ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާ ޑީޖީޖީ އިން އިންތިޒާމުކުރާ މި މުބާރާތަކީ، ރާއްޖޭގެ ގޭމިން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

ދިރާގުން ބުނީ މި އަހަރުގެ މުބާރާތުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި އަހަރުގެ މުބާރާތުގައި ހިމެނޭ ގޭމްތައް

  • މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް
  • ޕަބްޖީ މޮބައިލް
  • ރޮކެޓް ލީގް،
  • އެފްސީ 26
  • ޓެކެން 8

ދިރާގުން ބުނީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކުޅުންތެރިއަކަށްވެސް އެއްވެސް ފީއަކާ ނުލައި މި މުބާރާތުގެ ކޮލިފައިންގައި ބައިވެރިވެ، ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމު ތެރެއިން ބައެއް ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.