާތީ ފޯނުގެ ފްލޭޝް ލައިޓް ޖައްސާލިއެވެ. އިމާރާތަށް ވަންނަން ހުރި ދޮރު ކައިރީގައި މަޑުކޮށްލައިގެން ތިބި ޒުވާން ގްރޫޕް ނުރުހުމުގެ އަޑެއް ލައްވާލައިފިއެވެ. އަރައިރުންވުމެއް އުފެދިދާނެތީ އަވަސްއަވަހަށް ފްލޭޝް ލައިޓް ނިއްވާލިއެވެ. އަނދިރީގެ ތެރެއަށް ދެލޯ ހޭނެން އިރުކޮޅެއް ނެގިއެވެ. ކުރިމަތީ ތިބި މީހުންނަށް ޒަރާރް ބަލައިލިއެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ހަތަރެސްފައިގައި ތަކަހޮޅި އަޅާފައި، ކަންފަތުގެ އިތުރުން ބުމައަށް ދާންދެން ތޮރުފޯފާފައެވެ. ތަޅުންގަނޑު މަތީ ތިބި ގޮތުން އެމީހުން ކުރަމުންދާ ކަމަކަށް ސަމާލުވެލެވުނެވެ. އެއާއެކު ޒަރާރްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. އޭނައަށް ހީވީ ރަނގަޅަށްތާއޭ ހިތަށް އެރިއެވެ. އިހުނަށްވުރެން ބޮޑަށް ހިތްނުތަނަވަސްވާން ފެށިއެވެ. އެފަދަ އެކަހެރި ހިސާބެއްގައި ދައްޔާން ހުއްޓާ ބައެއްގެ އުނދަގުލާ ކުރިމަތިވީބާވައޭ ހިތަށް އެރިއެވެ.

''ކައޭ ކޯޗެއް ތިބަލަނީ؟، ރައްކާވާން އުޅޭ!...'' ނުރުހުމުގެ ރާގަކަށް ޒުވާނަކު ބުންޏެވެ. އެމީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭނެތީ ޒަރާރް ދުރަށް ހިނގައިގަތެވެ. މޫނުގައި އަތްތިލަ ހިންގާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އަނބުރާލާފައި ދާން ޒަރާރް ބޭނުމެއް ނުވިއެވެ. އެހެންކަމުން މައްޗަށް އަރަން ހުރި ސިޑިއަށް ނަޒަރު ހިންގާލެވުނެވެ. މާހައުލަށް ސަވާރުވެފައި އޮތީ ތަންމުޑުވަހެކެވެ. ފާރުތަކުގައި ވަނީ ގްރެފިޓީތަކެވެ. ބޭއަދަބީ ބަސްތަކާއި މަންޒަރުތައް ވެސް މަދެއް ނޫނެވެ. މައްޗަށް އަރަން ހުރި ސިޑި ކައިރިއަށް އުކާލާފައި ހުރި ސިރިންޖާއި، ފޮއިލުތަކާއި ހުސް ރަބަރު ޕެކެޓުތައް ފެނުމުން އެއީ މަސްތުވާތަކެތީގެ އައްޑާއެއްކަން ޔަޤީންކުރެވުނެވެ. ހާމަކަން ބޮޑު ގޮތެއްގައި ޚިޔާލެއް ފިކުރެއް ނެތި މަސްތުވާތަކެތި ބޭނުންކުރާތަން ފެނި ހައިރާންނުވީ އެހެންވެގެންނެވެ. މިފަދަ ކިތަންމެ ތަނެއް ހުންނަކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

''މިކަހަލަ ހިސާބެއްގަ ދާން ކީއްކުރަނީތަ؟...'' ޒަރާރްގެ ސިކުނޑިން އެސުވާލު ފިލާ ނުދެއެވެ. އެހާ ދަން ގަޑިއެއްގައި ދައްޔާން ގުޅުމުން ވެސް ނުރައްކަލުގެ އިންޒާރެއް ދޭ ފަދައެވެ. ފޯނު ހަލާކުވިއޭ ބުނީ ބަޔަކާ ހިނގި ދެބަސްވުމަކަށްފަހުގައި ހެއްޔެވެ؟

ގިނަ ދުވަސްވެ ހަލާކުވާން ކައިރިވެފައި ހުރި ސިޑިން މައްޗަށް އަރަންފެށީ ބަލައިގެންނެވެ. ފިޔަވަޅު އެޅޭ ގޮތުން ވެއްޓިދާނެހެން ހީވާތީ އެވެ. ފުރަތަމަ ފަންގިފިލާއަށް އެރުމާއެކެ ފެނުނީ ހަމަ ތިރިން ފެނުނު މަންޒަރެވެ. މިފަހަރު ފޯނެއްގެ ފަނޑު އަލިކަން ތަނަށް ވެރިވެފައި އޮތެވެ. ޖީލެއް ހަލާކުވެގެންދާ ތަން ފެނުމުން ދެރަ ވިއެވެ. ދެއުމުރު ފުރާގެ ޒުވާނުން ގައިގޯޅިވެ ހިންގަމުންދާ ފާހިޝް އަމަލުތައް ފެނި އެތަނުގައި އެންމެ ސިކުންތަކަށް ވެސް މަޑުކުރަން ޒަރާރް ބޭނުމެއް ނުވިއެވެ. ނަމަވެސް ކޮއްކޮއާ މެދު ހިތުގައި އޮތް ނުތަނަވަސްކަމާ ހުރެ އެކަން ބަރުދާސްތުކުރަން ޖެހުނެވެ. ދައްޔާން ފެނޭތޯ ޒަރާރް ބެލިއެވެ. މިފަހަރު ވެސް ކުރިއެރުމެއް ނުލިބުނެވެ. އަނެއްކާ އެނބުރުނީ ސިޑިއާ ދިމާ އަށެވެ.

ތިން ފަންގިފިލާގެ މައްޗަށް ރާނާފައި ހުރި އިމާރާތުގެ ހުރިހާ ފަންގިފިލާއެއް ބެލި އިރުގައި ވެސް ދައްޔާންގެ ހިލަމެއް ނުވިއެވެ. ޒަރާރް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ސިނގިރޭޓުގެ އަސަރުކޮށް ނޭވޭ ކުރުވާން ފެށިއެވެ. ވެރިވެފައި އޮތް އުދާސްކަމުގެ ހޫނުން ދާހިއްލަން ފެށިއެވެ. އެންމެފަހުން ޒަރާރް އެރީ ޓެރަސް އަށެވެ. އެތަން ރަނގަޅަށް ރާނާފައި ވެސް ނެތެވެ. މަސައްކަތްކުރަން ބޭނުންކުރި ސާމާނުތައް ހުރީ ދޫކޮށްލާފައެވެ. ދަބަރަށް ވާން ކައިރިވެފައި ހުރި ދަގަނޑުތަކާއި ފީވެފައި ހުރި ފިލާތަކެވެ. ހަނދުވަރުގެ އަލިން މާހައުލު ރީއްޗަށް ފެނެއެވެ. އެހެންކަމުން ޓެރަސްއަށް އަރަން ހުރި ދޮރަށް ފުރަގަސްދީގެން ތަންކޮޅެއް ދުރުގައި ހުރި ޒުވާނާ ޒަރާރްގެ ލޮލުގައި އަޅައިގަތެވެ. ދައްޔާނަށް ނޫނީ ނުވާނެއޭ ޒަރާރްގެ ހިތް ބުންޏެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.

''ދާން...'' ޒަރާރް ކުރިއަށް ހިނގައިގަތެވެ. ''އާރ ޔޫ އޯކޭ؟...''

ޒަރާރް ގޮވާލުމުން ދައްޔާން ބަލައެއް ނުލިއެވެ. ހުރި ފިޔަވަޅުމަތީ ހުރީއެވެ. ތިރިކޮށް ރާނާފައި ހުރި ފާރުބުޑު މައްޗަށް އަރައިގެންނެވެ.

''ދާން، ތިތަނުން ފައިބަބަލަ...'' ނުތަނަވަސްކަމާއެކު ޒަރާރް އެދުނެވެ. ދައްޔާންގެ ގާތަށް ދެވުމާއެކު ދައްޔާންގެ އަތުގައި ހިފާ ގާތަށް ގެނެއެވެ.

ޒަރާރްއަށް ދައްޔާން ބަލައިލީ ދެނެވެ. ދައްޔާންގެ އަތުގައި އޮތް ފުޅި ޒަރާރްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ޒަރާރްއަށް މަޑުޖެހިލެވުނެވެ. ދައްޔާނަށް ބަލަން ޒަރާރްއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. އޭނަގެ ނޭފަތުގައި ޖެހުނު ވަހުން ފުޅީގައި ހުރީ ކޯޗެއްކަން ދެނެގަނެވުނެވެ. ފެނުނު މަންޒަރުން ރުޅިއައުމަށްވުރެން ޒަރާރް ވީ ދެރައެވެ. އެމާހައުލުން ދައްޔާން ފެނުމުން ބުނެދޭން އުޅޭ ހަޤީޤަތުން ކޮއްކޮއާ މެދު އޮތް ކަންބޮޑުވުންވީ އިތުރެވެ. ދައްޔާން ހޯދުމަށް ކުރި މަސައްކަތުން ފެނުނު ޒުވާނުންނާ ދައްޔާން އަޅާކިޔަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އެފެދައިން ގެއްލި ހަލާކުވެދާނެކަމަށް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. ބައެއްގެ ނުފޫޒުން ދައްޔާން މަގު އޮޅުނީކަމަށް ހީކުރެވުނެވެ. ވިސްނައިދީގެން އިސްލާހުކުރެވިދާނެކަމުގެ އުއްމީދުގައި ދެމިހުންނަން ޒަރާރް މަސައްކަތްކުރިއެވެ. އެހެންނޫނީ އޭނަގެ ސިކުނޑި ސުމަކަށް ގޮސްފާނެއެވެ. މިފަފަ މަންޒަރެއް ބައްޕައަށް ފެނިއްޖެނަމަ ވާނެ ގޮތެއް ޚިޔާލަށް ގެންނަން ދައްޗެވެ. މާމައާއި ކާފައަށް ލިބޭނެ ޝޮކު ވެސް މެއެވެ.

''ޔޫ ކޭމް...'' ތުނބުގައި ފުޅި ޖައްސާލަމުން ޒަރާރް ބުންޏެވެ. އޭނަގެ ތުންފަތަށް ވެރިވީ ސިއްރުވެރި ހިނިތުންވުމެކެވެ.

''ދާން!...'' ހަރުކަށިކަމާއެކު ޒަރާރްއަށް ބުނެވުނެވެ. ކުރިއަށް ޖެހިލަމުން ދައްޔާންގެ އަތުން ފުޅި އަތުލަން ޒަރާރް އުޅުނެވެ. އެއާއެކު ޒަރާރްގެ މޭގައި ދައްޔާން އަތް ވިއްދާލިއެވެ. އެއަށްފަހު ފަހަތަށް ކޮއްޕާލީ ބާރަކަށެވެ.

ޒަރާރް ފަހަތަށް ދިޔައެވެ. އޭނައަށް ހަށިގަނޑު ބެލެންސްކުރެވުނީ ހަމަ ކިރިޔާއެވެ. ތިރި ފާރުބުޑުގައި ފައި ޖެހުމުން ފަހަތް ބަލައިލެވުނެވެ. އޭނަ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. އަވަސްނޭވާތަކެއް ދޫކޮށްލެވުނެވެ. ތިރިއަށް ބަލަން ހުރެފައި އޭނަގެ ނަޒަރު ދައްޔާނަށް ހުއްޓުނެވެ.

''ޔޫ އާރ ނޮޓް ޔޯރ ސެލްފް، ހިނގާ ދާން...'' ޒަރާރް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

ދައްޔާން ބިޔަރު ބޮމުންދާ މަންޒަރު ބަލަން ޒަރާރްއަށް ފަސޭހަކަމަކަށް ނުވިއެވެ. ދީނުގައި ހަރާމްކުރައްވާފައިވާ ކަމަކަށް އަރައިގަންނަން ދައްޔާންގެ ފަރާތުން ކުޑަ ވެސް ޖެހިލުންވުމެއް ޒަރާރްއަކަށް ނުފެނުނެވެ. ހިއްސުތަކުގެ މައްޗަށް އަތްގަދަކުރަން އުޅުނު ރުޅި ކޮންޓްރޯލްކުރަން ޒަރާރް އުޅުނެވެ. ރުޅި އިސްކޮށްފިނަމަ މަސްލަހަތު ގޯސްވުން ނޫންކަމެއް ނުވާނެއެވެ. ދައްޔާނަށް ވިސްނައިދެވެން އޮތް ހަމައެކަނި ގޮތަކީ މަޑުމަތިކިރަކަމާއެކު މުޢާމަލާތްކުރުމެވެ.

''ވީ ކޭން ޓޯކް ލޭޓާރ...'' ފުން ނޭވާއަކަށް ފަހު ޒަރާރް ބުނެލިއެވެ. ''ހިނގާ ދޮންބެއާއެކު ދާން، ވަރަށް ލަސްވެއްޖެއެއްނު...''

ޒަރާރްގެ އޯގާތެރިކަން އިހުސާސްކުރެވުމާއެކު ދައްޔާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބިޔަރުފުޅި ބޮމުން، ޒަރާރް ރުޅިއަރުވާލަން ކުރި މަސައްކަތް ކާމިޔާބު ނުވީތީ ހިތްހަމަނުޖެހުނެވެ. ހުރިހާކަމެއްގައި އޭނައަށް ވުރެ ކުރީގައި ޒަރާރް ހުންނާތީ ބަލައިގަންނަން އުނދަގޫވިއެވެ. ޖަޒުބާތުތައް ކޮންޓްރޯލްކުރަން ޒަރާރްއަށް ފަސޭހަވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ނާޒުކު ވަގުތުގައި ލޯތްބާއި އޯގާތެރިކަމާއެކު ވާހަކަދައްކަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ''ޕާފެކްޓް'' މީހާއަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ތަނާލްއަށް ޒަރާރް ކަމުދަނީ އެސިފަތަކުގެ ސަބަބުން ހެއްޔެވެ؟

''ނުދާނަން، އަހަރެން ބޭނުންވާ ކަމެއް ފުރިމަނުވޭ...'' އޭނަގެ މުލައްދަނޑީގައި ޒަރާރް ހިފުމާއެކު ދައްޔާން ދުރަށް ޖެހުނެވެ.

''ދޮންބެ ގާތު ބުނެބަލަ، އޭރުންތާ އެނގޭނީ، މިކަހަލަ ތަނަކަށް ދާން އައީ ކީއްވެގެންތަ؟...'' އޮޅުންފިލުވުމުގެ ގޮތުން ޒަރާރް އެހިއެވެ.

''ކަލެއަށް ކީއްތަ؟...'' ދެލޯހަނިކޮށްލަމުން ދައްޔާން ބުނެލިއެވެ. ''މާ ރަނގަޅު މީހަކަށް ވާން ނޫޅެބަލަ!، ހުރިހާ ކަމެއްގެ ނުބަޔަކީ ކަލޭ!...''

ދައްޔާންގެ ޖުމްލައިން ޒަރާރް ހުއްޓުން އެރިއެވެ. ކަންފަތަށް އިވުނު ޖުމްލަ ދޭހަކުރަން އޭނައަށް އުނދަގޫވީއެވެ. ދައްޔާންގެ ރާގުން އޭނައަށް އިހުސާސްކުރެވުނީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. އެދެލޮލުން ބުނެދެނީ އޭނަ ދެކެ ރުޅި އަންނަ މިންވަރެވެ. ހަނިކޮށްލެވިފައިވި ދެލޮލުން ބުރަމުންދާ އަލިފާން ކަނިތަކުން އޭނަ ފިއްސާލަން އުޅޭ ކަހަލައެވެ. ކުރިން ވެސް ދައްޔާންގެ ރުޅިވެރިކަމާ ޒަރާރް ވަނީ ކުރިމަތިލައިފައެވެ. އޭނަ ގާތުން ދައްޔާން މަޢާފަށް އެދުނު ދުވަހަށްފަހު ދެބަސްވުމެއް އުފެދިފައި ނުވެއެވެ. އެހެންކަމުން އޭނަ އުއްމީދުކޮށްގެން ހުރީ ދެބެއިންގެ ގުޅުން ރަނގަޅުވަމުންދަނީ ކަމަށެވެ. ދައްޔާނަށް ވަގުތު ދޭން ޒަރާރް ހުރީ ތައްޔާރަށެވެ. ކޮއްކޮގެ ލޯބި އޭނައަށް ލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުން އެދަނީ އެކަމުގެ އިދިކޮޅެވެ. ކުރީ ފަހަރުތަކަށް ވުރެން އެރުޅީގެ ހޫނު ތަފާތެވެ. އެކަމުގެ އަސްލު ހޯދޭތޯ ޒަރާރް ބެލިއެވެ.

''ޔޫ އާރ ނޮޓް ޔޯ ސެލްފް...'' ޒަރާރްގެ އަޑުގައިވަނީ މާޔޫސްކަމެވެ. މޫނު މިލައިފިއެވެ.

''ކިހާ ބޮޑު ބަލާއެއްތަ!...'' ދައްޔާން ހަޅޭއްލަވައިގަތެވެ. ''ކަލޭ ތީ މަށަށް ކުރިމަތިވެފައި ހުރި މުސީބާތެއް، ކަލޭ މާލެ އައިފަހުން އެއްވެސް ކަމެއް ރަނގަޅަކަށް ނުދޭ، ކުންފުނީގެ ސީއީއޯއަކަށް ވާން ޖެހޭނީ އަހަރެން!، އެކަމަށް ވެސް ހުރަސް އެޅީ ކަލޭ، އެކަމާ ހުރެ މަންމަގެ އުނދަގޫ އެހާ ބޮޑު، އަހަރެންގެ ހަމަޖެހުން ނަގާލައިފިއޭ... ޔޫ އާރ ނޮޓް މައި ބްރަދާރ، ރިމެމްބާރ ދެޓް!...''

ޒަރާރް ހުރީ ހިމޭންވެފައެވެ. ދައްޔާންގެ ހިތުގައި އަނދަމުންދާ ނަފުރަތުގެ ހޫނާ ގުޅިފައިވާ ސަބަބު އޭނައަށް ކޮންމެވެސް ވަރަކަށް ވިސްނައިގަނެވުނެވެ. ޒަރާރް އޭނަގެ ބޮލުގައި އެޅުވި އިލްޒާމުތަކުން އަސަރު ކުރިއެވެ. ދައްޔާނަށް ދެރައެއް ލިބެން އޭނަގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. ހަމައެއާއެކު ދައްޔާންގެ ހައްޤަކަށް ވެސް އޭނަ އަރައިނުގަންނާނެއެވެ.

''ދޮންބެ...'' ޒަރާރް ބުނަން އުޅުނެވެ.

''ކަލެއާ އަހަންނާ އެއްވެސް ގުޅުމެއް ނޯންނާނެ!...'' ޒަރާރްގެ ޖުމްލަ މެދުކަނޑާލަމުން ދައްޔާން އިއްވާލިއެވެ.

''ރުޅިއައިސްފަ ހުރީމަ ތިހެން ތިބުނަނީ، އެހެންވީމަ އެންމެ ރަނގަޅުވާނީ މިވަގުތަށް މިވާހަކަ މެދުކަނޑާލިއްޔާ...'' ދައްޔާންގެ ރާގުން ޒަރާރް އިންތިހާއަށް ދެރަވިއެވެ. އޭނަ މަސައްކަތްކުރީ ދެބެއިންގެ ގުޅުން ސަލާމަތްކުރެވޭތޯއެވެ. އެކަމަށް ހިތް އެދުނު ވަރުންނެވެ. ކޮއްކޮގެ ނަފުރަތު އޭނައަށް އަމަޒުވަމުންދާ މަންޒަރު ދެކެން ކެތްކުރެވޭނެހެނެއް ހިޔެއް ނުވެއެވެ. ޢާއިލާ ތެރޭގައި އުފެދިފައި އޮތް ޒަމާންވީ ނުތަނަވަސްކަމަށް ނިމުމެއް އައިސްފައި ވަނިކޮށް، އިތުރު ހަމަނުޖެހުމެއް އުފެދުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. މިކަމުގެ ހިލަން މާމައަށް ވެއްޖެނަމަ ދެރަވާނެ މިންވަރު ތަސައްވަރުކުރެވި އިތުރު ހާސްކަމެއް ލިބުނެވެ. އެހެންކަމުން ޒަރާރް ބެލީ ދައްޔާން ހަމައަކަށް އެޅުވޭތޯ އެވެ. ދައްޔާންގެ ވާހަކަތަކަށް ސަމާލުކަން ނުދީ ވޭތޯ އެވެ. ދައްޔާންގެ އެފަދަ މޭރުމަކުން ވާހަކަދައްކަނީ މަސްތުގެ ހާލަތުގައި ހުރުމުގެ ސަބަބުން ކަމަށެވެ. ދައްޔާންގެ ކޮންމެ އަމަލަކަށް ބަހާނާ ދެއްކޭތޯ ޒަރާރްގެ ސިކުނޑި މަސައްކަތްކުރިއެވެ.

''މިތަނަށް ކަލޭ ގެނައި ސަބަބެއް ނާހާނަންތަ؟...'' ކުރިއަށް ފިޔަވަޅެއް އަޅަމުން ދައްޔާން އެހިއެވެ. ޒަރާރްއާއި ހަތަރުކަޅި ހަމަކޮށްލަމުން ދައްޔާން ހިނިތުންވެލިއެވެ. ޒަރާރްގެ މޫނަށް ވެރިވި ކުލަވަރުތަކުން އޭނަގެ ހިނިތުންވުން ފުންކޮށްދިނެވެ.

''އަހަރެން ހެދީ ދޮގު، އަހަރެންގެ ފޯނަށް ކަމެއް ނުވޭ، އަހަރެން މިތަނަށް ކަލޭ ގެންނަންވެގެން އެހެން ބުނީ، ތީ ބޮޑު ގަމާރެއް، އަހަރެން އެއްޗެއް ބުނާ އިރަށް ޤަބޫލުކޮށްފިއްޔޭ، ކަލޭ ހީކުރީތަ އަހަރެން ބުނާހާ ކަމެއް ކޮށްދިނީމަ އަހަރެންގެ ބޭބެއަށް ވެދާނެޔޭ؟، ވަޓް އެ ޖޯކް... ބްރޯ، ވީ ހޭވް ބީން ސްޓްރޭންޖާން އަވާރ ހޯލް ލައިފް، ބެޓާރ ސްޓޭއި ދެޓް ވޭއި، ކަލޭ ހުރި ތަނެއްގައި ހުރިނަމަ އަހަންނަށް ހަމަޖެހިގެން އުޅެވުނީސް... ބަޓް ނޯ!، ޔޫ ހެޑް ޓު ކަމް އެންޑް ރުއިން އެވްރީތިންގް...'' ޒަރާރްގެ މޭގައި ޝަހާދަތްއިނގިލި ޖައްސާލަމުން ދައްޔާން ކުރީ މަލާމާތެވެ. އޭނަގެ ފޯނު ނަގައި ޒަރާރްއަށް ދައްކާލިއެވެ.

ދައްޔާން ވާހަކަދެއްކި ވަރަކަށް ޒަރާރްގެ ހައިރާންކަންވީ އިތުރެވެ. އެފަދަ ދަރަޖައަކަށް ދައްޔާންގެ އަމަލުތައް ދިއުމުން ހިމޭނުން ހުންނަން ޒަރާރްއަށް އުނދަގޫވެއްޖެއެވެ. އެފަދަ ތަނަކަށް އޭނަ ގެންނަން ހެދި ދޮގާއި، ދައްޔާންގެ މަޤުސަދު އެނގެން ބޭނުން ވިއެވެ.

''މިތަނަށް ދޮންބެ ގެނައުމުގެ ބޭނުމަކީ ކޮބާ؟... ކީއްވެ ދޮގު ހަދަން ޖެހުނީ؟...'' ދައްޔާނަށް ކުރާ އިތުބާރުގެ ނާޖާއިޒް ފައިދާ ނެގުމުން ނުރުހުމުގެ ބަހެއް ނުބުނެ ހުރުންވީ ދަތިކަމަކަށެވެ.

''ބުނަންވީތަ؟...'' ޒަރާރްގެ މޫނާއި މޫނު ޖެހޭހާ ކައިރިއަށް ހުއްޓެމުން ދައްޔާން ބުންޏެވެ. އެވަގުތު ދުވި ވަހުން ޒަރާރްއަށް ފަހަތަށް ޖެހިލެވުނެވެ.

ޒަރާރްއާއި ހަތަރުކަޅި ހަމަކޮށްގެން ހުރެފައި، ދައްޔާން ބިޔަރުފުޅި ހުސްކޮށްލިއެވެ.

''ތިކުރެވޭ ކަމެއް އެނގޭތަ؟...'' ޒަރާރްގެ ކެތްތެރިކަން ކޮޅުންލިއެވެ. އެއާއެކު މާހައުލަށް ފެތުރުނީ މަލާމާތުގެ ހިނިގަނޑެކެވެ.

''އަހަރެން ބޭނުން އެއްޗެއް ބޯނަން، ބޭނުން ކަމެއް ކުރާނަން... ވަޓް ކޭން ޔޫ ޑޫ އެބައުޓް އިޓް؟...'' ބުމަގޮށްޖަހާލަމުން ދައްޔާން ފެށީ ޖަދަލުކުރާށެވެ. އޭނަގެ މަޤުސަދަކަށްވީ ޒަރާރް ރުޅި އަރުވާލުމެވެ. ކާމިޔާބީގެ ނިޝާންތައް ފެނުމުން ހިނިތުންވެލިއެވެ.

''ދާން ބިރެއް ނުގަނަނޭތަ؟...'' ޒަރާރް ހުރީ އަޖައިބުވެފައެވެ. މިފަދަ އަމަލެއް ފެނިދާނެކަމަށް އޭނައަށް ލަފާކޮށްލެވިފައި ނެތެވެ. މިއީ ލޮލަށް ފެންނަ ބިރުވެރި ހުވަފެނަކަށް ވާނެ ނަމެއެވެ. ކޮއްކޮގެ އަމަލުތައް މިފަދަ ޖަރަޖައަކަށް ގޮސްފާނެކަން ޤަބޫލުކެރެވޭނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު ޒަރާރް ކަމެއް މަތިން ހަނދާން ވިއެވެ. ސިކުނޑިއަށް ސަވާރުވެފައިވި ދުންފުހުގެ އަސަރު ފިލައި ދައްޔާންގެ އުނިސިފަތައް ފެންނަން ފެށިއެވެ. ލަހުން އޮފީހަށް އައުމެވެ. އަންނަ އިރުގައި ދެލޮލުން ފެންނަ ރަތްކަމާއި މޫނުން ފެންނަ ވަރުބަލިކަމެވެ. ބަލިހެން ހީވާ ފަހަރު މަދެއް ނޫނެވެ. އެހުރިހާ ކަމެއް ގުޅުވާލުމާއެކު ބޮޑު މަންޒަރު ފެންނަން ފެށިއެވެ. މިއީ އަލަށް ދައްޔާން ކުރާ ކަމެއް ނޫނެވެ. އެއީ ދައްޔާންގެ ދިރިއުޅުމުގެ އެއްބައެވެ. ދެވިހިފާފައި ހުރި ކަމެކެވެ. ކުރިން ފާހަގަ ނުކުރެވުނީތީ ޒަރާރް ދެރަވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އަދި ވަގުތު ފާއިތު ނުވެއެވެ. ދައްޔާނަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާ ލިބުމުން ރަނގަޅުވެދާނެއެވެ. އެކަމުގެ ޒިމްނާ އުފުލަން ޒަރާރް ހުރީ ތައްޔާރަށެވެ. ދައްޔާން ހަލާކުވެގެންދާ މަންޒަރު ބަލަން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟

''ބިރު؟.... ހެހެހެ، ކީއްކުރަން ގަންނަ ބިރެއްތަ؟... ޑޯންޓް ވީ ހޭވް ފްރީ ވިލް...'' ދައްޔާން ބުނެލިއެވެ.

''އެހެން ވިޔަސް ހިތު ހުރިގޮތަކަށް އުޅޭކަށް ނުޖެހެޔޭ!...'' ޒަރާރްގެ އަޑު ބާރެވެ.

''ދެއާރ އިޓް އިޒް، ރުޅި އަންނަން އެނގޭ ދޯ؟...'' ދައްޔާން ހިނިގަނޑެއް ޖަހާލިއެވެ.

''މިތަނުން ދާން ހިނގާ، ދާންއަށް ފަރުވާ ބޭނުންވޭ...'' ޒަރާރް ވިސްނައިދޭން އުޅުނެވެ.

''ނުދާނަން، ނުވެސް ގެންދެވޭނެ، ކަލޭ ތީ ކާކުތަ އަހަންނަށް އަމުރުކުރަން؟...'' އެއްއަތުން ޒަރާރްގެ ގަމީހުގައި ދައްޔާން ހިފިއެވެ.

''އަހަރެން މީ ދާންގެ ދޮންބެ، އަހަރެން ބުނާ ގޮތަށް ހަދަން ޖެހޭނެ، ތިހެން އުޅެނިކޮށް ބައްޕަމެންނަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ؟...'' ޒަރާރް ބުނެލިއެވެ.

''ގޮސް ބުނާނީތަ؟...'' ޒަރާރްއަށް ޗެލެންޖުކުރަމުން ދައްޔާން ހިނިތުންވެލިއެވެ.

ޒަރާރް ހުރީ ގޮތް ހުސްވެފައެވެ. ދައްޔާންގެ ވާހަކަ ހިއްސާކޮށްފިނަމަ ހިލިގެންދާނެ މައްސަލަތައް އޭނައަށް ސިފަކޮށްލެވުނެވެ. އެއާއެކު ބޮލުގައި ރިހުމެއް އުފެދުނެވެ. ނުބުނެ ސިއްރުކުރަން އުޅެފިނަމަ ދައްޔާންގެ އަމަލުތައް ބޮއްސުންލައިގެން ގޮސްފާނެކަމުގެ ބިރު އޮތެވެ. ކުރިއަށް ދާންވީ ރާސްތާ ޚިޔާރުކުރަން ޒަރާރްއަށް އުނދަގޫ ވިއެވެ. ހަތަރުއަނގޮޅިއަކަށް އާދެވުނު ކަހަލައެވެ. ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ.

''ފައިން، ގޮސްފާނަން، އެކަމަކު އަހަރެން ބުނާކަމެއް ކުރެވޭނެތަ؟...'' ދައްޔާން ބުނެލިއެވެ. އޭނަ އުޅުނީ ޒަރާރްއަށް ކާމިޔާބު ލިބިދާނެ ކަމުގެ ދޮގު ހުވަފެން ދައްކާށެވެ.

''ރިހެބްއަށް ދާން އެއްބަސްވެއްޖެނަމަ ދާން ބުނިކަމެއްކޮށްދޭނަން...'' ޒަރާރް ބުނެލިއެވެ.

''ޔޫ ޝުއާރ؟...'' ޒަރާރް ތަޅުވާލަންވެގެން ދައްޔާން ބުނެލިއެވެ. އޭނަގެ ދެލޮލުން ފެންނަނީ ތަފާތު ވިދުވަރެކެވެ.

ޒަރާރް ބޯޖަހާލިއެވެ. ސުލްހަ ޤާއިމުކުރެވޭނެ ފަސޭހަ މަގެއް ފެނޭތޯ ޒަރާރް މަސައްކަތްކުރިއެވެ.

''އެހެންވެއްޖެއްޔާ ތަނޫއާ ދުރަށްދޭ...'' ނުލަފާ ހިނިތުންވުމަކާއެކު ދައްޔާން ބުނެލިއެވެ.

''ވަޓް!...'' ޒަރާރްއަށް ލިބުނީ ސިހުމެވެ. ދައްޔާންގެ ޖުމްލަ ކަންފަތުގައި ގުގުމަން ފެށީ ހޮނު ގުގުރީގެ ސިފައިގައެވެ.

''އަހަންނަށް ތަނޫ ކަމުދޭ...... ކޯލް އޮފް ދި ވެޑިންގް އެންޑް އައި ވިލް ޑޫ އޭޒް ޔޫ ސޭ...'' ދައްޔާން ބުނެލިއެވެ.

''ތިކިޔޭ އެއްޗެއް އެނގޭތަ؟...'' ޒަރާރްގެ މޫނުގެ ކުލަވަރު ބަދަލުވާން ނެގީ ސަޅިސިކުންތުކޮޅެކެވެ. އޭނަގެ މުޅި ތަބީއަތު ބަދަލުވެގެން ދިޔައެވެ. ތަނާލްގެ ނަން ދައްޔާންގެ ދުލުން އިތުރަށް ބޭރުވާކަށް ވެސް ނޭދެވުނެވެ. ދައްޔާންގެ ފަސާދަވެފައި ހުރި ވިސްނުން އޭނައަށް ފަހުމުކުރެވުނެވެ. ދައްޔާންގެ ރުޅިވެރިކަމާ ގުޅިފައި އޮތް ސަބަބު ވެސް މެއެވެ. އޭނައާއި ތަނާލްގެ މުސްތަޤުބަލަށް ދައްޔާން ބިރަކަށް ވެދާނެކަން ފުރަތަމަ ފަހަރަށް ތަސައްވަރުކުރެވުނެވެ.

''އާނ، އަހަންނަށް ތަނޫ ކަމުދޭ، އަހަރެން ބޭނުމީ ތަނޫ...'' ލަދުހަޔާތުގެ ކަންފުޅެއް ވެސް ދައްޔާންގެ ނެތެވެ. އަމިއްލަ ބޭބެގެ ހައްޤަކަށް އަތްގަދަކުރަން އުޅޭކަމުގެ އިހުސާސެއް ނުކުރެވުނެވެ.

''ހުއްޓާލާ!، ދެން ތަނޫ ނަން ކިޔައިގެން ނުވާނެ!...'' ޒަރާރް ދިނީ އިންޒާރެކެވެ. ތަނާލްއަށްޓަކައި މޭގައި ބިންވަޅު ނެގިފައިވި އިހުސާސްތައް މުޅިން އެހެން މަގެއް ޚިޔާރުކުރިއެވެ. ތަނާލްގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޒަރާރް އަވަސްވެގަތެވެ.

''ހާދަ ވަރަކޭ ތިވަނީ!...'' ދައްޔާން ހިފީ ޒަރާރްގެ ކަރުގައެވެ. އެވަގުތު ލިބުނު ސިހުމާއެކު ޒަރާރްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހުށިޔާރުކަމާއެކު ދައްޔާންގެ މޭގައި އަތްއަޅާ ކޮއްޕާލިއެވެ. ހަށިގަނޑުގެ ބާރު ފުރަތަމަ ފަހަރަށް ޒަރާރް ދެއްކިއެވެ. އަމިއްލަ ދިފާއުގައި ތެދުވަން ޖެހިލުން ނުވާނެކަން އަމަލުން ބުނެދިނެވެ.

''ތަނޫއާ މެދު ތިހެން ދެކެން ލަދެއް ނުގަނޭތަ؟...'' ދަތްކުނޑިވިކަމުން ޒަރާރް ބުނެލިއެވެ. ކަރުގެ ނާރުތައް ވަނީ ފުފިފައެވެ. އޭނަ ލަމުން ދިޔަ ނޭވާ ފުނެވެ. ރުޅިން ގޮސް މީހާގެ ބުއްދިއަށް ބާރު ފޯރާ ހިސާބަށް ދިޔަ އެވެ.

''ދިސް އިޒް ފިނިޝްޑް!، ދާންގެ ނުރުހުމުގައި ވިޔަސް ޖެހޭނީ ރިހެބަށް ދާން!، ޔޫ އާރ ސިކް އެންޑް ޔޫ ނީޑް އިމީޓިއަޓް ހެލްޕް!...'' ޒަރާރް ފަހު ބަސް އިއްވާލިއެވެ. އިތުރަށް ދައްޔާނާއި ވާހަކަދައްކަން ޒަރާރް ބޭނުމެއް ނުވިއެވެ. ރުޅި ގަދަވެ އަތުން ފައިން ގޯހެއް ހެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ތަނާލްއާ މެދު ދައްޔާން ދެކެމުންދާ ނަޒަރިއްޔާތު އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވުނެވެ. ދައްޔާނާ މެދު ސަމާލުވާން ޖެހޭނެ ކަމުގެ އިންޒާރެކެވެ. ތަނާލްގެ ހައްޤުގައި ކޮންމެ ފަދަ ފިޔަވަޅެއް އަޅަން ޒަރާރް ހުރީ ތައްޔާރަށެވެ.

ކުރިއަށް ހިނގަމުން ދިޔަ ޒަރާރްއަށް ދައްޔާން ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. އޭނަގެ އަތް ތުރުރުއަޅަން ފެށިއެވެ. މަޑުން ހުންނަންވެއްޖެނަމަ އޭނަގެ ޝަހުސިއްޔަތަށް ލިބޭނެ އުނިކަމުގެ ސަބަބުން ދައްޔާންގެ ސިކުނޑިއަށް ވެރިވެގަތީ ޝައިތާނީ ވަސްވާހެވެ. އަތުގައި އޮތް ފުޅިއަށް ދައްޔާން ބަލައިލިއެވެ. ދެން އޭނަ ބަލައިލި ޒަރާރް އަށެވެ. ނިކުމެދާނެ ނަތީޖާއަކަށް ވިސްނަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފައިވި ރުޅިވެރިކަމުގެ މައްޗަށް އަމަލުކުރެވުނެވެ. ބާރުބާރަށް ހިނގާފައި ގޮސް އަތުގައި އޮތް ފުޅި އަމާޒުކޮށްލީ ޒަރާރްގެ ބޮލަށެވެ. ޖެހިލެއް ބާރުކަމުން ފުޅި ތަޅައިގެން ގޮސް ފުޅިތަށިތައް ބުރަގައި ހިނގައްޖެއެވެ.

ބޮލުގެ ފުއްކިބައަށް އަމާޒުވި ހަމަލާއާއެކު ޒަރާރްގެ ހެޔަށް ގޮތްތަކެއް ވިއެވެ. ކުޑަކަކޫމައްޗަށް ތިރިވެވުނީ ކުއްލިޔަކަށެވެ. އޭރު އޭނައަށް މަންޒަރުތައް ފެންނަނީ ފުސްކޮށެވެ. ބޮލަށް ބަރުވެ ވަމުންދާ ގޮތް ފަހުމުކުރެވޭ ވަރެއް ނުވިއެވެ. ބޮލުގެ ފުއްކިބައިން ތިރިއަށް އޮލައެއްޗެއް ދާހެން ހީވިއެވެ. އިސްތަށިގަނޑާއެކު ލައިގެން ހުރި ޓީޝާޓު ކަޅިވަމުންދާން ފެށުމުން އަތްތިލަ ގެންގޮސް ފުއްކިބައިގައި ޖައްސާލެވުނެވެ. ވީތަދުން ދަތްޕިލަޖައްސާޖާ ބާރުކޮށްލެވުނެވެ. ޚަބަރު ހުސްވެދާނެހެން ހީވިއެވެ. ނަމަވެސް ދެލޯމަރާބާރުކޮށްލަމުން ދޫކޮށްލި ދިގު ނޭވާއާއެކު ކޮންމެވެސް ވަރަކަށް ހިއްސުތައް މަސައްކަތްކުރަން ފެށިއެވެ.

ފުރަތަމަ ވެސް އިހުސާސްކުރެވުނީ ތޫނު ތަދެކެވެ. ހުރިހާ މަންޒަރެއް ޒަރާރްއަށް ފެންނަނީ ދެގުނަ ވެގެންނެވެ. އަތްތިލައަށް ބަލައިލުމާއެކު ލޭ ފާހަގަ ކުރެވުނެވެ. ދައްޔާންގެ ފަރާތުން އަމާޒުވި ހަމަލާއިން ލިބުނު ޝޮކު ފިލައި ނުދެއެވެ. ކުރިމައްޗަށް ދައްޔާން ހުއްޓުމުން ޒަރާރް އިސްއުފުލަން މަސައްކަތްކުރިއެވެ.

''ޔޫ ޑިޒާވް ދިސް!...'' ޒަރާރްގެ މޭގައި ކޮޅުފައިން ޖަހައި ފަހަތަށް ވައްޓާލަމުން ދައްޔާން ބުނެލިއެވެ. ''ޔޫ ޑިޒާވް އެ ޕެއިންފުލް ޑެތް!...''

ފަހަތަށް ވެއްތުމުން ކޮންކްރީޓްގަނޑުގައި ޒަރާރްގެ ފުއްކިބަ ޖެހުނެވެ. ވީތަދުން ހަރަކާތެއްކޮށްލަން އުނދަގޫވިއެވެ. އެހެން އޮތްވާ މެޔަށް އަމަޒުވި ހަމަލާއެކު ޒަރާރް ކެއްސައިގަތެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް އަތުތެރޭގައި ތާށި ވެއްޖެއެވެ. ކުރު ގެޅިލަމުން ޒަރާރްއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ނޭވާ ލެވޭތޯއެވެ. އެވަގުތު އިތުރު ހަމަލާއެއް އަމާޒުވިއެވެ. މިފަހަރު ބުރަކައްޓަށެވެ. ޒަރާރްގެ ވޭނީ ހަޅޭކުގެ އަޑުން މާހައުލުގެ ހިމޭންކަމަށް ނިމުމެއް ގެނައެވެ.

ޒަރާރްގެ ދެލޮލުން ފާޅުވަނީ ބިރުވެރިކަމެވެ. އަމިއްލަ ފުރާނައަށް ނުރައްކާވި ހިނދުގައި އޭނައަށް ސިފަކުރެވުނީ ތަނާލްގެ ސޫރަ އެވެ. އެލޮބުވެތި ހިނިތުންވުމެވެ. އުފާވެރިކަމުގެ ނޫރުން ވިދާ ބަބުޅާ ދެލޮލެވެ.

''ދާން...'' ކުކުރަމުން ޒަރާރް ގޮވާލިއެވެ. އޭރު ވެސް ޒަރާރްއަށް ހަމަނޭވާލާން ދައްޗެވެ. މަންޒަރު ފުސްވެފައި ވިޔަސް ދައްޔާންގެ ހިޔަނި ވަކިކުރެވުނެވެ. އެބިރުވެރި ވަގުތުކޮޅުގައި ހިތްވަރުކުރީ ތަނާލްގެ ހައްޤުގައެވެ. އޭނައަށް ކަމެއް ވެއްޖެނަމަ ތަނާލްއަށް ވެދާނެ ގޮތެއް ޚިޔާލަށް ގެންނަން ވެސް ދައްޗެވެ. ކުރީގެ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ތެރެއަށް އަރަޤުވެގެން ދިއުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. ވޭނާއި ކެކުޅުން ބަރުދާސްތުކޮށް ތެދުވަން ޒަރާރް އުޅުނީ އެހެންވެގެންނެވެ.

''ދެން އަހަރެންގެ ހައްޤަތަށް އަތްގަދަކޮށްބަލަ..'' ދައްޔާން ހިފީ ޒަރާރްގެ އިސްތަށިގަނޑުގައެވެ. ލުއްކިއެއް ޖަހައި ތަދުކޮށްލީ ޒަރާރްގެ މޫނުން ފެންނަ ވޭން ބަލައިލުމަށެވެ. އޭނަގެ މެޔަށް ފިނިކަމެއް ގެނެސްދިނެވެ. ޒަރާރްއަށް ލިބޭ ކޮންމެ އަނިޔާކައަކުން އައު ޖޯޝެއް އުފަންކުރުވިއެވެ.

''އަހަރެން ތަނޫ އުފަލުގަ ބަހައްޓާނަން، ކަލެއަށް ނުދެވޭނެ ހުރިހާ އުފަލެއް ހޯދަދޭނަން... ޔޫ ނޯ... ފައިނަލީ އައި ގެޓް ޓު ޓަޗް ހާރ... ގެޓް ކްލޯޒް ޓު ހާރ... އައި ވޮންޑާރ ވަޓް ޝީ ސްމެލްސް ލައިކް، ވަޓް ޝީ ފީލްސް ލައިކް...'' ދައްޔާންގެ ވިޔާނުދާ ޚިޔާލުތައް ޒަރާރް އާއި ހިއްސާކުރިއެވެ. ތަނާލްއަށް ކުރާނެ ކަންތައް ބުނެދިނީ ޒަރާރްއަށް މަލާމާތްކުރާ ހާލުގައެވެ.

ޒަރާރްއަށް ވީ ގޮތެއް ވެސް ނޭގުނެވެ. ދައްޔާންގެ އަތުގައި އޭނަ ހިފިއެވެ. މީހާގެ ހެޔަށް ގޮތްތަކެއް ވިޔަސް ދައްޔާންގެ ޖުމްލައާއެކު އޭނައަށް ލިބުނީ ތަފާތު ބާރެކެވެ. ތަނާލްއަށް ދައްޔާންގެ ފަރާތުން ކުރިމަތިވާނެ ބިރުވެރިކަން އަންދާޒާކޮށްލެވުމާއެކު ދައްޔާނާއި ކުރިމަތިލުމަކަށް ދިޔަ އެވެ. ފަހު ނޭވާވަޅަށް އެޅުނަސް ތަނާލްއަށްޓަކައި ޤުރުބާންވާން ތައްޔާރަށް ހުރި ކަހަލައެވެ. ދައްޔާނާ މެދު ޒައްރެއްގެ ކުލުނެއް ވެސް މިހާރު ޒަރާރްގެ ހިތުގައި ނުވެއެވެ. ކޮއްކޮއެއްގެ ހައިސިއްޔަތުން ދެކެން އަމުދުން ބޭނުމެއް ނުވިއެވެ.

ވަރުދެރަވެފައިފައިވުމުން ޒަރާރްއަށް ކުރިއެރުމެއް ނުލިބުނެވެ. ދައްޔާންގެ ފަރާތުން ކުރިމަތިވި ހަމަލާތަކަށް ވެސް ތައްޔާރެއް ނުވެވުނެވެ. އޭނަގެ އިސްތަށިގަނޑުގައި ހިފާ ފަހަތަށް ގެންދިޔަކަމުގެ އިހުސާސް ކުރެވުނެވެ. ވީތަދުން ޒަރާރް ހޭ ނެތުނެވެ. ދެން ހޭ އެރީ އޭނަގެ ކޮލުގައި ދައްޔާން ޖެހުމުންނެވެ. އޭނަގެ ޓީޝާޓުގައި ހިފާ ކޮޅަށް ނެގިހެން ހީވިއެވެ. ބާރުގެ ބޭނުންކޮށް ފަހަތަށް ގެންދިއުމާއެކު ޒަރާރްއަށް ލޯހުޅުވާލެވުނެވެ. ހޭވެރިކަންވުމާއެކު ދައްޔާން ކުރަން އުޅެކަމަށް ސަމާލުވެލެވުނެވެ. ނަމަވެސް ހަށިގަނޑުގެ ވަރު ދެރަވެ އަޅަމުންދާ ވޭނުން އޭނަގެ ހަކަތަ މުޅިން ހުސްވެއްޖެއެވެ.

''ޝީ ވިލް ބީ ހެޕީ ވިތް މީ، ޑައި ނޯވިންގް ނެޓް!...'' ޒަރާރްގެ ކަންފަތް ދޮށުގައި ދައްޔާން ބުނެލިއެވެ. ފަހަތަށް ކޮއްޕާލަން އުޅުމާއެކު، ލެއިން ކަޅިވެފައިވި ދެއަތުން ދައްޔާންގެ ގަމީހުގައި ޒަރާރްއަށް ހިފަހައްޓާލެވުނެވެ. ގަދަ ހިފުމަކަށް ދިޔަ އެވެ. ވީރާނާވެފައި ހުރި ކޮންކްރީޓް ގަނޑަށް ދެޒުވާނުންގެ ބަރުދަން ނުކެތިއެވެ. ތަންގަނޑެއް ނެއްޓި އެކުގައި ފައި އަރިއަޅާލައިފި އެވެ.

ފުރަތަމަ އަރިއަޅާލީ ޒަރާރް އެވެ. އެއީ ޒަރާރްގެ ބަދުނަސީބެވެ. ފާރުބުޑުން ބޭރަށް ޒަރާރް އޮތީ އެލިފައެވެ. ދައްޔާންގެ އަތުގައި ހިފަހައްޓައިގެންނެވެ. ދައްޔާނަށް އޭނަގެ ހަށިގަނޑު ބެލެންސް ކުރެވުނީ ކިރިޔާއެވެ. އޭރު އޭނަގެ މޭގަނޑު އަނގަޔަށް އަންނަ ވަރުވެއްޖެއެވެ. ތިރިއަށް އެލިފައި އޮތް ޒަރާރްއަށް ދައްޔާން ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. ދެންމެ ހިނގި ހަމަނުޖެހުމުގެ ތެރޭގައި ޒަރާރްގެ ނިޔަފަތިތަކުން ދަޔާންގެ އަތް ޒަހަމް ވެއްޖެއެވެ. އެކަމުގެ ވޭން އިހުސާސްވުމުން ހީވީ ޕްރެޝަރު ބޮޑުވެފައި ހުރި އަލިފާން ފަރުބަދައެއް ފަޅައިގެން ދިޔަ ހެންނެވެ.

ތިރިއަށް ބެލުމުގެ ބަދަލުގައި ޒަރާރް ބެލީ ދައްޔާންގެ ދެލޮލަށެވެ. ބަހެއް ބުނަން ނުކުޅެދުނު ހިނދު ދައްޔާން ގާތު ކުރި އާދޭސްތައް ބަޔާންކޮށްދިނީ ޒަރާރްގެ ދެލޮލުންނެވެ. އެފަދައިން ކަންތައް ނުކުރުމަށް އެދި ދެފަރާތަށް ބޯހޫރާލެވުނެވެ. ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ދައްޔާންގެ އަތުން އޭނަގެ ގްރިޕް ދޫވަމުންދާކަން އެނގުނެވެ. އެއާއެކު އަނެއް އަތުން ދައްޔާންގެ އަތުގައި ހިފަން ޒަރާރް އުޅުނެވެ. އޭނައަށް އެހީވުމަށް އެދި ކުކުރަމުން ދާ އަޑަކުން ބުންޏެވެ.

''ދާން...'' ޒަރާރްއަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. އޭނަ ބެލީ ސީދާ ދައްޔާންގެ ދެލޮލަށެވެ. މުޅި އުމުރުގައި އެހާ ބޮޑަށް ބިރުގަތް ދަނޑިވަޅެއް ނާދެއެވެ. ކަރުނުން ފުރުނު ދެލޯ ޒަރާރްއަށް މަރާލެވުނެވެ. ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަ ހިނދުނީ ތުނބުޅީގެ ތެރެއަށެވެ. މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނު ހިނދުގައި ޒަރާރްގެ ދެލޮލަށް ސިފަކުރެވުނީ ތަނާލް އެވެ. ކަންފަތަށް އިވުނީ ތަނާލްގެ ލޮބުވެތި ހިނިތުންވުމުގެ އަޑެވެ. އެއާ ވިދިގެން ދައްޔާން ދިން އިންޒާރުތަކެވެ.

''ހެލް...ޕް މީ...'' ބަރުވަމުންދާ އެސްފިޔަތައް ގަދަކަމުން ހުޅުވަމުން ދައްޔާނަށް ޒަރާރް ބަލައިލި އެވެ.

ޒަރާރްގެ އާދޭސްތަކުން ދައްޔާނަށް މަޑުޖެހިލެވުނެވެ. އޭނައަށް ބެލެމުން ދިޔައީ ޒަރާރްގެ މޫނަށެވެ. އެދެލޮލުން ކުރާ އާދޭސްތަކަށެވެ. އޭނަގެ ހިތަށް އެވަގުތު ވީކިހިނެއްކަމެއް ބުނަން ދައްޔާނަށް އުނދަގޫ ވިއެވެ. ޒަރާރްގެ ވޭނުން ފުރިގެންވި އާދޭސްތަކުން ކޮންމެ ވެސް ޖަޒުބާތެއް އެހިލަ ހިތުގައި އުފަންކުރުވައިފި އެވެ.

''އެއީ ދާންގެ ބޭބެއެއް ނޫން، އެއީ ދާންގެ ދުޝްމަނެއް، އޭނަ ދާންއަށް ދުވަހަކު ހެވެއް ނޭދޭނެ...'' ދައްޔާންގެ ހަނދާނަށް އައީ މަންމަގެ ޖުމްލަތަކެވެ. ރަހުމާއި ހަމްދަރުދީގެ މައްޗަށް ކުރިހޯދީ އެނަފުރަތެވެ. ގަދަކަމުން ޒަރާރްގެ އަތް ނައްޓުވާލީ އެހެންވެގެންނެވެ.

''ދާން...'' ވެއްޓެން ދިޔަ ޒަރާރްގެ ދުލުން ނިކުތް ފަހު ބަހަކީ އެއީއެވެ. ވައިކަފާލާފައި ތިރިއަށް ދިޔަ ހިނދުގައި ޒަރާރްއަށް އޭނަގެ ދެލޯ މަރާލެވުނެވެ. މި އަނިޔާވެރި ދުނިޔެއަށް ފަހު ނޭވާ ދޫކުރަން ތައްޔާރުވަމުންނެވެ. އެތައް ޝަކުވާއެއް ހިތުގައި ވަންހަނާ ކުރަމުންނެވެ. ނަސީބުގައި ނެތް އުފާވެރިކަމާ މެދު ހިތާމަކުރާ ހާލުގައެވެ. ތަނާލްއާއެކު އުފާވެރި މުސްތަޤުބަލަކަށް ދުށް ހުވަފެންތަކުގެ ގަނޑުވަރު ފުނޑުވެގެން ހިނގައްޖެ އެވެ. މާދަމާއަކީ ދެޒުވާނުން އެންމެ އިންތިޒާރު ކުރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކައިވެނީގެ ރަންކިޔަން އޮތް ދުވަހެވެ. ހުރިހާ ތައްޔާރީތަކެއް އޮތީ ނިމިފަ އެވެ. އެހެނަސް އެދުވަސް ދުށުމުގެ ނަސީބު އޭނައަށް ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ.

މަރާލެވިފައިވި ދެލޮލުން ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ފެންނަން ފެށީ ތަނާލްއާއި ބައްދަލުވި ރެޔެވެ. ހިތުގައި އުފެދުނު ޝައުޤުވެރިކަމެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވި ދުވަސްތަކެވެ. ތަނާލްއަށް ލޯބި ހުށަހެޅި ރެޔެވެ. އެލޯތްބަށް ތަނާލް ފުރުސަތު ދިނުމުން ލިބުނު އުފާވެރިކަމެވެ. ތަނާލްއާއެކު ހޭދަކުރެވުނު ވަގުތުތަކެވެ. ކުރި ސަމާސާތަކެވެ.

އޭނަގެ މަރުގެ ޚަބަރު ލިބުމުން ތަނާލްއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެލޯތްބަށް ދުވަހަކު އިންސާފު ލިބޭނެ ހެއްޔެވެ؟ ދައްޔާންގެ ފަރާތުން ތަނާލްއަށް އޮތް ނުރައްކަލަށް ސަމާލުވެވޭނެ ހެއްޔެވެ؟

(ނުނިމޭ)