ރޭގަނޑުގެ ކެއުމަށްފަހު ރަހުމާއާއި އަލީ ތިބީ ހާމަފެންޑާގައި ހުރި ޕެވީލިއަންގައެވެ. ކަޅުވަކަރުން ހަދާފައި ހުރި ޕެވީލިއަންގައި ސޯފާގެ އިތުރުން ބޮޑު އުނދޯއްޔެއް ހުއްޓެވެ. ފުރާޅުމައްޗަށް ފެތުރިފައިފައި އޮތް ބޯގަންވިލާ ގަސް ވަނީ ފިޔާތޮށިކުލައިގެ މަލުން ބަރާވެފައެވެ. ވަށައިގެން ދިއްލާފައިވި މަޑު އޮރެންޖްކުލައިގެ ބޮކިތަކުން މާހައުލަށް ހިތްގައިމުކަން ގެނެސްދެއެވެ.

ދެމަފިރިން އޮލަވާހަކައެއްގައި ތިއްބާ ހާމަފެންޑާއަށް އެރި މަސްރޫރު ފެނިއްޖެއެވެ. މަސްރޫރު ފެނުމާއެކު ރަހުމާގެ މޫނުގެ ކުލަވަރު ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. އޭނަ އުޅުނީ އެތަނުން ދާށެވެ. އެވަގުތު ރަހުމާގެ އަތުގައި އަލީ ހިފިއެވެ. އެހަންކަމުން އެތަނުން ދިއުމުގެ ފުރުސަތެއް ރަހުމާއަކަށް ނުލިބުނެވެ. މަސްރޫރަށް ބަލަހައްޓައިގެން ހުއްޓާ، މަސްރޫރު އައިސް އިށީނީ ރަހުމާމެން ތިބި ސޯފާއާއި ކުރިމައްޗަށް ވާހެން ހުރި ސޯފާގައެވެ. ޕެވީލިއަން ހަދާފައި ވަނީ ޢާއިލާގެ ހުރިހާ މެންބަރުންނަށް ހަމަޖެހިލައިގެން ތިބެވޭނެ ގޮތަށެވެ.

މަސްރޫރުގެ ނަޒަރު ރަހުމާއަށް ހުއްޓުނެވެ. ރަހުމާ އައީއްސުރެން މަސްރޫރު އެހުންނަނީ ވާހަކަދައްކަން ބޭނުންވެފައެވެ. ނަމަވެސް ރަހުމާގެ ފަރާތުން ފެންނަ ނުރުހުމުގެ ސަބަބުން އޭނަ ފަސްޖެހުނީއެވެ. ކޮންމެހެން ވިޔަސް މިރޭ އޭނަ ހުރީ ވަރުގަދަ އަޒުމެއްގެ މަތީގައެވެ. ވާހަކަނުދައްކާހާ ހިނދަކު ދެކޮޅުވެރިކަމަށް ނިމުމެއް ނާންނާނެކަން މަސްރޫރަށް އެނގެއެވެ.

''އަހަރެން ބޭނުން ވާހަކައެއް ބުނަން...'' މަސްރޫރު ފުންނޭވާއެއް ދޫކޮށްލީ އަމިއްލަ ނަފުސު ތައްޔާރުކުރުމުގެ ބޭނުމުގައެވެ. ސިކުނޑިއަށް ބާރުބޮޑުވެފައިވި ވާހަކަތައް ހިއްސާކޮށްގެން ފަހަރެއްގައި ނަފުސަށް ހަމަޖެހުމެއް ލިބިދާނެއެވެ.

''މިހާރު ދައްކާނެ ވާހަކައެއް އޮތް ހެނެއް އަހަންނަކަށް ހިޔެއްނުވޭ...'' މޭގައި ދެއަތް ހުރަސްކޮށްލަމުން ރަހުމާ ބުނެލިއެވެ.

''ރަހޫ...'' މަޑުމަތިރިކަމާއެކު އަލީ ގޮވާލިއެވެ. ރަހުމާއަށް ވިސްނައިދޭން އުޅުނު ކަހަލައެވެ.

މަސްރޫރު ދެކެ އަލީ ހިތްހަމަނުޖެހުނަސް، މަސްރޫރުގެ ދެލޮލުގައިވި ޝުޢޫރުތަކުން ވާހަކަދެއްކުމުގެ ފުރުސަތު ދޭން ބެނުން ވިއެވެ. މަސްރޫރު އިސްޖެހިފައި އިނީ ކުށްވެރިއަކު ފަދައިން ވިއްޔާ އެވެ. އަހަރުތަކެއް ފަހުން ވިޔަސް ކުށުގެ އިހުސާސް ކުރެވިއްޖެކަމުގެ ލިސާންތައް ސާފުކޮށް މަސްރޫރުގެ މޫނުން ހާމަކޮށްދެއެވެ. ތަބީއަތަށް ވެސް ބަދަލުތަކެއް އައިސްފިއެވެ. އެހެންކަމުން ބުނަން އުޅޭ އެއްޗެއް އަޑުއަހަން ވާނެކަން ރަހުމާއަށް ވިސްނައިދޭން އަލީ މަސައްކަތްކުރިއެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ އެވެ. މާހައުލަށް ވެރިވެފައި އޮތީ ނުތަނަވަސްކަމެވެ. މޭގައި ދެއަތް ހުރަސްކޮށްގެން ރަހުމާ އިނެވެ. އޭނަގެ ނަޒަރު މަސްރޫރުގެ މޫނާއި ވަކި ނުވެއެވެ. އެމޫނުން ފެންނަ ކުލަވަރުތައް ދިރާސާކުރަން އުޅޭ ކަހަލައެވެ. ހިތާމަވެރިކަން ފެނުމުން ރަހުމާ ގާތަށް އައީ ރުޅި އެވެ. މަސްރޫރަށް އިތުބާރުކުރުން ފަސޭހަކަމަކަށް ދުވަހަކު ނުވާނެއެވެ. ޒާރާއަށް ޖެއްސި ހާލާއި، މަސްރޫރަށް ޒާރާ ކުރި ދިގު އިންތިޒާރަށް އައި ހިތި ނިމުން ހަނދާނުން ފޮހެލެވޭނީ ކިހިނެއް ހެއްޔެވެ؟ ދިރިހުރެމެ ރޫހު ގެއްލިފައިވާ ތޮށިގަނޑަކަށް ޒާރާ ބަދަލުކޮށްލީ މަސްރޫރެވެ. ނަސުފާނީ ބަލީގެ ޝިކާރައަކަށްވެ، އެކަނިވެރިކަމުގެ ހިޔަނީގައި ދުނިޔެ އަޅާ ދިޔައީ ރަހުމާގެ ލޯކުރިމަތީގައެވެ. ގޮތްހުސްވެ ކުރި ހިތާމަތަކުގެ އަގު މަސްރޫރަށް އަދާކުރެވޭނެ ހެއްޔެވެ؟ ޒާރާގެ ލޮލުން އޮހޮރުނު ކަރުނައިގެ އަގު އަދާކުރުމުގެ ހައިސިއްޔަތެއް މަސްރޫރުގެ ނެތެވެ.

''ފަހަރެއްގައި އަހަރެން ބުނަން މިއުޅޭ އެއްޗެއް ޤަބޫލުކުރަން ރަހުމާއަށް އުނދަގޫވެދާނެ، އެކަމަކު ވެސް އަހަރެން ބުނަން ބޭނުން...'' މަސްރޫރު ބުންޏެވެ. އެއާއެކު ރަހުމާއަށް ބުމަގޮށްޖަހާލެވުނެވެ. ވާހަކައިގެ މިސްރާބު އޭނައަށް ލަފާކޮށްލެވުނެވެ. އެއްޗެއް ބުނަން އުޅެފައި މަޑުކޮށްލަން ޖެހުނީ އޭނަގެ އަތުގައި އަލީ ހިފުމުންނެވެ.

''ޒާރާއާ މެދު ކަންތައް ކުރެވުނު ގޮތާ މެދު އަހަރެން ދެރަވޭ، އެންމެ ބޮޑަށް ދެރަވަނީ ޒާރާގެ ގާތުން މަޢާފަށް އެދުމުގެ ފުރުސަތު ނުލިބުނީތީ... އަހަރެންގެ އުނިކަމުގެ ސަބަބުން ޒާރާގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ، އެކަމާ އަހަރެން ހިތާމަކުރަން...'' އިސްއުފުލާލަމުން މަސްރޫރު ހާމަކުރިއެވެ.

''މިއަދު ތަ ހިތާމަކުރަން އެނގުނީ؟... އޭނ!...'' ރަހުމާއަށް ކެތެއް ނުކުރެވުނެވެ. އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ އަޑު ބާރުވާން ފެށިއެވެ. މަސްރޫރުގެ ޖުމްލަ ވެގެން ދިޔައީ އަނދަމުން ދިޔަ ގަދަ އަލިފާންގަނޑަކަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ. ކޮއްކޮގެ ނަން ވެސް މަސްރޫރުގެ ދުލުން ބޭރުވާން ރަހުމާގެ ހިތެއް ނުރުހުނެވެ.

''ރަހުމާގެ ރުޅިވެރިކަން އަހަންނަށް ޖާއިޒު، އެކަމާ ދެކޮޅަށް އަހަންނަށް އެއްޗެއް ބުނުމުގެ ހައްޤެއް ނެތް، އެކަމަކު އަހަރެން މި ހާމަކުރީ ތެދު، އަހަންނަކީ ކުށްވެރިޔެއް، އެކަން އަހަރެން ޤަބޫލުކުރަން، އަހަންނަށް ވަނީ ބޮޑެތި ގޯސްތައް ހެދިފައި، މާޒީ ބަދަލުކުރެވޭނެ ނަމަ އަހަރެން އެކަން ވެސް ކުރާނަން، އެކަމަކު އެއީ ކުރެވޭނެކަމެއް ނޫން، އަހަންނަށް އޮތީ ކުރެވުނު ކަންތަކާއެކު ދިރިއުޅުމާ ކުރިމަތިލުން، އަހަރެން އެންމެ ދެރަވަނީ ޒާރާގެ ގާތުން މަޢާފަށް އެދުމުގެ ފުރުސަތު ނުލިބުނީތީ...'' މަސްރޫރުގެ ދެލޮލަށް ޖަމާވީ ވޭނީ ކަރުނައެވެ. އޭނަގެ ހަނދާނަށް އައީ ވަރީގެ ކުރިން ޒާރާއާ ދިމާއަށް ބުނި ޖުމްލަ ތަކެވެ. އޭނަގެ ބަސްތަކުން ޒާރާގެ ހިތް ކުދިކުދި ކުރި މަންޒަރެވެ. ސިހުމާއި ގިލަންވެރިކަމުން ފުރިގެންވި ދެލޮލުން ކުރި އާދޭސްތަކެވެ. ޒާރާގެ އިހުސާސްތަކަށް އެދުވަހު ޤަދަރު ނުކުރެވުނީ އަމިއްލަ އެދުމުން ފޯވެފައިވީތީއެވެ.

''ފުރުސަތު އޮތް، ޒާރާގެ ގާތުން މަޢާފަށް އެދެން ކިތަންމެ ފުރުސަތެއް ލިބުނު... ގަސްދުގަ މަސްރޫރު ނައީ، މަސްރޫރު އަންނާނެކަމުގެ މޮޔަ ޚިޔާލުގައި ޒާރާ ދުނިޔެ ދޫކޮށް ދިޔައީ... ޒާރާގެ އެކަނިވެރިކަމުގެ އަގު މަސްރޫރަށް އަދާކުރެވޭނެތަ؟، މަސްރޫރުގެ އަތުން ނޫނަސް ޒާރާގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ މަސްރޫރު، މަސްރޫރާއެކު އުފާވެރި ހަޔާތެއް ބިނާކުރަން ހާދަ ފޮނި ހުވަފެންތަކެއް ޒާރާ ދެކުނޭ، މަސްރޫރާ ކައިވެނި ކުރެވުނު ދުވަހު ޒާރާ ހުރީ ހާދަ އުފަލުންނޭ، ޢާއިލާއެއް ބިނާ ކުރުމުގެ ޗާންސް ލިބުނީމަ ވެސް ހުރީ އިންތިހާއަށް އުފާވެފަ، ޒާރާއަށް ބޭވަފާތެރިވެ ހިތުގައި ޖެއްސިއިރު އެއިން އެއްވެސް ކަމެއް ހަނދާން ހުރިތަ؟... އަމިއްލަ އަނބިމީހާ ނޫނީ ދަރިފުޅާ މެދު ވިސްނާލިންތަ؟... ނޫން!، ޒާރާދެކެ ކުޑަކޮށް ވެސް ލޯބި ވިނަމަ އެފަދަ ބޮޑު ހިތްދަތިކަމެއް ދޭން ނުކެރުނީސް... އެދުވަހު މަސްރޫރު އިސްކުރީ އަމިއްލަ އެދުން، އަޑު އެހީ އަޒީލާގެ ވާހަކަތައް، ކިޔަމަންވީ އަޒީލާ ދެއްކި އުފަލަށް...'' ރުޅިން ގޮސް ރަހުމާގެ އަޑު ތުރުއަޅައެވެ. އޭނަ ކޮޅަށް ތެދުވިއެވެ. އިތުރަށް މަޑުކުރަން އޭނައަށް ނުފެނުނެވެ.

''އަމިއްލަ އެދުން އިސްކުރެވުނުކަން ޤަބޫލުކުރަން، ޒާރާއާ މެދު ކަންތައް ކުރި ގޮތާ ދެކޮޅަށް ވާހަކަދައްކާކަށް ވެސް ނެތިން... އަހަންނަށް ހެދުނު ގޯސްތައް ޤަބޫލުކުރަން... އަހަރެން ދެކެ ތެދުވެރި ލޯބި ވީ ޒާރާ، މިއަދު އަހަންނަށް ވިސްނިއްޖެ، އަހަރެން ދެރަވަނީ ވަގުތު ނެގީތީ... މިއަދު ޒަރާރް އަހަންނަށް ކުރާ ޤަދަރަކީ ވެސް ޒާރާ އަހަރެން ދެކެ ވީ ލޯބީގެ ރަމްޒެއް... މާޒީ ހަނދާންނައްތާލާކަށް އަހަރެން ބޭނުމެއް ނޫން...'' މަސްރޫރު ބުންޏެވެ. އޭނަގެ މޭގައި ފުން ރިހުމެއް އުފަން ވެއްޖެއެވެ. އާލާވަމުން ދިޔަ ޚިޔާލުތަކުން ސިފަކޮށްދެމުން ދިޔައީ ޒާރާއާ އެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ޒަރާރްއަށް ބަލިވެއިން ދުވަހު އިހުސާސްކުރެވުނު އުފާވެރިކަމެވެ. ދެވަނަ ދަރިފުޅަށް ކުރެވުނު އުއްމީދެވެ. އެހުރިހާ އުފަލެއްގައި ހުޅުރޯކުރީ އަމިއްލަ ދެ އަތުންނެވެ. އެހިތިކަން އަރުބުޑުން ފިލައިގެން ނުދާނެއެވެ.

''ކީއްވެ ޒާރާ ދުނިޔޭގަ ހުރި ދުވަހު ނައީ؟... މަޢާފަށް ނޭދުނީ؟... އަހަންނަކަށް ނޫނޭ ތިވާހަކަތައް އިއްވަންވީ، ތި ވާހަކަތައް ބުނެދޭންވީ މީހާ ދުނިޔެއަކު ނެތޭ... ޒާރާ މި ދުނިޔެ ދޫކޮށް ދިޔައީ މަސްރޫރުގެ ލޯތްބަށް އެދި ހިތާމަކުރަމުން...'' ކަރުނައިގެ ދިލަކަން ލޮލުން ފާޅުވުމާއެކު މޫނުގައި ރަހުމާއަށް އަތްތިލަ ހިންގާލެވުނެވެ.

ރަހުމާގެ ބަސްތަކުން މަސްރޫރަށް ފުން އަސަރުތަކެއް ކުރިއެވެ. އުދާސްކަމާއެކު އިސްއޮބާލެވުނެވެ.

''ޒާރާއަށްޓަކައި އަހަރެން ހިތާމަކުރަން، ޒާރާ ދޫކޮށްލުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް...'' މަސްރޫރުގެ ހިތްވަރު އެލުނެވެ.

ރަހުމާ އުޅުނީ ދާށެވެ. މަޢާފްކުރުމަކީ އެހާ ފަސޭހަކަމަކަށް ވެދާނެ ކަމަށް މަސްރޫރު ހީކުރަންޏާ އެއީ ކުށްހީއެކެވެ.

''ކުށެއް ކުރެވި އެކުށުގެ އިހުސާސް ކުރެވޭނީ މަދު ބަޔަކަށް، އެއީ އެކުށަށް ތައުބާވާން ލިބިގެންދާނެ ފުރުސަތެއް...'' އަލީގެ ޖުމްލައިން ރަހުމާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ފަސްއެނބުރި އަލީއަށް ރަހުމާ ބަލައިލިއެވެ. އަލީ އިޝާރާތް ކުރީ ސޯފާގައި އިށީނުމަށެވެ. ހިއްސާކުރެވުނު ވާހަކަތަކަށް ވަގުތު ބޭނުންވާނެތީއެވެ. ފިރިމީހާގެ ނަސޭހަތް ބޮލާލާޖަހައި ދާން ރަހުމާ ފަސްޖެހުނެވެ. އެހެންކަމުން އޭނަ ސޯފާގައި އިށީނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޖަޒުބާތުތައް ހަމައަކަށް އެޅުވޭތޯ ބެލިއެވެ.

''އަހަރެން ބޭނުން ޒަރާރްއަށް ރަނގަޅު ބައްޕައަކަށް ވާން، މާޒީން އިބުރަތް ހޯދަން، އަހަންނަށް އެނގޭ ޒާރާގެ ގާތުން މަޢާފަށް އެދުމުގެ ފުރުސަތު ގެއްލިޖެކަން، އެކަމަކު ޒަރާރްއަށް ބައްޕައެއްގެ ފަރާތުން ލިބޭންޖެހޭ ލޯތްބާއި އަޅާލުމަށް ދެން އަހަރެން އިހުމާލެއް ނުވާނަން، ޒާރާރްއަށް ލިބިފައިވަނީ ޒާރާގެ ހިތްހެޔޮކަން، އެދަރިފުޅުގެ އެއުފާވެރިކަން ފަނޑުވެގެންދާނެ ފަދަ އެއްވެސް ކަމެއް އަހަރެން ވިޔަކަ ނުދޭނަން...'' ސާބިތުކަމާއެކު މަސްރޫރު ބުންޏެވެ. ''ވަގުތު ނެގިޔަސް އަހަންނަށް އަޒީލާ ދަސްވެއްޖެ، އެކުގައި ނޫޅެވޭނެކަން ވެސް އެނގިއްޖެ...''

''އަޒީލާއަކި ފިތުނަވެރިއެއް، އޭނަގެ ހިތް ދުވަހަކު ޒަރާރްގެ މައްޗަށް ސާފެއް ނުވާނެ.... މަސްރޫރަށް މަޢާފްކުރަން ޒަރާރް ނިންމުމުން އެކަމުގައި އަހަރެން ބުނާނެ އެއްޗެއް ނެތް، މާޒީން އިބުރަތް ލިބިގަނެ މުސްތަޤުބަލާ ކުރިމަތިލުމުގައި ގޯހެއް ނެތް، އެކަމަކު މަސްރޫރު ޖެހޭނީ އަހަރުމެންގެ އިތުބާރު ހޯދަން މަސައްކަތްކުރަން...'' ރަހުމާ ބުންޏެވެ. އެލަފުޒުތައް ދުލާ ހަމައަށް ގެންނަން ފަސޭހަކަމަކަށް ނުވިޔަސް، އަލީގެ ނަސޭހަތަށް އޭނަ އިތުބާރުކުރިއެވެ. މަޢާފަށް އެދުމުން މަޢާފްކުރުމުގެ ރީތި އާދައިގެ މަތީގައި ދެމިހުންނަން ބޭނުން ވިއެވެ. ރުޅިއާއި ނަފުރަތުގެ ތެރޭގައި އަހަރުތަކެއް ހޭދަކުރެވިއްޖެއެވެ. އޭގެން ލިބުނު މަންފާއެއް ނެތެވެ. އެކަމުގެ ނުފޫޒު ދިރިއުޅުމަށް ފޯރުމުގެ ފުރުސަތު ދީފިނަމަ ހަމަޖެހުން ގެއްލިގެން ހިނގައިދާނެއެވެ. ރުޅިއަކީ ގޯސް ޖަޒުބާތަކެވެ. އޭގެ ސަބަބުން އުފާވެރިކަމުގެ ހުޅުކޮޅު ނިވިގެންދާ ފަހަރު މަދެއް ނޫނެނެވެ. ފަސޭހަ ނުވާ ފާރުގަނޑަކަށް ބަދަލުވެގެން ދެއެވެ. ޝިފާ ނުލިބި އެފާރުގަނޑު ފާވެ ބޮޑު ބަލިމަޑުކަމަކަށް ވެދެއެވެ. އެއީ ދިރިއުޅުމެއް ނޫނެވެ. ސަޒާ އެކެވެ. އަމިއްލަ ޖަޒުބާތުތަކުގެ ޖަލެއްގައި ނަފުސު ހައްޔަރުވެގެންދާ ފަހަރު މަދެއް ނޫނެވެ. ރުޅިވެރިކަމުގެ އިހުސާސްތަކާ ދުރުވާން ޖެހެނީ އެހެންވެގެންނެވެ.

*****

މަސްރޫރާ ދެކެވުނު ވާހަކަތައް ޒަރާރްއާއި ރަހުމާ ހިއްސާކުރިއެވެ. އެވާހަކަތައް އަޑުއިވާއެކު، މަންމަގެ ގާތުން މަޢާފަށް އެދުމުގެ ފުރުސަތު ނުލިބުމުން ބައްޕަ ކުރަމުންދާ ހިތާމަތައް ތަސައްވަރުކުރެވުނެވެ. ނަމަވެސް އަދި މުޅިން ވަގުތު ފާއިތު ނުވެއެވެ. މަޢާފަށް އެދި ޢާއިލީ ހަމަނުޖެހުމަށް ނިމުމެއް ގެންނަން ބައްޕަ ކުރި މަސައްކަތުން ބައްޕަގެ ހިތްވަރު ހާމަކޮށްދިނެވެ. އުއްމީދު އާލާކޮށްދިނެވެ. މާމަ ދެކެމުން އައި ހުވަފެން ސީދާވެއްޖެކަމުގެ އުފާވެރިކަމާއެކު ޒަރާރް ހިނިތުންވެލިއެވެ. ޢާއިލާގެ މަސްލަހަތު ހަމައަކަށް އެޅުމުން މާތްﷲއަށް ހަމަދުކޮށްލެވުނެވެ.

*****

ޒަރާރްއާއި ތަނާލްގެ ކައިވެނީގެ ތައްޔާރީތައް ދެޢާއިލާ ގުޅިގެން ނިކަން ފޯރީގައި ކުރިއަށް ދިޔައެވެ. ކައިވެނީގެ ދަޢުވަތު ކާޑާއި، ކައިވެނީގެ ހެދުމާއި، ތީމާއި، ހަފްލާ ތައްޔާރުކުރާނެ ގޮތް ވެސް ކަނޑައަޅައި ނިމިއްޖެއެވެ. ރަންކިއުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ވެސް ހަމަޖެހިއްޖެއެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތަނާލްއާއި ޒަރާރްގެ އިންތިޒާރަށް ނިމުން ގެނުވަމުން ދިޔަ ދުވަހެކެވެ. އުފާވެރި ދުވަސްތަކަށް ކުރަމުންދާ ފޮނި އުއްމީދަށް ދިރުން ގެނެސްދިނެވެ. ކައިވެނީގެ ތައްޔާރީތަކާ ގުޅިގެން ތަފާތު ވާހަކަތައް ދެޒުވާނުންގެ ދެމެދުގައި ބަދަލުކުރެވުނެވެ. ތަނާލް ބޭނުންވާ ކޮންމެ ކަމަކަށް ޒަރާރް އެއްބާރުލުން ދިނެވެ. އެކަމެއް ފުރިހަމަކޮށްދޭން ބޭނުން ވިއެވެ. ތަނާލްގެ އުފާވެރިކަންވެގެން ދިޔައީ ޒަރާރްގެ ހިތްހަމަޖެހުމަށެވެ.

*****

ދައްޔާންގެ ސިކުނޑިއަށް ގިނަވަމުންދާ ވަސްވާސްތައް ނުރައްކާތެރި ދަރަޖައަކަށް ދާން ފަށައިފިތާ ދުވަސްކޮޅެކެވެ. ރައިހާނާއި ޖައިލަމްގެ ފޯންކޯލްތަކަށް ޖަވާބުދިނުން ހުއްޓާލައިފިއެވެ. މެސެޖުތަކަށް ވެސް ރައްދެއް ނުދިނެވެ. އައު އެކުވެރިންތަކެއް ހޯދީ ޕާޓީކުރުމަށް ދެވިހިފާފައި ހުރުމުން އޭނަގެ ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދޭށެވެ. އެކަން ރައިހާނަށް އެނގުމުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ވާދަވެރިބަޔަކާ ގުޅިގެން އުޅުމަށްވުރެން، ދައްޔާންގެ މިޒާޖަށް އަންނަމުންދާ ބަދަލުތަކުން ރައިހާން ކަންބޮޑު ވިއެވެ. އެހީވާން އުޅުމުން ރައިހާންގެ ބަހަށް ދައްޔާން އިޖާބައެއް ނުދިނެވެ. އޭނަގެ އަމަލުތަކުން ނިކުމެދާނެ ނަތީޖާއަކަށް ވިސްނާލަން އަމުދުން ބޭނުމެއް ނުވިއެވެ. ފަހުން ހައްލު ހޯދާނެ ކަމަށް ނިންމަމުންނެވެ. މިވަގުތަށް އޭނަ ބޭނުންވަނީ އެންމެ ކަމެކެވެ. އެކަން ހާސިލް ވަނިކޮށް ނިމުނީއެވެ.

*****

ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. މާދަމާ އަކީ ރަންކިއުމުގެ ރަސްމިއްޔާތު އޮތް ދުވަހެވެ. ހަވީރަށް ހުރިހާ އިންތިޒާމުތައް ނިމޭނެކަމަށް އިވެންޓާ ހަވާލުވެ އޮތް ޓީމުން އޮތީ ޔަޤީންކަން ދީފައެވެ. ތައްޔާރީތައް ބަލަން ގޮސްފައި ތަނާލް ގެއަށް ލައިދޭންވެގެން ޒަރާރް ދިޔަ އެވެ. ދިޔަ މަގުމަތީގައި ކައިވެނީގެ ހަފްލާއަށް ދަޢުވަތު ދެވޭނެ މީހުންނާ ގުޅިގެން މަޝްވަރާ ކުރެވުނެވެ. އިހުގެ ރައްޓެހިންނާ ގުޅުމެއް ނެތަސް ދަޢުވަތު ދޭން ތަނާލް ނިންމިއެވެ. ހިތްބުރަކަމެއް ނުވާތީއެވެ. ހަމައެއާއެކު ރާނިޔާއަށް ވެސް ދަޢުވަތު ދެވުނެވެ. ރާނިޔާއާއި ބައްދަލުކޮށްފައި ދަޢުވަތު ކާޑު ދޭން އުޅުނަސް، ސެމިނާއަކަށް ރާއްޖޭން ބޭރަށް ގޮސްފައިވުމުން އެފުރުސަތު ނުލިބުނީއެވެ. ނަމަވެސް ކައިވެނީގެ ހަފްލާއަށް އަންނާނެކަމުގެ ޔަޤީންކަން އޮތީ ދީފައެވެ.

*****

ފެންވަރައި ތާޒާ ވެލައިގެން ފާޚާނާއިން ނިކުތް ޒަރާރް އުނުގައި އޮތް ތުވާލި ސޯޓަކަށް ބަދަލުކޮށްގެން އެނދުގައި އޮށޯތެވެ. އޭނަގެ ތުންފަތުގައި ފަނޑުނުވާ ހިނިތުންވުމެއް ވިއެވެ. ނިދުމުގެ ކުރިން ތަނާލްއާއި ވާހަކަދައްކާލަން ވެގެން ވީޑިއޯ ކޯލެއް ކުރަން ބޭނުން ވިއެވެ. ވަކިވިތާ ގިނަ އިރެއް ނުވާކަން ޒަރާރްއަށް އެނެގެއެވެ. އެހެނަސް އޭނަގެ ހިތް އެދެނީ ތާ އަބަދު ތަނާލްގެ ސޫރަ ދެކިލުމަށެވެ. ގާތުގައި ހުރުމަށެވެ. ލޯބިވާ މިންވަރު ބުނެދޭށެވެ. ހިތުގެ ވިންދު ކަމުގައި ވެފައިވަނީ ތަނާލް އެވެ. އޭނަގެ މިލްކަކަށް ތަނާލް ވާނެ ދުވަހަކަށް ކުރަމުންދާ އިންތިޒާރު ދިގުލާހެން ވެސް ހީވެއެވެ. ދުވަސްތައް ދިގުވެ ލަހުން ފާއިތުވާހެން ހީވާތީއެވެ. ޖާދުވީ ބާރެއް ލިބޭނެނަމަ އޭނަ އެދޭނީ ކުރިއަށް އޮތް ދުވަސްތައް ފަޅިސިކުންތުކޮޅަކަށް ބަދަލުވާށެވެ.

ތަނާލްއަށް ގުޅަން އުޅުނު ޒަރާރްގެ ހަރަކާތްތަކަށް ހުއްޓުމެއް ގެނުވީ ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުންނެވެ. އޭރު މެންދަން ވެއްޖެއެވެ. ހައިރާންކަމާއެކު ފޯނުގެ ސްކްރީނަށް ބަލަމުން ޖަވާބުދިނެވެ. އެގަޑީގައި ގުޅާނީ ކާކުބާއޭ ހިތަށް އެރުމުން، އެސުވާލުގެ ޖަވާބު ހޯދަން އަވަސްވެގަތެވެ.

''ހެލޯ، ދޮންބޭ، އަހަންނޭ...'' އިވުނީ ދައްޔާންގެ އަޑެވެ. އެއާއެކު އެނދުގައި އޮށޯވެގެން އޮތް ޒަރާރް ތެދުވެ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ގަޑީގެ ގޮތުންނާއި ނުދަންނަ ނަބްރަކުން ދައްޔާން ގުޅުމުން ވެގެން އުޅޭ ގޮތެއް ސާފުކުރަން ޒަރާރް އުޅުނެވެ. ކަންބޮޑުވާ ގޮތް ވެސް ވެއްޖެއެވެ.

''ދާން؟، ކަމެއް ވީތަ؟، ކޮބާތަ ދާންގެ ފޯނު؟...'' ފައްޗަކަށް ސުވާލުތައް އަމުނާލެވުނެވެ.

''ފޯނު ހަލާކުވެގެން މިއުޅެނީ، އެހެންވެގެންނޭ ދޮންބެއަށް މިގުޅީ، ކާރު ވެސް ސްޓާޓެއް ނުވި، އަހަރެން ބަލާ އާދެވިދާނެތަ؟ ހުޅުމާލެއަށް......'' ދައްޔާން ވެގެން އުޅޭ ގޮތް ސާފުކޮށްދިނެވެ.

''މިދަނީ... އެކަނިތަ ތިއުޅެނީ؟...'' ޒަރާރް ކޮޅަށް ތެދުވިއެވެ. އަލަމާރި ހުޅުވާލަމުން ނެގި ޖިންސާއި ޓީޝާޓު ލަމުން ބޭރަށް ދާން ތައްޔާރުވެލިއެވެ.

''މިގަޑީގަ އެކަނި، ބޭރުގަ އުޅެފަ ގެއަށް ދާން އުޅެނިކޮށް ކާރު ހުއްޓުނީ، މަގުން ދިޔަ މީހެއްގެ ފޯނު ހޯދައިގެން މިގުޅީ...... ސޮރީ މިގަޑީގަ ދޮންބެއަށް ގުޅަން ޖެހުނީތީ، ފްރެންޑަކަށް ވެސް މިގަޑީގަ އާދެވެން ނެތީމަ މިގުޅީ...'' ދައްޔާންގެ ޖުމްލަތައް ވަރަށް ފަށުއްވެވެ. އޭނަގެ ދަންތުރަ ޒަރާރްގެ ކަރަށް ބާރުކުރާނެ ދޮގުތަކަށް ދުރާލާ އޭނަ ހުރީ ތައްޔާރުވެގެންނެވެ. އޭނަ ކަމަކު އެދެފިނަމަ ވިސްނާލުމެއް ނެތި ޒަރާރް އިޖާބަދޭނެތީ އެކަމުގެ ނާޖާއިޒް ފައިދާ ނެގިއެވެ. ޝައްކު ނުވާނެހެން ވާހަކަތައް އަތުރަމުން ދިޔައީ އެހެންވެގެންނެވެ.

''މިދަނީ...'' ދައްޔާން ހުރި ތަނުގެ މަޢުލޫމާތު ހޯދަމުން ޒަރާރް ކޮޓަރިން ނިކުތެވެ. އޭނަ އަވަސްވެގަތީ ދައްޔާން ބުނެދިން މަންޒިލަށް ދިއުމަށެވެ. ދައްޔާނަށް ކުރި އިތުބާރުން ބޯމަތިވެފައި އޮތް ނުރައްކަލުގެ ހިލަން ނުވާ ހާލުގައެވެ. ކޮއްކޮގެ ފަރާތުން ނުރައްކަލެއް އޮވެދާނެ ކަމަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

(ނުނިމޭ)