ރާއްޖޭގެ ފަތުރުވެރިކަން އިތުރުކޮށް ފުޅާކުރުމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިއަހަރުގެ މިހާތަނަށް ކުރިއަށްގެންދިޔަ މާކެޓިން ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ވިޒިޓް މޯލްޑިވްްސް އިން "ވަން"އަށް ވަނީ މިއަހަރު އެކު ންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި އަދި މިއަހަރު ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މިއަހަރު ދުނިޔޭގެ ފެންވަރުގައި ހިންގާ މާކެޓިން ހަރަކާތްތައް ފުޅާކުރުމާއެކު، ވިޒިޓް މޯލްޑިވްސް ކެމްޕޭނަށް 246 މިލިއަނަށްވުރެ ގިނަ ފަރާތްތަކުގެ މަގުބޫލުކަން ލިބިފައިވާ ކަމަށެވެ.
މިއަހަރު ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުން ހޯދާފައިވާ ކާމިޔާބީތައް:
- ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ "ސީސޭޝަނަލް ސަމާ" އިޝްތިހާރު ކެމްޕޭންގެ ޒަރީއާއިން 246 މިލިއަނަށްވުރެ ގިނަ ޑިޖިޓަލް އިމްޕްރެޝަންސް އަދި 31.7 މިލިއަން ވީޑިއޯ ވިއުސް ވަނީ ހޯދާފައި.
- މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ 16 ފެއާ، އެގްޒިބިޝަން އަދި ރޯޑްޝޯތަކުގައި ވަނީ ބައިވެރިވެފައި.
- އޭޕްރީލް 28 އިން އޯގަސްޓް 4 އަށް އީމާކެޓިންއައި އާ ގުޅިގެން މެޓާ، ޓިކްޓޮކް، ގޫގުލް އެޑްސް، ޔޭންޑެކްސް އަދި ޔޫޓިއުބް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ޑިޖިޓަލް ކެމްޕޭން ވަނީ 13.7 މިލިއަނަށްވުރެ ގިނަ މީހުންނަށް ފޯރާފައި.
- 3.87 މިލިއަން އެންގޭޖްމަންޓްސްގެ އިތުރުން ވެބްސައިޓަށް 736,693 ސެޝަންސް ވަނީ ލިބިފައި.
ވިޒިޓް މޯލްޑިވްސް އިން ބުނީ އެ ޑިޖިޓަލް ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މޫސުމީ ހަރަކާތްތަކާއި، އޮފާތަކާއި އަދި ތަޖުރިބާތައް އެއްކޮށްލައިގެން ކުރިއަށްގެންދިޔަ ފުޅާ "ސީސޭޝަނަލް ސަންމާ" ޕްރޮގްރާމަށް އެހީތެރިވެދިން ކެމްޕޭނެއް ކަމަށެވެ.
އެ ކެމްޕޭނުގެ ތެރޭގައި ރިސޯޓުތަކާއި، ގޭސްޓްހައުސްތަކާއި، ސަފާރީތަކާއި އަދި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މުއައްސަސާތަކުގެ ހަރަކާތްތައް އިޝްތިހާރުކުރުމަށްޓަކައި ހާއްސަ 137 ވެބްސައިޓް މަޒުމޫނާއި، 203 އިވެންޓް އަދި އެކްސްޕީރިއަންސް ލިސްޓިންގްސްގެ އިތުރުން ސޯޝަލް މީޑިއާގެ 411 ޕޯސްޓާއި ހައިލައިޓްސް ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
ޑިޖިޓަލް މާކެޓިންގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ޓްރޭޑް ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވެއެވެ.
އޭގެތެރޭގައި ޔޫރަޕް، އޭޝިއާ، އޮސްޓްރޭލިއާ އަދި އުތުރު އެމެރިކާގައި ބޭއްވި 16 ފެއާ، އެގްޒިބިޝަން އަދި ރޯޑްޝޯތައް ހިމެނެއެވެ. އަދި މެޑްރިޑްގެ ފިޓޫރު، ނިއުޑެލީގެ ސާޓޭ، ބާލިންގެ އައިޓީބީ، މޮސްކޯގެ އެމްއައިޓީޓީ، އައިޓީބީ ޗައިނާ އަދި އިޓަލީ، ޗައިނާ އަދި އޮސްޓްރޭލިއާގައި ކުރިއަށްގެންދިޔަ "ވިޒިޓް މޯލްޑިވްސް ވީކް" ޕްރޮގްރާމްތައް ހިމެނެއެވެ.
އައިޓީބީ ބާލިންގައި ރާއްޖޭގެ ޑެލިގޭޝަންގައި ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ބައިވެރިންނާއި 233 މަންދޫބުން ބައިވެރިވި ކަމަށާއި، އެންމެ ބާރުބޮޑުވި ވަގުތުތަކުގައި ރާއްޖޭގެ ސްޓޭންޑުގައި 300 އާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކުރި ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެ އިވެންޓުގެ ތެރޭގައި ބައިނަލްއަގުވާމީ ނޫސްވެރިންގެ ބައްދަލުވުމަކާއި، މޯލްޑިވިއަން އީވްނިން ނެޓްވޯކިންގް އިވެންޓުގެ އިތުރުން 2027 ވަނަ އަހަރުގެ އައިޓީބީ ބާލިންގެ އޮފިޝަލް ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ވިޒިޓް މޯލްޑިވްސްއިން މިއަހަރު ކުރިޔަށްގެންދިޔަ އިތުރު ހަރަކާތްތައް:
- ސާޓޭގައި ރާއްޖޭގެ 21 ކުންފުންޏަކުން، ފިޓޫރުގައި 22 ކޯ-އެގްޒިބިޓަރުން، އެމްއައިޓީޓީގައި 11 ކޯ-އެގްޒިބިޓަރުން އަދި އޮސްޓްރޭލިއާގެ ޕާތު، މެލްބަން އަދި ސިޑްނީގައި ބޭއްވި "ވިޒިޓް މޯލްޑިވްސް ވީކް" ގައި ފަތުރުވެރިކަމުގެ 11 ކުންފުންޏަކުން ބައިވެރިވި.
- ފެއާތަކާއި ރޯޑްޝޯތައް.
- ވިޒިޓް މޯލްޑިވްސްއިން ވަކިން ކުރިއަށްގެންދިޔަ ފަތުރުވެރިކަމާއި މީޑިއާގެ 11 ހަރަކާތެއް ކުރިއަށްގެންގޮސް އަދި އެހީތެރިކަން ފޯރުކޮށްދީފައި.
- ފަތުރުވެރިކަމުގެ ސިނާއަތުގެ 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި "ކުއާޓާލީ އިންސައިޓްސް ކިއު2"
- މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން.
- ދޫނިއާރެކް ފަރުގައި މުރަކަ އިންދުމުގެ ހަރަކާތް.
- ރާރާ ޕްރޯ 2026.
- ޗައިނާގެ ކްރޫޒް ޝިޕް "ވައިކިންގް ޔީ ދުން" ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު.
- ބެއިޖިން، ޝަންހާއީ އަދި ޗެންގްދޫއަށް ކުރި ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގެ މަތީ ފެންވަރުގެ ދަތުރު.
އޭގެ އިތުރުންވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ "ކްރިއޭޓޯލް"ގެ ނަމުގައި ޕްލެޓްފޯމެއް ތައާރަފުކޮށްފައެވެ. އެއީ ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުން އަދި އެހެނިހެން ކްރިއޭޓަރުން، ރާއްޖޭގެ އަސްލު މަންޒަރުތައް އެކުލެވޭ ކޮންޓެންޓް ބޭނުންވާ ޖަމިއްޔާ/ޖަމާއަތްތަކާ ގުޅުވައިދޭ ޕްލެޓްފޯމެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
އާންމުންނަށް ހުޅުވާލި އެ ފުރުސަތުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކްރިއޭޓޯލްގައި 1,500 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެ، 880 އެސެޓް (774 ފޮޓޯ އަދި 106 ވީޑިއޯ) އަޕްލޯޑްކޮށްފައިވާ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
ފާތިމަތު ލިއުޝާ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް