މިއަހަރު ވޯލްޑް ކަޕަށްވެސް އެމެރިކާ ގޮވައިގެން ނުކުތް މައުރީޝިއޯ ޕޮޗެޓީނޯ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށްވެސް މަގާމުގައި މަޑުކުރަން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އުމުރުން 54 އަހަރުގެ ކޯޗު ޕޮޗެޓީނޯ އެމެރިކާއާ ހަވާލުވީ 2024 ވަނަ އަހަރާ ހަމައަށެވެ. އެފަހަރުވެފައިވާ އެއްބަސްވުން މިއަހަރު ހަމަވާން އޮތް އިރު، އެމެރިކާއަށް މިއީ ރަނގަޅު ވޯލްޑް ކަޕެކެވެ. ޕޮޗެޓީނޯއާއެކު އެމެރިކާއިން ގަދަ 16 ގައި ވާދަކޮށްފައިވާ އިރު، އެޓީމުގެ ފަރާތުން ފެނުނީ ޕޮޗެޓީނޯ ސްޓައިލްގެ އެޓޭކިން، ޕްރެސިން ކުޅުމެކެވެ.

އެމެރިކާގެ ކޯޗުކަމުގައި ޕޮޗެޓީނޯ ބަހައްޓަން ނިންމީވެސް އެ ކުޅުމުގެ ސަބަބުން ކުރިމަގު ފެންނާތީ ކަމަށް އެގައުމުގެ ސޮކާ ސީއީއޯ އަދި ސެކްރެޓަރީ ޖެނެރަލް ޖޭޓީ ބަޓްސޮން ވަނީ ބުނެފައިވެއެވެ. އޭނާ ބުނީ އެމެރިކާ ފުޓުބޯޅައިގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓާއެކު އެގައުމުގެ ކުރިމަގު ފެންނަ ކަމަށާއި، މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށްދާނަމަ، އަަވަސް މުސްތަގުބަލެއްގައި ކާމިޔާބު ފެންނާނެ ކަމަސެވެ.

ކުރިން ޓޮޓެންހަމްއާއި ޗެލްސީގެ އިތުރުން ޕީއެސްޖީއަށްވެސް ކޯޗުކަން ކޮށްދިން ޕޮޗެޓީނޯ އަކީ ތަޖުރިބާކާރު ކޯޗެކެވެ. އޭނާގެ އިރުޝާދުގެ ދަށުން އެމެރިކާއިން ވޯލްޑް ކަޕް ގްރޫޕްގެ އެއްވަނަ ހޯދި އިރު، ހުރިހާ މެޗަކުން މޮޅުވިއެވެ. އެއީ މިހާތަނަށް އެގައުމުގެ ތާރީހުގައި އެ ޝަރަފު ހޯދުނު ފުރަތަމަ ފަހަރެވެ. އެމެރިކާއިން ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ، ޕެރަގުއާއީ އަދި ތުރުކީ ބަލިކުރިއެވެ.