ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި ސްވިމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ "ދިރާގު މާލޭ އޯޕަން" ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އަދި 22ގައި ރަސްފަންނުގައެވެ.

ދިރާގު މާލޭ އޯޕަންގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި، މި އަހަރު މުޅިން އަލަށް ތައާރަފުކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު https://swimmaldives.org/male-open-2026/#register މެދުވެރިކޮށް ވަނީ ހުޅުވައިލައިފައެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އުމުރުން ހަ އަހަރުން ފެށިގެން ގޮސް 70 އަހަރުން މަތީގެ ފެތުންތެރިން ވެސް ހިމެނެއެވެ.

"ދިރާގު މާލޭ އޯޕަން 2026" ގެ ޕީއާރް ޕާޓްނަރަކީ ވަން އޮންލައިނެވެ.