ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުން އެއްބާރުލުން ދޭންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުގެންނަން ސަރުކާރުން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބެއްކަމަށް ބިލުގައި ބުނެފައި ވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރު ކުރުމެވެ.
މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެގޭ އިސްލާހުތައް ގެނައުން، މި އިސްލާހު ގެންނަންޖެހޭ ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
ކައުންސިލް މެންބަރުގެ ސުލޫކީ މިންގަޑު ކަނޑައަޅާފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 16 ވަނަ ބާބުގައެވެ.
އެގޮތުން ކައުންސިލް މެންބަރުން މަސައްކަތުގައި ގެންގުޅެންޖެހޭ އާއްމު އުސޫލު ކަމަށް ހަތް ކަމެއް ކަނޑައަޅައި، ކައުންސިލަރުންނަކީ، އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ އުސޫލުތައް ނަގަހައްޓާނެ މީހުން ކަމަށް އެ ބާބުގައި މިހާރު އޮތީ ބަޔާން ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ ހަތް ކަންތައް:
- ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުން
- ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން
- ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހްލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން
- ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން
- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން
- ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކުރުމުގައި އިގްތިސާދުކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި ރަސްމީ ބޭނުންތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން
- ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން
މިގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ ކަންކަމުގެ ތެރެއަށް ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން، އެ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ކައުންސިލް މެންބަރުން ކޮށްގެން ނުވާނެ ފަސް ކަމެއްވެސް އެ ބާބުގައި މިހާރު ކަނޑައަޅާފައި އޮވެއެވެ.
އެ ފަސް ކަމަކީ:
- ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުމާއި އަދި އެއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން
- ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން
- އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރުން
- ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއްކުރުން
- އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލުކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރުން
މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާގައިވާ ބިލުގައި، އެ ފަސް ކަމުގެ ތެރެއަށް، ސަަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލް މެންބަރުން އަމަލު ކުރުން، ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން، އިތުރުކުރަން ވަނީ ހުށަހަޅައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް