ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަހުގީގުކޮށް، 30 ދުވަހުގެ ތެރޭގައި އެ ތަހުގީގުން ފާހަގަވި ކަންކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި އެކަންކަން ހިމަނައި، މާލިއްޔަތު ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓް ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓްގައި ގިން ފިޔަވަޅުތަކެއް އަޅަން މަޖިލީހުން ފާސްކުރަން ވަނީ ހިމަނައިފައެވެ.
މިއަދުގެ ޖަލްސާއިން އެ ރިޕޯޓް ފާސްކުރީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އޭސީސީން އެ ތަހުގީހުތައް ކުރަމުންދާ އިރު، ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށާއި އެ މައްސަލަތައް ނިންމުމުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ކޮމިޓީއާ ހިއްސާ ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ފެނަކަ ރައިޓް ސައިޒް ކުރުމަށްޓަކައި އޮޕަރޭޝަން ފުޅާވަމުންދާ މިންވަރާއި ކުންފުނީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާ ހަވާލު ކޮށްފައިވާ މަސައްކަތްތަކާއި ވޯކްލޯޑް ބެލުމަށް ޖޮބް އެނެލެސިސްއެއް ހެދުމަށް އެ ކުންފުންޏަށް އެންގުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އަދި އޭގެ ނަތީޖާއަށް ބިނާކޮށް ކުންފުނީގެ ވަޒީފާތަކުގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރު ކުރުމަށްފަހު ނޫނީ ކުންފުނީގެ ވަޒީފާތަކަށް އިތުރު މުވައްޒަފުން ނުނެގުމަށް އެންގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނުވަތަ ނިމުނު ގޮތާއި ކުންފުނީގެ އަދަދަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލް ވެސް މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް